10 މާޗް 2022
މެޑްރިޑް (މާޗް 10) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފި އެވެ.
މެޑްރިޑް (މާޗް 10) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ ގަދަ 16 ގައި ޕީއެސްޖީ އާއި ރެއާލް ވާދަކުރި ފުރަތަމަ ލެގު ޕީއެސްޖީ ކާމިޔާބުކުރީ 1-0 އިންނެވެ. ރެއާލް އިން ކުއާޓާގެ ޖާގަ ހޯދީ ބެންޒެމާގެ ހެޓްރިކުން ފަހަތުން އަރައި 3-1 އިން މެޗު ކާމިޔާބުކޮށް، 3-2 ގެ އެގްރިގޭޓުން ކުރި ހޯދައިގެނެނެވެ.
ރެއާލް އިން ވަރުގަދަކޮށް މެޗު ފެށި ނަމަވެސް ޕީއެސްޖީން ދިޔައީ ކައުންޓާ އެޓޭކް ތަކުގައި ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ފުރަތަމަ 15 މިނިޓު ތެރޭ ކިލިއަން އެމްބާޕޭ ފޮނުވާލި ދެ ހަމަލާއެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރަން ޖެހުނުއިރު ފަހުން ނޭމާ ފޮނުވާލި ހަމަލާއެއް ވެސް ކޯޓުއާ ވަނީ ދިފާއު ކޮށްފަ އެވެ.
ޕީއެސްޖީ އަށް ކުޅޭ ލިއޮނެލް މެސީ، ރެއާލްގެ ލޫކާ މޮޑްރިކަށް ޓެކްލް ކުރުމުން ބެންޒެމާ އަށް ބޯޅަ ލިބުމުން އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ދިފާއުކުރި އެވެ. މިއީ ރެއާލް އަށް މެޗުގައި ލަނޑު ޖަހަން ލިބުނު ފުރަތަމަ ފުރުސަތެވެ.
ޕީއެސްޖީން ލީޑު ނެގީ މެޗުގެ 39 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލެގުގައި އެޓީމު މޮޅުކޮށްދިން ލަނޑު ވެސް ޖެހި އެމްބާޕޭ އެވެ. ޕީއެސްޖީގެ ހާފް ތެރެއިން ނޭމާ ބޯޅަ ހޯދައި، އެމްބާޕޭ އަށް ދޭން ރެއާލްގެ ޑިފެންސް ފަހަތަށް ދިން ބޯޅަ ހޯދައި އެމްބާޕޭ ވަނީ އޭނާ އަށް ހުރަސް އަޅަން ކުރިމަތީ ހުރި ޑޭވިޑް އަލާބާ އަށް ފުރުސަތު ނުގީ ބޯޅަ ގޯލުތެރަށް ފޮނުވާލައި، އެޓީމަށް އެގްރިގޭޓް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.
ދެވަނަ ހާފުގައި، މެޗުގެ 54 ވަނަ މިނިޓުގައި ކޯޓުއާ ކައިރިން ނައްޓާފައި އެމްބާޕޭ އިތުރު ލަނޑެއް ވެސް ޖެހި އެވެ. ނަމަވެސް އޭނާ އަށް ބޯޅަ ލިބުންއިރު ހުރީ އޮފްސައިޑުގަ އެވެ.
މެޗުގެ އޮއިވަރު ބަދަލުވީ 61 ވަނަ މިނިޓާ ހަމައިންނެވެ. މާކޯ ވެރާޓީ ފަހަތުން ކީޕަރު ޑޮނަރޫމާ އަށް ޖައްސާލުމުން ބެންޒެމާ ޕްރެސް ކުރަން ފެށި އެވެ. އަދި ހާސްވެފައި ހުރި ކީޕަރު ޑޮނަރޫމާ ގޯލު ހުރަސްކޮށް އަނެއް ފަޅިއަށް ތިރިތިރިން ޖައްސާލި ބޯޅަ ރެއާލްގެ ވިނީޝަސް ޖޫނިއާ ހޯދައި ބެންޒެމާ އަށް ޖައްސާލުމުން އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި ރެއާލް އަށް އުންމީދު ހޯދައިދީފަ އެވެ.
ރެއާލްގެ ދެވަނަ ލަނޑު މޮޑްރިޗްގެ އެހީތެރިކަމާ އެކު ބެންޒެމާ ޖެހީ 76 ވަނަ މިނިޓުގަ އެވެ. އޭގެ ކުރިން ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު، ވިނީޝަސް ފޮނުވާލި ހަމަލާއެއް ކީޕަރު ޑޮނަރުއްމާ ވަނީ ދިފާއު ކޮށްފަ އެވެ.
ބެންޒެމާގެ ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ގޯލު ޖެހިތާ ދެ މިނިޓް ފަހުންނެވެ. މި ލަނޑު އޭނާ ޖެހީ ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ.
މި ލަނޑާ އެކު ބެންޒެމާ ވަނީ 309 ލަނޑާ އެކު ރެއާލް މެޑްރިޑުގެ ތާރީހުގައި އެޓީމަށް ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ކުރިން ތިންވަނައިގައި އޮތީ 307 ގޯލު ޖެހި ލެޖެންޑް އަލްފްރެޑޯ ޑި ސްޓެފާނޯ އެވެ. ބެންޒެމާ އަށް ވުރެ ކުރީގައި އުޅެނީ 323 ގޯލު ޖެހި ރައުލް ގޮންޒާލެޒް އާއި 450 ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ ވެސް ވަނީ ޖާގަ ހޯދައިފަ އެވެ. ސިޓީ އިން އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ފުރަތަމަ ލެގުގެ މެޗް ސިޓީން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ. ސިޓީ ކުއާޓާ އިން ޖާގަ ހޯދީ ފުރަތަމަ ލެގުގެ ލަނޑުތަކުން 5-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
ބެންޒެމާ އެއް މަހަށް ކުޅުމާ ދުރަށް
ރެއާލް ބަރޯސާ ވަނީ ބެންޒެމާގެ މައްޗަށް: އަންޗެލޮޓީ
ރެއާލް އަތުން ބަލިވުމުން ނިދަން އުނދަގޫވި: ޕޮޗެޓިނޯ
މެޗުން ބަލިވުމުން ޕީއެސްޖީ ރައީސްގެ ހަމަލާ ރެފްރީންނަށް
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
ޕީއެސްޖީ އާއި ރެއާލް މެޗު މިރޭ، ރާމޯސްއަށް ނުކުޅެވޭނެ
ފަހު މެޗުން މޮޅުވެ ރެއާލް އަނެއް ބުރަށް