Roadha Mihaaru
ބާ އިމްތިހާނާ ހެދި ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި

ބާ އިމްތިހާނާ ގުޅިގެން ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި

16 ޖޫން 2022

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓަރީ ގްރޫޕުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓަރީ ގްރޫޕުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

އެމްއެންްޕީން ބުނީ އެ ބިލު ހުށަހެޅީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އެއް ވަަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގެ 1-33 ވަނަ މާއްދާގެ (ބ) އޮތް ގޮތުން 1-33 ގެ (ރ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައަކީ އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ "ބާ ކައުންސިލުން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނު" ގައި ބައިވެރިވުމަށް ޝަރުތުކޮށް ދީފައިވާ ހުއްދައެއް ކަމަށް މާނަކުރެވޭތީ ކަމަށެވެ.

އެ ގާނޫނުގެ 1-33 (ބ) ގައި ހުވާ އާކުރުމަށްޓަކައި ބާ އިމްތިހާން ހެދުމަކީ ގާނޫނުން އުފައްދާފައިވާ ހަމަނުޖެހޭ އިލްތިޒާމެއް ކަަމަށާއި އެކަމަކު ސަބަބުން 2020 ވަނަ އަހަރު ބާ ކައުންސިލުން ހުއްދަދީފައިވާ ގިނަ އަދަދެއްގެ ވަކީލުންތަކެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ، މިމަހުގެ 25 އަށް ތާވަލުކޮށްފައިވާ ބާ އިމްތިހާނުގައި ބައިވެރިނުވެއްޖެ ނަމަ، ބާތިލްވެދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށެވެ.

އެ ހުށަހެޅުމުގައި ވަނީ ގާނޫނު މިހާރު އޮތްގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގާނޫނުގެ ދަށުން ބާއްވާ ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރިނުވުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް މާނަކުރެވިދާނެތީ އެ ގާނޫނު އޮޅުންފިލުވުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ފެންނަ ކަމަށެވެ.

އެމްއެންޕީން ބުނީ އެ ގާނޫނު ފާސްކުރިއިރު ކިޔަވައި ނިމި ހުއްދަ ލިބިފައި ނެތް ދަރިވަރުންނަށާއި ގާނޫނީ ވަކީލުކަން ކުރުމަށް އޭރު ކިޔަވަމުންދިޔަ ދަރިވަރުންގެ މައްޗަށް ގާނޫނުން ފުރިހަމަކުރަންޖެހޭ ބާ އިމްތިހާނާއި ތަމްރީނުގެ ފުރުސަތުތައް ލާޒިމުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުގައި ބުނާ ބާ އިމްތިހާނާއި ތަމްރީނު ފުރިހަމަ ކުރުމަށް ލާޒިމުކުރާ މާއްދާތައް ތަތުބީގުކުރެވޭނީ އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކިޔެވުން ފަށާ ދަރިވަރުންގެ މައްޗަށްކަމަށް ކަނޑައަޅައި ގާނޫނުގެ އިންތިގާލީ ބާބުގައި އެކަން ހިމެނުމަށް ވަނީ ހުށަހަޅައިފަ އެވެ.

ބާ ކައުންސިލްގެ ފުރަތަމަ އިމްތިހާނަށް ޝަރުތުހަމަވާ ގިނަ ބަޔަކު ތިއްބަސް ރަޖިސްޓްރީވި މީހުން މަދުވުމުގެ ސަބަބުން އެ ސަބަބު ދެނެގަނެ ހައްލު ހޯދުމަށް އެ އިމްތިހާނު ފަސްކޮށްދޭން ކައުންސިލްގެ އިންތިހާބީ އެކްސްކޯ އިން ވެސް ވަނީ އެދިފަ އެވެ.

އެ އިމްތިހާނުގައި 1000 އަށް ވުރެ ގިނަ މީހުން ބައިވެރިވާން ތިއްބަސް ރަޖިސްޓްރީވީ އެންމެ 200 އެއްހާ މީހުންނެވެ. އެ އިމްތިހާނަށް ކަނޑައަޅާފައި ވަނީ 10،000ރ. ގެ ފީއެކެވެ. އެކަމަކު އެ އަދަދު ބޮޑުވުމުން ވަގުތީ ލައިސަންސްގައި މަސައްކަތްކުރަމުން އަންނަ ލޯޔަރުންނާއި އިމްތިހާނަށް ޝަރުތު ހަމަވާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.