Roadha Mihaaru
ޗެލްސީ އެއްވަރުވިއިރު، ޔުނައިޓެޑުން ޕީއެސްޖީ ބަލިކޮށްފި

ޗެލްސީ އެއްވަރުވިއިރު، ޔުނައިޓެޑުން ޕީއެސްޖީ ބަލިކޮށްފި

21 އޮކްޓޯބަރ 2020

ޕެރިސް (އޮކްޓޫބަރު 21) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ލަނޑެއް ނުޖެހި 0-0 އިން ސެވިއްޔާއާ އެއްވަރުވިއިރު، މިިދިޔަ އަހަރެކޭ އެއްގޮތަށް މެންޗެސްޓާ ޔުނައިޓެޑުން، ޕީއެސްޖީ ދަނޑުގައި އެ ޓީމު އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ޕެރިސް (އޮކްޓޫބަރު 21) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ލަނޑެއް ނުޖެހި 0-0 އިން ސެވިއްޔާއާ އެއްވަރުވިއިރު، މިިދިޔަ އަހަރެކޭ އެއްގޮތަށް މެންޗެސްޓާ ޔުނައިޓެޑުން، ޕީއެސްޖީ ދަނޑުގައި އެ ޓީމު އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗަށް ނުކުތްއިރު އެ ޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މެޗުގެ ކުރިން ޖެހި ފަހު ފިޓްނަސް ޓެސްޓުން ފާސްވެ އެ ޓީމުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އަށް ކުޅެވުމެވެ. އަނިޔާގެ ސަބަބުން ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު 3-3 އިން ސައުތެމްޓަނާ އެއްވަރުވި މެޗުގައި މެންޑީ އަށް ނުކުޅެވެ އެވެ.

ރޭގެ މެޗުގައި މެންޑީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް މެޗުގައި ސެވިއްޔާ އިން ގޯލެއް ޖަހަން ތަނަވަސްކުރި އެންމެ ރަނގަޅު ފުރުސަތު ހުއްޓުވީ މެންޑީ އެވެ. ސެވިއްޔާގެ ނެމަންޏާ ގޫޑެލް ބޮލުން ޖެހި ބޯޅަ މެންޑީ ވަނީ މަތަކޮށްފަ އެވެ. ޗެލްސީ އަށް ގޯލެއް ޖަހައިދޭން ބެން ޗިލްވެލް އާއި ކާޓް ޒޫމާ އަދި ޓީމޯ ވާނާ އަށް ލިބުނު ފުރުސަތުތައް ގޯލަކަށް ހަދައިނުލެވުނީ ސެވިއްޔާގެ ގޯލުގައި ހުރި މޮރޮކޯ ކީޕަރު ޔާސިން ބޯނޯ ދެއްކި ހުށިޔާރުކަމުގެ ސަބަބުންނެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން މޮޅެއް ނުލިބި ނިންމާލަން ޖެހުމަކީ ރަނގަޅު ނަތީޖާއެކޭ ނުބުނެވޭނެ ކަމަށާއި އެކަމަކު ސެވިއްޔާ ކަހަލަ މިދިޔަ ސީޒަންތަކުގައި ޔޫރަޕްގައި ރެކޯޑް ރަނގަޅު ޓީމަކާ ދެކޮޅަށް ޗެލްސީން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. ލަމްޕާޑް ވަނީ ޗެލްސީގެ އެއް ވަނަ ކީޕަރެއްގެ ޒިންމާ މެންޑީ އަށް ފުރިހަމަ އަށް ނެގޭނެ ކޮލިޓީ އޭނާގެ ކިބައިގައި އެބަހުރި ކަމަށް ބުނެފަ އެވެ.

ޗެލްސީ ކީޕަރު މެންޑީ ރޭގެ މެޗުގައި ބޯޅައެއް ހުއްޓުވަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ ކީޕަރު މެންޑީ ރޭގެ މެޗުގައި ބޯޅައެއް ހުއްޓުވަނީ.-- ފޮޓޯ: އޭއެފްޕީ

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ފްރާންސްގެ ރެނެސް ވަނީ ރަޝިއާގެ ކްރަސްނޯޑާއާ 1-1 އިން އެއްވަރުވެފަ އެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ މެގުއާ އާއި ފިޓްނަސްގެ ސަބަބުން ދާދި ފަހުން ޔުނައިޓެޑާ ގުޅުނު އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ނުލައި ރޭގެ މެޗުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން ޕީއެސްޖީން ވެސް މުހިއްމު ފަސް ކުޅުންތެރިއެއް ނުލައި ކުޅުނު ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމު އަތުން ވަނީ ގެއްލިފަ އެވެ. އެ ގޮތުން ނޭމާ އާއި ކީލިއަން އެމްބާޕޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ޔުނައިޓެޑުން ރޭގެ މެޗުގައި ލީޑުނެގީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭސް ވައްދާލި ޕެނަލްޓީންނެވެ. އެންތަނީ މާޝިއަލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީން ފެނާންޑޭސް ފުރަތަމަ ޖެހި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފަ އެވެ. އެކަމަކު ފެނާންޑޭސް ޕެނަލްޓީ ފޮނުވާލިއިރު ނަވާސް ހުރީ ގޯލުގެ ރޮނގުން ބޭރުގައި ކަމަށްވާތީ ދެ ވަނަ ފަހަރަށް ޖަހަން ދިނުމުން ފެނާންޑޭސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ.

ޕީއެސްޖީން އެއްވަރުކުރީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޔުނައިޓެޑްގެ މާޝިއަަލް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޕީއެސްޖީން މެޗުގައި ލީޑުނަގަން ފޮނުވާލި ގިނަ ބޯޅަތަކެއް ހުއްޓުވީ ޔުނައިޓެޑްގެ ގޯލުގައި ރޭ ތަފާތު މޮޅު ކުޅުމެއް ދެއްކި ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ. ޔުނައިޓެޑް މޮޅުވި ގޯލު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި މާކަސް ރަޝްފޯޑް އެވެ. ރަޝްފޯޑް ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ވަގުތީ ގޮތުން ހަވާލުވެ ހުރި މިދިޔަ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޕީއެސްޖީ ދަނޑުގައި މޮޅުވީ ވެސް ފަހު ވަގުތު އެވެ. ރޭގެ މެޗުން ޔުނައިޓެޑް މޮޅުވުމާ އެކު އެ ޓީމު ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗަކުން 2004 ވަނަ އަހަރަށް ފަހު ޕީއެސްޖީ ދަނޑުގައި މޮޅެއް ހޯދި ފުރަތަމަ ޓީމަށެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގުން ވަނީ ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރް އަތުން 2-0 އިން މޮޅުވެފަ އެވެ.