Roadha Mihaaru
މެޗުން ބަލިވުމުން ޕީއެސްޖީ ރައީސްގެ ހަމަލާ ރެފްރީންނަށް

މެޗުން ބަލިވުމުން ޕީއެސްޖީގެ ރައީސް ރެފްރީންނަށް ހަމަލާ ދީފި

10 މާޗް 2022

މެޑްރިޑް (މާޗް 10) - ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން ބަލިވެ، މުބާރާތުން ޕީއެސްޖީ ކެޓުމުން އެ ޓީމުގެ ރައީސް ނާސިރު އަލް ޚަލައިފީގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (މާޗް 10) - ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން ބަލިވެ، މުބާރާތުން ޕީއެސްޖީ ކެޓުމުން އެ ޓީމުގެ ރައީސް ނާސިރު އަލް ޚަލައިފީގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ޚަލައިފީ އާއި ޕީއެސްޖީ ވެސް ހިތްހަމަ ނުޖެހުނީ ރެއާލުން ނަތީޖާ އެއްވަރުކުރަން ގޯލު ޖެހުމުގެ ކުރިން ކަރީމް ބެންޒެމާ ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ އަށް ފައުލް ކުރި ކަމަށް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރޭ 3-1 އިން ޕީއެސްޖީ ބަލިވި މެޗަށް ފަހު ރުޅި އައިސްފައި ހުރި ނާސިރު އަލް ޚަލައިފީ ޓަނެލް ތެރޭން ރެފްރީންނާ ކުރިމަތިލާން މަސައްކަތްކުރުމުން އޭނާ އެ ތަނުން ބޭރުކުރީ ދަނޑުގެ ސެކިއުރިޓީންނެވެ. އަދި ޓަނެލް ތެރޭން ވަދެގެން ރެފްރީންގެ ކޮޓަރިއާ ދިމާލަށް ދަމުން، އޮފިޝަލުންނާ ކުރިމަތިލާން ކޮޓަރިއަށް ވަންނަން އޭނާ ދިޔައީ ފާރުތަކުގައި ވެސް ތަޅަމުން ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މެޗުގެ ރެފްރީންގެ ރިޕޯޓުގައި ވަނީ، ޚަލައިފީގެ އިތުރުން ޕީއެސްޖީގެ ޑިރެކްޓަރު ލިއެނާޑޯ އަރައުހޯ ވެސް ގަދަކަމުން ރެފްރީސް ރޫމަށް ވަންނަން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ތަނުން ދިޔުމަށް ޚަލައިފީ އަށް އެންގުމުން އޭނާ ވަނީ ރެފްރީއެއްގެ އިކުއިޕްމަންޓަކަށް ވެސް ގެއްލުން ދީފައި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޚަލައިފީ ވަނީ އެ މަންޒަރު ރެކޯޑްކުރި ރެއާލް މެޑްރިޑުގެ ޑެލިގޭޓެއް ކަމަށްވާ ކުރީގެ ރެފްރީ މެގިއާ ޑަވިޔާ އަށް ހަމަލާދީ، ވީޑިއޯ ޑިލީޓް ކުރަން ބުނެ އަޑުގަދަކޮށް މަރުގެ އިންޒާރު ވެސް ދީފަ އެވެ.

ޕީއެސްޖީގެ ކޯޗު މައުރީޝިއޯ ޕޮޗެޓިނޯ ވަނީ، މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެފްރީންގެ ނިންމުމާ މެދު އޭނާގެ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ. އޭނާ ބުނީ، ގޯލެއްގެ ގޯލެއްގެ ސަބަބުން ވަރަށް ބޮޑު ބޭއިންސާފެއް އިހުސާސް ކުރެވުނު ކަމަށާއި، ބެންޒެމާ ވަނީ ފުރަތަމަ ގޯލް ޖެހުމުގެ ކުރިން ކީޕަރު ޑޮނަރުމާ އަށް ވަރަށް ސާފްކޮށް ފައުލެއް ކޮށްފައި ކަމަށެވެ.

ޕޮޓެޗީނޯ (ވ)، ލިއެނާޑޯ (މ)، ނަސީރު އަލް ހެއްލައިފީ (ވ).--

ޕޮޓެޗީނޯ (ވ)، ލިއެނާޑޯ (މ)، ނަސީރު އަލް ހެއްލައިފީ (ވ).--

"ވަރަށް ބޮޑު ބޭއިންސާފެއް އިހްސާސް ކުރެވޭ، (ފުރަތަމަ) ލަނޑު ވަނުމުން. އެއީ ބެންޒެމާ، ޑޮނަރޫމާ އަށް ކުރި ސާފު ފައުލެއް،" ޕޮޓެޗީނޯ ބުންޏެވެ.

"އެއީ (ޑޮނަރުއްމާގެ ފަރާތުން) އޮޅުމަކުންވީ ކަމެއް ނޫން، އެއީ ސާފު ފައުލެއް. އަހަރެން 30 ނުވަތަ 40 ފަހަރު ރީޕްލޭ ބަލައިފިން، ހުރިހާ އޭންގަލަކުން ވެސް ފެނިއްޖެ. އެ ގޯލު ވަނީ ގޯލްކީޕަރުގެ މައްސަލައަކުން ނޫން، އެއީ ފައުލްއެއް."

މީގެ އިތުރުން ޕޮޓެޗީނޯ ވަނީ، ވީއޭއާރުން އެކަހަލަ ކުދިކުދި ޑީޓެއިލްސް ދޫކޮށްލުމުން، ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މޫޑު ވެސް ބަދަލުވެ، މުޅި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަކަން ފާހަގަ ކޮށްފަ އެވެ. އަދި ރޭގެ މެޗުގައި ބެންޒެމާ އެއްވަރުކުރި ލަނޑު ޖެހުމާ ހަމައަށް ކޮންޓްރޯލް އޮތީ ވެސް ޕީއެސްޖީ އަތުގައި ކަމަށް ވެސް ޕޮޓެޗީނޯ ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެންދެން ވެސް ޕީއެސްޖީ އޮތީ އެގްރިގޭޓް ދެ ގޯލުގެ ލީޑެއްގަ އެވެ. ރެއާލް މޮޅުވީ ފަހު ހާފުގައި ކަރީމް ބެންޒެމާ ޖެހި ހެޓްރިކުން 3-2 ގެ އެގްރިގޭޓުން ޕީއެސްޖީ ބަލިކޮށްފަ އެވެ.

ސެންޓިއާގޯ ބާނެބެއުގައި ޕީއެސްޖީ ކޮޅަށް ހެޓްރިކް ހަދައި ރެއާލް މެޑްރިޑް ސަލާމަތް ކޮށްދިން ބެންޒެމާ، މެޗަށް ފަހު އެ ވާހަކަތަކާ ބެހޭގޮތުން ބުނީ، އޭނާ އެއްވެސް ގޯހެއް ހެދި ކަމަށް ގަބޫލްނުކުރާ ކަމަށެވެ. އަދި އޭނާ ޑޮނަރޫމާ އަށް ޕްރެޝަރުކުރީ މާ ގިނައިރު ބޯޅަ ހިފަހައްޓަން މަސައްކަތް ކުރުމުން ކަމަށާއި، އޭނާ އަތުން ބޯޅަ ގެއްލުނީ އެ ޕްރެޝަރާ ހުރެ ކަމަށެވެ.