Roadha Mihaaru
ފަހު މެޗުން މޮޅުވެ ރެއާލް އަނެއް ބުރަށް

ފަހު މެޗުން މޮޅުވެ ރެއާލް ގްރޫޕް އެއް ވަނައިގެ ގޮތުގައި އަނެއް ބުރަށް

10 ޑިސެމްބަރ 2020

މެޑްރިޑް (ޑިސެމްބަރު 10) - އުނދަގޫ ފައްތަރެއްގައި އޮތް ރެއާލް މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 2-0 އިން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

މެޑްރިޑް (ޑިސެމްބަރު 10) - އުނދަގޫ ފައްތަރެއްގައި އޮތް ރެއާލް މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 2-0 އިން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ރޭގެ މެޗުތައް ފެށިއިރު ރެއާލް އޮތީ ގްރޫޕް ބީގެ ތިން ވަނައިގަ އެވެ. ރޭ ހޯދި މޮޅާ އެކު އެ ޓީމު ވަނީ ހަ މެޗުން 10 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ މުންޗެންގްލަޑްބެކް އާއި ތިން ވަނައިގައި ނިންމި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކަށް ލިބުނީ ހަ މެޗުން އަށް ޕޮއިންޓެވެ. ހެޑް ޓު ހެޑް ގަވާއިދުން އަނެއް ބުރުގެ ޖާގަ ހޯދީ މުންޗެންގްލަޑްބެކް އެވެ. ރޭ މޮޅުވެގެން އަނެއް ބުރުގެ ފުރުސަތު ލިބެން އޮތް އިޓަލީގެ އިންޓަ މިލާން އަމިއްލަ ދަނޑުގައި ޝަހުތަރު ޑޮނެސްކާ ލަނޑެއް ނުޖެހި އެއްވަރުވުމުން އެ ޓީމު ވަނީ ހަ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު މުބާރާތުން ކަޓައިފަ އެވެ.

ފައިނަލެއްގެ ގޮތުގައި ނަގައިގެން ރޭގެ މެޗަށް ނުކުމެ ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރެއާލުން ޖެހި ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. ފުރަތަމަ ގޯލު ނުވަ ވަނަ މިނިޓްގައި ޖެހީ ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން ބޮލުންނެވެ. ދެ ވަނަ ގޯލު މެޗުގެ 31 ވަނަ މިނިޓްގައި ކާމިޔާބުކުރީ ވެސް ބޮލުންނެވެ. މި ފަހަރު ހުރަސް ނަގައިދިނީ ބްރެޒިލްގެ ވިންގް ރޮޑްރީގޯ އެވެ. މުންޗެންގްލަޑްބެކް އަށް ވެސް މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ރޭގެ މެޗުގައި ރެއާލްގެ ލޫކަ މޮޑްރިޗް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"މެޗުގެ ކުރިން ވަރަށް އުނދަގޫ ހާލަތެއްގައި އޮތަސް ކުޅުންތެރިން ދެއްކި ތަފާތު ރޫހުން މި މޮޅު ލިބުނީ. ވަރަށް ހިތްހަމަޖެހިއްޖެ،" ރޭގެ މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުންޏެވެ.

އަންގާރަ ދުވަހުގެރޭ ނަސްލީ ތަފާތު ކުރުމުގެ މައްސަަލައަކާ ހެދި ޕީއެސްޖީ އާއި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރު ކުޅެން އޮތް މެޗު ސަސްޕެންޑްކުރިއިރު، ރޭ ވަނީ އަލުން އެ މެޗު ކުޅެފަ އެވެ. ނޭމާގެ ހެޓްރިކާއި ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު ބަސަކްޝެހީރް އަތުން 5-1 އިން މޮޅުވެ ޕީއެސްޖީ އަނެއް ބުރު ޔަގީންކުރީ ގްރޫޕްގެ އެއް ވަނައިގެ ގޮތުގަ އެވެ.

ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު ޑެންމާކުގެ މިޓްޔައެލަންޑް ދަނޑުގައި ލިވަޕޫލް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަމިއްލަ ދަނޑުގައި މާސޭ އަތުން މެންޗެސްޓާ ސިޓީ ވަނީ 3-0 އިން މޮޅުވެފަ އެވެ. ނަތީޖާ ނެރެން މަޖުބޫރު މެޗަކަށް އޮސްޓްރިއާގެ ސަލްޒްބާގް ދަނޑުގައި ނުކުމެ އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 އިން މޮޅުވެފަ އެެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ބަލިކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު:

ބަޔާން މިއުނިކް (ޖާމަނީ)، ރެއާލް މެޑްރިޑް (ސްޕެއިން)، މެންޗެސްޓާ ސިޓީ (އިންގްލެންޑް)، ލިވަޕޫލް (އިންގްލެންޑް)، ޗެލްސީ (އިންގްލެންޑް)، ބޮރޫސިއާ ޑޯޓްމަންޑް (ޖާމަނީ)، ޔުވެންޓަސް (އިޓަލީ)، ޕީއެސްޖީ (ފްރާންސް)، އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)، ބޮރޫޝިއާ މުންޗެންގްލަޑްބެކް (ޖާމަނީ)، ޕޯޓޯ (ޕޯޗުގަލް)، އެޓަލަންޓާ (އިޓަލީ)، ސެވިއްޔާ (ސްޕެއިން)، ލާޒިއޯ (އިޓަލީ)، ބާސެލޯނާ (ސްޕެއިން)، އާރްބީ ލައިޕްޒިގު (ޖާމަނީ)