Roadha Mihaaru
ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަށް މޮޅެއް

ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަށް މޮޅެއް

05 ނޮވެމްބަރ 2020

އިސްތަންބޫލް (ނޮވެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް އަތުން 2-1 އިން ބަލިވިއިރު، އަމިއްލަ ދަނޑުގައި ފްރާންސްގެ ރެނެސް އަތުން ޗެލްސީ 3-0 އިން މޮޅުވެއްޖެ އެވެ.

އިސްތަންބޫލް (ނޮވެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރް އަތުން 2-1 އިން ބަލިވިއިރު، އަމިއްލަ ދަނޑުގައި ފްރާންސްގެ ރެނެސް އަތުން ޗެލްސީ 3-0 އިން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް މި ފަހަރުގެ ޗެމްޕިއަަންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ ޕީއެސްޖީ އާއި އާރްބީ ލައިޕްޒިގު އަތުން މޮޅުވެފަ އެވެ. އެކަމަކު ރޭގެ މެޗު ފަށައިގެން އެ ޓީމުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ބަސަކްޝެހީރުން ލީޑުނެގި ފަހުން އެ ޓީމަށް އަނބުރާ މެޗުގެ ތެރެއަށް ވަންނަން ވަނީ އުނދަގޫވެފަ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޑިފެންޑަރުން ކުރިއަށް ޖެހި ތިއްބައި ބަސަކްޝެހީރްގެ ފޯވާޑް ޑެމްބަ ބާ އަށް ލިބުނު ބޯޅަ ހިފައިގެން މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަށް އެއްވެސް ފުރުސަތެއް ނުދީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ލީޑުފުޅާކުރަން ބަސަކްޝެހީރުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. ކުރިން ނިއުކާސަލް ޔުނައިޓެޑާއި ޗެލްސީ އަށް ކުޅުނު ބާގެ މަސައްކަތާ އެކު ބަސަކްޝެހީރްގެ ކެޕްޓަން އެޑިކް ވިޝްކާ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންތަނީ މާޝިއަލް ބޮލުން ގޯލެއް ޖަހައި ކޮންމެވެސް ވަރެއްގެ އުއްމީދެއް ދިން ނަމަވެސް ދެ ވަނަ ހާފްގައި ޔުނައިޓެޑުން ލަނޑު ޖަހަން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ. މެޗުގެ ފަހު ވަގުތު ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރުމާ ގާތަށް ޖެހިލިއިރު، ގޯލުގެ ރޮނގުމަތިން ބަސަކްޝެހީރް ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

ޔުނައިޓެޑްގެ ޓުއަންޒީބޭ ބަސަކްޝެހީރްގެ ބާ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ޓުއަންޒީބޭ ބަސަކްޝެހީރްގެ ބާ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބަސަކްޝެހީރަކީ 1990 ވަނަ އަހަރު ވުޖޫދުވި ކްލަބެކެވެ. މިދިޔަ އަހަރުތަކުގައި ޔޫރޮޕާ ލީގުން ފެނުނު ބަސަކްޝެހީރް ރޭ ހޯދި އެ ކްލަބްގެ ތާރީހުގައި ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅެވެ. ރޭ މި ގްރޫޕްގެ އަނެއް މެޗުގައި އާރްބީ ލައިޕްޒިގުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ޔުނައިޓެޑް އެވެ. އެއީ ދެ ވަނައިގައި އޮތް ލައިޕްޒިގާ އެއްވަރަށް ހަ ޕޮއިންޓް ހޯދި ނަމަވެސް ހެޑް ޓު ހެޑް އިން ކުރިހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޕީއެސްޖީ އާއި ހަތަރެއްގައި އޮތް ބަސަކްޝެހީރަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް އެ ޓީމުން ނެގީ ޓިމޯ ވާނާ ވައްދާލި ދެ ޕެނަލްޓީންނެވެ. ފުުރަތަމަ ޕެނަލްޓީ އަކީ ވާނާ އަށް ރެނެސްގެ ޑަލްބާޓް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ޑަލްބާޓް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. މެޗުގެ 40 ވަނަ މިނިޓްގައި ޑަލްބާޓަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ރޭގެ މެޗުގައި ޗެލްސީގެ ކައި ހަވާޓްޒް ނުކުޅެ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ ޓެމީ އަބްރަހަމް އެވެ. ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ގޯލެއް ނުވަދެ ނިމުނުއިރު، މިއީ އެ ޓީމުގެ ގޯލުގައި ހުރި ރެނެސްގެ ކުރީގެ ކީޕަރު އެޑޮއާޑޯ މެންޑީ ޖެހިގެހިގެން ހާސިލްކުރި ފަސް ވަނަ ކްލީންޝީޓް އެވެ. އެންމެ ފަހުން ޗެލްސީ ކީޕަރަކު ފަސް މެޗު ގޯލެއް ނުވަދެ ހިފެހެއްޓީ 2010 ވަނަ އަހަރެެ. އޭރު އެ ޓީމުގެ ކީޕަރަކީ ޕީޓަ ޗެކް އެވެ.

މި މޮޅާ އެކު ޗެލްސީ އޮތީ ގްރޫޕްގެ އެއް ވަނައިގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ސެވިއްޔާއާ އެއް ވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ރޭ ކްރަސްނޯޑާ އަތުން 3-2 އިން މޮޅުވި ސެވިއްޔާ ދެ ވަނައިގައި އޮތީ ހެޑް ޓު ހެޑް އިން ޗެލްސީ އަށް ވުރެ ކުރި ނުލިބޭތީ އެވެ. ތިން ވަނައިގައި އޮތް ކްރަސްނޯޑާ އާއި ހަތަރެއްގައި އޮތް ރެނެސް އަށް ލިބުނީ އެއް ޕޮއިންޓެވެ.