15 ޖުލައި 2020
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި، އަވަސް އަރުވާލައިގެން ގޮތެއް ނިންމުމަކީ އިންސާފު ގާއިމްކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ބާކައުންސިލްގެ ރައީސް އަދި ވަކީލް މައުމޫނު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި، އަވަސް އަރުވާލައިގެން ގޮތެއް ނިންމުމަކީ އިންސާފު ގާއިމްކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ބާކައުންސިލްގެ ރައީސް އަދި ވަކީލް މައުމޫނު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ހަތް ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އިއްޔެ ވަނީ މުޅި މައްސަލަ ބޭރުކޮށްލައްވައިފަ އެވެ. އެއާ އެކު އަދީބު މިނިވަންވި އެވެ. އެކަމަކު އޭނާއަށް ފުރުން މަނާކޮށް އެ ކޯޓުން ރޭ އަމުރެއް ނެރުނެވެ.
އަދީބުގެ މައްސަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ވަނީ އެ ދައުވާތައް ކޯޓުން ބޭރުކޮށްލީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށެވެ.
މައުމޫންގެ ޓްވީޓް އައީ ކޯޓެއްގައި ހިނގާ މައްސަލައަކާ ގުޅިގެން މަޖިލިހަށް ކުއްލި މައްސަލައެއް ވެއްދުމުންނެވެ. އެކަމަކު އޭނާގެ ޓްވީޓްގައި ސީދާ އަދީބުގެ މައްސަލައޭ ވިދާޅުވެފައެއް ނުވެ އެވެ.
އޭނާ ލިއުއްވި ގޮތުގައި "މިކަހަލަ ހާލަތެއްގައި ވަކި ގޮތެއް ނިންމުން އަވަސްކުރުމުން، އިސްތިއުނާފްކުރުމާއި ކަންކަން ހިނގަނީ ރަނގަޅަށްތޯ ބެލުމުގެ ނިޒާމަށް ހުރަސްއެޅޭނެ" އެވެ.
"އެކަމުން ފަނޑިޔާރުން ބިރުގަނެ، އޭގެ ނުބައި އަސަރު ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ވެސް ކުރާނެ އެވެ،" މައުމޫން ވިދާޅުވި އެވެ.
"މިއީ އިންސާފު ގާއިމްކުރުމާއި ގާނޫނީ ހުކޫމަތް ދަމަހައްޓަން ވެސް ހުރަހެކެވެ."
.@mvpeoplesmajlis rushing to judgment in these situations impedes the proper operation of appeal and oversight mechanisms. It also intimidates judges & has a chilling effect on the independence of the judiciary.
— Maumoon Hameed (@maanhameed) July 15, 2020
This is prejudicial to the administration of justice & rule of law. https://t.co/WpwDTsMKKN
ހަސަން ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވިިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ފަނޑިޔާރުގެ ނިންމުން ގަބޫލުނުކުރެވޭ ނަމަ ކުރަން ޖެހޭނެ ކަމަކީ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުން ކަމަށެވެ. އެކަމަކު އޭނާ އެހެން ވިދާޅުވުމުން އެ ވާހަކަ މެދުކަނޑުއްވައިލައްވާފައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައި އޮތީ ފަނޑިޔާރެއްގެ ހުކުމުގެ މައްސަލަ ނޫން ކަމަށާއި އެއީ ފަނޑިޔާރަކު ޝަރީއަތް ގެންދިޔަ އިޖުރާއަތްތަކުގެ މައްސަލަ ކަމަށެވެ.
"އިއްޒަތްތެރި ރައީސް، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ވާ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް. އެ މައްސަލަ ޖޭޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް އެބަ އޮތް. ރިޝްވަތު ނެގި ކަމަށް ތުހުމަތުކުރެވޭ ނަމަ އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރަށް ވެސް އެބަ އޮތް،" އުޝާމް ވިދާޅުވި އެވެ.
އެ ހިސާބުން ރިޔާސަތުން ނަޝީދު އަނެއްކާވެސް އެވާހަކަ ހުއްޓުވައި ކުރިން ވިދާޅުވި ވާހަކަފުޅު ތަކުރާރުކުރެއްވި އެވެ. އެމަނިިކުފާނު ވިދާޅުވީ ހުށަހަޅާފައި އޮތީ ފަނޑިޔާރެއްގެ ހުކުމުގެ މައްސަލަ ނޫން ކަމަށާއި ޝަރީއަތެއް ގެންދިޔަ އިޖުރާއަތްތަކެއްގެ ވާހަކަ ކަމަށެވެ.
"އެހެން ނަމަވެސް މިތަނުގައި މި ވާހަކަ ދެކެވެނީ ފަނޑިޔާރު ގަމާރު ވާހަކައާ އެކަހަލަ ވާހަކަތަކެއް،" އުޝާމް ރައްދުދެއްވި އެވެ.
ނަޝީދު ވިދާޅުވީ ނުކުތާއަކީ ފަނޑިޔާރުގެ ގާބިލުކަން ނެތުމާއި އިޖުރާއަތްތައް ހިންގަން ނޭނގުން ކަމަށާއި ގަމާރުކަމުގެ ވާހަކަ އަންނަނީ އެގޮތުން ކަމަށެވެ.
އެކަމަކު ދެން ވެސް އުޝާމް ވާހަކަ ކުރިއަށް ގެންދެވި އެވެ. އަދި މަލާމާތެއްގެ ގޮތަށް ބައެއް ވާހަކަ، ރިޔާސަތަށް އަމާޒުކުރެއްވި އެވެ.
"އަޅުގަނޑަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުން ވަރަށް ބޮޑަށް އެދެން. އައިސް މިޖެހެނީ ތިޔަ ވިދާޅުވާހެން ފަނޑިޔާރުގެ ސުލޫކީ މައްސަލައަކާ. ފަނޑިޔާރުގެ ގާބިލްކަމުގެ މައްސަލައަކާ. އެހެން ކަމަށް ވާ ނަމަ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށޭ އަޅުގަނޑު މިދަންނަވަނީ. އެ މައްސަލަ މަޖިލީހުގެ ފްލޯއަށް ހުށަހަޅައިގެން ބަހުސް ކުރަން ޖެހޭ ކަމެއް ނޫނޭ. މިއީ ތިޔަ ބޭފުޅުން ތިޔަ ވިދާޅުވާ އިންސާފު ކަމަށް ވާ ނަމަ ސާބަހޭ ދަންނަވަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.
އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލުމުން އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ސަސްޕެންޑުކޮށްފި
އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ބަލަނީ
އަދީބު މިނިވަންކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އަދީބަށް ދެވުނީ އިންޓެލިޖެންސް ފެއިލްވުމުން: މީކާއިލް
އަދީބު ދޫކޮށްލުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ކްރިމިނަލް ކޯޓުގައި ނުނިމި 1،910 މައްސަލަ އެބައޮތް
އަދީބުގެ ސިޓީ: ނަޝީދުގެ ހުކުމް ލިޔުނީ ފަނޑިޔާރެއްނޫން
"ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ ނުރައްކަލެއް"
ޝަކީލްއާ ބައްދަލުކުރި ވާހަކަ ނަޝީދު ދޮގުކުރައްވައިފި