Roadha Mihaaru
ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަށް އެއް ވަނަ

ޕީއެސްޖީ އަތުން ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަށް އެއް ވަނަ

03 ޑިސެމްބަރ 2020

މެންޗެސްޓާ (ޑިސެމްބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން ޕީއެސްޖީ އަތުން ބަލިވިއިރު، ޗެލްސީން ރަށުން ބޭރުގައި ސެވިއްޔާ އަތުން 4-0 އިން މޮޅުވެ ގްރޫޕް އީގެ އެއް ވަނަ ކަށަވަރުކޮށްފި އެވެ.

މެންޗެސްޓާ (ޑިސެމްބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން ޕީއެސްޖީ އަތުން ބަލިވިއިރު، ޗެލްސީން ރަށުން ބޭރުގައި ސެވިއްޔާ އަތުން 4-0 އިން މޮޅުވެ ގްރޫޕް އީގެ އެއް ވަނަ ކަށަވަރުކޮށްފި އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޔުނައިޓެޑާއި ދެ ވަނައިގައި އޮތް ޕީއެސްޖީ އަދި ތިން ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ރޭ އަމިއްލަ ދަނޑުގައި ލައިޕްޒިގު އަތުން 4-3 އިން ބަލިވި އިސްތަންބޫލް ބަސަކްޝެހީރަށް ފަސް މެޗުން ތިން ޕޮއިންޓް ލިބުނުއިރު، ރޭގެ ނަތީޖާއާ އެކު އެ ޓީމު ވަނީ ކަޓައިފަ އެވެ.

ޔުނައިޓެޑް ފަހު މެޗުގައި ރަށުން ބޭރުގައި ލައިޕްޒިގާ ދެކޮޅަށް ކުޅޭއިރު އެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް އަނެއް ބުރުގެ ފުރުސަތު އޮންނާނެ އެވެ. ލައިޕްޒިގަށް ފުރުސަތު ލިބޭނީ ޔުނައިޓެޑް އަތުން މޮޅުވެގެންނެވެ. ލައިޕްޒިގު އެއްވަރުވެއްޖެނަމަ އެ ޓީމަށް ދެން ފުރުސަތު އޮންނާނީ ބަސަކްޝެހީރް އަތުން ޕީއެސްޖީ އަށް މޮޅުނުވެވިއްޖަނަމަ އެވެ. އަމިއްލަ ދަނޑުގައި ބަސަކްޝެހީރް އަތުން މޮޅުވެގެން ޕީއެސްޖީ އަށް އަނެއް ބުރަށް ދެވޭނެ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭގެ މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ނޭމާ އެވެ. ޔުނައިޓެޑަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ މާކަސް ރެޝްފޯޑް އެވެ. ރެޝްފޯޑް ޖެހި ބޯޅަ ގޯލަށް ވަނީ ޕީއެސްޖީގެ ޑަނީލޯ ޕެރޭރާ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ. ފުރަތަމަ ހާފުގައި ބޯޅަ ނެތީސް ޔުނައިޓެޑްގެ ފްރެޑް އާއި ޕީއެސްޖީގެ ލެއަންޑްރޯ ޕަރޭޑޭސްގެ ދެމެދު ހިނގި ކަންތައްތަކެއްގެ ތެރެއިން ފްރެޑް ވަނީ އޭނާގެ ބޮލުން ޕަރޭޑޭސް ބޮލުގައި ޖަހައިފަ އެވެ. ޕީއެސްޖީ ކުޅުންތެރިން ފްރެޑަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށް ބުނެ އެޕީލްކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ފްރެޑަށް ދެއްކީ ރީނދޫ ކާޑެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް ލީޑުނަގަން ރަނުގެ ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޕީއެސްޖީން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 69 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން މާކުއީނިއޯސް ޖެހި ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން ޕީއެސްޖީގެ އެންޑަ ހެރޭރާ އަށް ފްރެޑް ކުރި ފައުލަކަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ.

ޕީއެސްޖީގެ އެމްބާޕޭ (ކ) ޔުނައިޓެޑްގެ ލިންޑެލޮފް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ އެމްބާޕޭ (ކ) ޔުނައިޓެޑްގެ ލިންޑެލޮފް ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޕީއެސްޖީން ބޯޅަ ހިފަހައްޓައިގެން ކުޅެ އިތުރު ގޯލެއް ޖެހި އެވެ. އިތުރު ވަގުތުގައި ރަފީނިއާ އަލްކަންޓާރާ ދިން ބޯޅަ އަކުން މި ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޭމާ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެއް މެޗު ބާކީ އޮއްވައި އަނެއް ބުރުގެ ޖާގަ ހޯދަން ވަރަށް ބޭނުންވި ކަމަށާއި އެކަމަކު އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން އެ ފުރުސަތު ގެއްލުނީ ކަމަށެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މެޗުން މޮޅުވުމުން އަނެއް ބުރުގެ ޖާގަ ގާތްގަނޑަކަށް ޔަގީންވީ ކަމަށާއި އެކަމަކު ފަހު މެޗުގައި ވެސް ނަތީޖާ ނެރެ ގްރޫޕްގެ އެއް ވަަނަ ހޯދަން ހުރިހާ ގޮތަކުން މަސައްކަތްކުރާނެ ކަމަށެވެ.

ސެވިއްޔާ ދަނޑުގައި ރޭ ޗެލްސީގެ ހަތަރު ގޯލު ޖެހީ ވެސް މި ސީޒަނުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އޮލިވިއޭ ޖިރޫޑް އެވެ. އޭނާ އިނގިރޭސި ދެ ކްލަބެއްގައި ހުރެ ޗެމްޕިއަންސް ލީގުގެ ހެޓްރިކެއް ހެދި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މައިކަލް އޮވެން ވަނީ ލިވަޕޫލާއި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހަދައިފަ އެވެ. ޖިރޫޑް ކުރިން ހެޓްރިކް ހެދީ އާސެނަލްގެ ޖާޒީގަ އެވެ،

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ޖިރޫޑަށް އަބަދުވެސް އޭނާގެ އިތުބާރު އޮންނަ ކަމަށާއި އެކަމަކު އެ މެޗަކަށް އެންމެ ފިޓްވާނެ ސިސްޓަމަކަށް ކުޅެވޭނެ ކުޅުންތެރިން ފުރަތަމަ އެގާރަ އަށް ނަގަން ޖެހޭއިރު އޭގެ ތެރެއިން ޖިރޫޑް ބާކީވަނީ ކަމަށެވެ.

ގްރޫޕް އީގެ އެއް ވަނައިގައި ޗެލްސީ އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާ އަށް ވެސް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވެފައިވާއިރު، އެ ޓީމަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދި ރަޝިއާގެ ކްރަސްނޯޑާ އެވެ. އެ ޓީމު ވަނީ 1-0 އިން ރެނެސް ބަލިކޮށްފަ އެވެ. ރެެނެސް އެންމެ ފުލުގައި އޮތީ ފަސް މެޗުން ޕޮއިންޓަކާ އެކު އެވެ.