Roadha Mihaaru
ސަސް ފުރަަތަމަ ޑިވިޝަނުގައި، ފަހަތުގައި އެކުވެރިކަން

ސަސް ފުރަަތަމަ ޑިވިޝަނުގައި، ފަހަތުގައި އެކުވެރިކަން

04 ޑިސެމްބަރ 2020

މަންޗަންގޮޅީގައި ދިރިއުޅޭ އެކުވެރިންތަކެއް އެކުގައި ކުޅެން ދިއުމުގެ ތެރެއިން ޓީމެއް ހެދުމުގެ ވިސްނުން މީގެ ފަސް އަހަރު ކުރިން އަ އެވެ. އޭރުގެ އެ ހިޔާލާ އެއްގޮތަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް/ ސަސްޕަޓީސް) ގެ ނަމުގައި ރަޖިސްޓްރީ ކުރި ކްލަބް މިހާރު މިއޮތީ ފުރަތަމަ ޑިވިޝަނުގަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މަންޗަންގޮޅީގައި ދިރިއުޅޭ އެކުވެރިންތަކެއް އެކުގައި ކުޅެން ދިއުމުގެ ތެރެއިން ޓީމެއް ހެދުމުގެ ވިސްނުން މީގެ ފަސް އަހަރު ކުރިން އަ އެވެ. އޭރުގެ އެ ހިޔާލާ އެއްގޮތަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް/ ސަސްޕަޓީސް) ގެ ނަމުގައި ރަޖިސްޓްރީ ކުރި ކްލަބް މިހާރު މިއޮތީ ފުރަތަމަ ޑިވިޝަނުގަ އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާއިރު އޭގެ ތެރޭގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތިބި ކުޅުންތެރިން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އެކަކަކީ ކެޕްޓަން އަހުމަދު ފަރުހާން (ގައްބެ) އެވެ. އޭނާ ބުނީ މިއަދު ސަސް އަށް މި ހިސާބަށް އާދެވުމުގެ ފަހަތުގައި އޮތީ އެކުވެރިކަން ކަމަށެވެ.

"ގޭދޮށުގައި ތިބި ކުދިން ކޮޅެއް ކްލަބް ރަޖިސްޓްރީ ކޮށްލައިގެން ހިނގާށޭ ކުޅެލަން ކިޔާފައި ސްޓާޓްކުރީ. އަސްލު މި ހިސާބަށް އާދެވުނީ އެކުވެރިކަން އޮތީމަ. ވާހަކަ އަކީ އެންމެން އެކަތިގަނޑަކަށް ވެގެން ކުރި މަސައްކަތުގެ ނަތީޖާއޭ މިއީ،" ލީގު ފެށުމުގެ ކުރިން އެފްއޭއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ގައްބެ ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައްބެ (ކ) އާއި ނާދު (މ) އަދި ތޯރިގު. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައްބެ (ކ) އާއި ނާދު (މ) އަދި ތޯރިގު. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ސަސް އެންމެ ފުރަތަމަ ތިން ވަނަ ޑިވިޝަނުގައި ކުޅުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އައި ދެ އަހަރުގައި ވެސް 2017 އާއި 2018 ގައި ވެސް އެ ޓީމު ވާދަކުރީ ތިން ވަނަ ޑިވިޝަނުގަ އެވެ. އެ ޓީމު 2018 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ބަލިވީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބް އަތުންނެވެ. އެހެން ނަމަވެސް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވުމުން އެ ހިތްހަމަޖެހުން އެ ފަހަރު ލިބުނެވެ.

މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ފެށިއިރު ވެސް ސަސްގެ މާ ބޮޑު ޓާގެޓްތަކެއް ނެތެވެ. ރަނގަޅަށް ޕްރެކްޓިހެއް ނުކޮށް ސީދާ މެޗަށް ނުކުމެ ކުޅެމުން ދިޔަ ނަމަވެސް ވަކި ހިސާބަކުން ޓާގެޓަކާ ހަމަ އަށް ދެވިދާނެ ކަމުގެ އުއްމީދެއް ލިބި ވަރުގަދަ އަށް މަސައްކަތްކުރަން ފެށީ އެވެ. ނަތީޖާއެއްގެ ގޮތުން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައި ފައިނަލުގައި ވެލެންސިއާ އަތުން ބަލިވި ނަމަވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ ބޮޑު ޓާގެޓަށް ވާސިލްވީ އެވެ.

"އަނެއްހެން ދެ ވަނަ ޑިވިޝަނުގައި ފެށިއިރު އެހާ ބޮޑު ޓާގެޓަކަށް ނޫން މަސައްކަތްކުރީ. އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ ޓާގެޓަށް ދެވިދާނެކަން. އެކުވެރިކަމުގެ މަތީގައި މިހާރު މި އޮތް ސްކޮޑާއި ޒުވާން ކުޅުންތެރިންނާ އެކު ކުރިއަށް އޮތްތާގައި ރަނގަޅު ޓީމެއް ބިލްޑްކުރުން ޓާގެޓަކީ،" ގައްބެ ބުންޏެވެ.

ޓީމުގެ މެނޭޖަރު އިސްމާއިލް ތޯރިގު ބުނީ މި ސީޒަނަކީ ފުރަތަމަ އަހަރު ކަމަށްވާތީ އާއި ވިސްނުން ހުރީ މަޑުމަޑުން ޓީމު ކުރިއަށް ގެންދިއުން ކަމަށްވާތީ އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) އަށް ދީފައިވަނީ ގަދަ ހައެއްގެ ޓާގެޓެއް ކަމަށެވެ.

ވަރުގަދަ ޓީމެއް އެކުލަވާލެވޭނެ ކަމުގެ އުއްމީދު ނާދު އަށް އެބައޮތް

އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ހެޑް ކޯޗެއްގެ ގޮތުގައި ނާދު ފެނުނީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ވިކްޓްރީގެ ބެންޗުންނެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ޒުވާން ޓީމަށް ޔޫތު ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދީފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ކުރިން އޮތް އޯލްޔޫތުލިންކްއޭޖް (އޭވައިއެލް)ގައި ވެސް ރަނގަޅު މަސައްކަތްތަކެއްކުރި ނާދު ވަނީ އެ ނޫން ޓީމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. ކްލަބް ވެލެންސިއާ ރެލިގޭޝަން ޒޯންގައި 2012 ވަނަ އަހަރު ކުޅުނުއިރު އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރެ ހެޑް ކޯޗެއްގެ ޒިންމާ ނެގި އެވެ. ފާއިތުވި އަހަރުތަކުގައި ނާދު ބޮޑަށް ފެނިފައިވަނީ ދެ ވަނަ ޑިވިޝަނުގެ ކްލަބްތަކާއި އުމުރުފުރާ ގައުމީ ޓީމުތަކުގެ ކޯޗެއްގެ ގޮތުގަ އެވެ.

ސަސްގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ނާދު (ކ) އާއި އެސިސްޓަންޓް ކޯޗު ފަރިއްޓެ (މ) އަދި ގޯލްކީޕަރު ޓްރެއިނަރު ޑަކޭ (ވ). -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސަސްގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ނާދު (ކ) އާއި އެސިސްޓަންޓް ކޯޗު ފަރިއްޓެ (މ) އަދި ގޯލްކީޕަރު ޓްރެއިނަރު ޑަކޭ (ވ). -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުރަތަމަ ކަމަކަށް ފަސްޓް ޑިވިޝަނުގައި ޓަޗް ކުޑަކޮށް ގެއްލިފައި މި ހުރީ. ދުވަސްކޮޅެއް ވެއްޖެ ތަންކޮޅެއް ދުރުގައި އުޅޭތާ. އުނދަގޫތަކެއް ހުންނާނެ، ފަށައިގަތީމާ ރަނގަޅުވާނީ. މެނޭޖްމަންޓަށް ފުރަތަމަ ޑިވިޝަން އާ ވެދާނެ އެހެން ނަމަވެސް އެ މީހުންނާ އެކީ ފުދޭ ވަރަކަށް ރަނގަޅަށް މަސައްކަތް އެބަކުރެވޭ. ބޭނުންވާ ޓާގެޓަށް ދެވޭނެ،" ގައުމީ ޓީމުތަކުން ވެސް ފެނިފައިވާ ނާދު ބުންޏެވެ.

ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ސަސް އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށާއި ދިވެހި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން މަސްހުނިކޮށް ޓީމު އެލުލަވާލެވިފައި އޮތީ ވަރަށް ހިތްހަމަ ޖެހޭ ގޮތަށް ކަމަށް ނާދު ބުންޏެވެ.

ސަސް އިން ގެނައި ތަޖުރިބާކާރު ކުޅުންތެރިންނަށް ބަލާއިރު އަހުމަދު ޝާފިއު (ޝާފީ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ފައްރާހު (ފައްރަ) އަދި މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެ އެވެ. އެ ޓީމުން ވަނީ އުޒްބެކިސްތާން ގޯލްކީޕަރަކާއި ޖަޕާނުގެ ދެ މިޑްފީލްޑަރުންގެ އިތުރުން ސްޕެއިނުގެ ފޯވާޑެއް ވެސް ގެނެސްފަ އެވެ.

ނާދު އަށް އޮތް ކަންބޮޑުވުމަކީ މި ވަގުތު ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން އަނިޔާގައި ތިބުމުގެ އިތުރުން ބިދޭސީ ކުޅުންތެރިން ލައިގެން ރަނގަޅު ޕްރެކްޓިސް މެޗުތަކެއް ނުކުޅެވުމެވެ. އެހެން ނަމަވެސް ކުޅުންތެރިން ޕްރެކްޓިސްގައި ލާ ހިތްވަރާއި މުޅި ޓީމާއި މެނޭޖްމަންޓުގެ ފަރާތުން އެ ފެންނަ ރޫހުގެ ސަބަބުން ނާދު ހުރީ މި މަސައްކަތާ މެދު ބޮޑު އުއްމީދުތަކެއް ކޮށްގެންނެވެ.

"ދަނޑަށް އިރާދަކުރެއްވިއްޔާ ރަނގަޅު ޓީމެއް ނެރެވޭތޯ މަސައްކަތްކުރާނީ. ފެންނާނެ އާދަޔާހިލާފަށް ކުޅޭތަން ވެސް މި ޓީމުން،" ނާދު ބުންޏެވެ.

ލީގުގައި ސަސް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 13 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ އީގަލްސްއާ އެވެ.