Roadha Mihaaru
ޔުނައިޓެޑް ކަޓައިފި، ޕީއެސްޖީ މެޗު ސަސްޕެންޑް

މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި، ޕީއެސްޖީ މެޗު ސަސްޕެންޑް

09 ޑިސެމްބަރ 2020

ޕެރިސް (ޑިސެމްބަރު 9) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަތުން 3-2 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، ނަސްލީ ތަފާތު ކުރުމުގެ މައްސަަލައަކާ ހެދި ޕީއެސްޖީ އާއި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރު މެޗު ސަސްޕެންޑްކޮށްފި އެވެ.

ޕެރިސް (ޑިސެމްބަރު 9) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގު އަތުން 3-2 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، ނަސްލީ ތަފާތު ކުރުމުގެ މައްސަަލައަކާ ހެދި ޕީއެސްޖީ އާއި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރު މެޗު ސަސްޕެންޑްކޮށްފި އެވެ.

ޕީއެސްޖީ އާއި ބަސަކްޝެހީރު މެޗު ހުއްޓާލަން ޖެހުނީ މެޗުގެ ހަތަރު ވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ ބަސަކްޝެހީރުގެ އެސިސްޓަންޓް ކޯޗު ކެމަރޫންގެ ޕިއޭރޭ ވެބޯއާ ނަސްލީ ގޮތުން ދިމާކޮށްލުމުންނެވެ. ހަތަރު ވަނަ އޮފިޝަލް ކޮލްޓެސްކޫ ދިން ލަފައަކަށް ބަލައި ރެފްރީ ވަނީ ވެބޯ އަށް ރަތް ކާޑު ދައްކައިފަ އެވެ. އެކަމާ ހިތްހަމަނުޖެހި ބެންޗުން ވަނީ ކޮލްޓެސްކޫ ދެއްކި ވާހަކަ ބަލަންޖެހޭ ކަމަށް ބުނެފަ އެވެ. ވެބޯއާ ދިމާލަށް ކޮލްޓެސްކޫ ދެއްކި ވާހަކަތައް ބަސަކްޝެހީރްގެ ބެންޗުގައި އިން ފޯވާޑް ޑެމްބަ ބާ އާއި ޕީއެސްޖީގެ އޮފިޝަލުން ވަނީ ރެފްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ކޮލްޓެސްކޫ ލައިގެން މެޗު ކުރިއަށްގެންދަން ބޭނުންނުވާތީ ޕީއެސްޖީ އާއި ބަސަކްޝެހީރްގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބައިފަ އެވެ. އަލުން މެޗު ފަށަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެހެން ނަމަވެސް ޔުއެފާ އިން ފަހުން ކޮލްޓެސްކޫގެ މައްސަލަ ތަހުގީގުކުރާނެކަން އަންގައި މިރެ އަށް މެޗު އަލުން ޝެޑިއުލްކޮށްފަ އެވެ.

ޕީއެސްޖީ އާއި ބަސަކްޝެހީރް ކުޅުންތެރިން ދަނޑުން ފައިބަނީ. -- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީ އާއި ބަސަކްޝެހީރް ކުޅުންތެރިން ދަނޑުން ފައިބަނީ. -- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް އެ ޓީމަށް ވަނީ އަނެއް ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް ގްރޫޕްގެ އެއް ވަނަ ހޯދަން އެ މެޗުން ޕީއެސްޖީ މޮޅުވުން މަޖުބޫރެވެ. ލައިޕްޒިގު ރޭ ހޯދި ތިން ޕޮއިންޓާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑްގެ ހަ މެޗުން ވެސް އެ ޓީމަށް ލިބުނީ ނުވަ ޕޮއިންޓެވެ. ހެޑް ޓު ހެޑް ގަވާއިދުން ޔުނައިޓެޑް އޮތީ ތިން ވަނައިގަ އެވެ. އެ ޓީމު ދެން ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގަ އެެވެ. ބަސަކްޝެހީރް ފުލުގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

ލައިޕްޒިގުގެ އެއް ވަނަ ޑިފެންޑަރު ޑަޔުޓް އުޕަމެކާނޯ ސަސްޕެންޝަނުގެ ސަބަބުން ނުލައި ކުޅުނުއިރު، ޔުނައިޓެޑަށް ވެސް ވަނީ ސަސްޕެންޝަނާއި އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. ޔުނައިޓެޑްގެ ފްރެޑް ސަސްޕެންޝަނުގައި ހުރިއިރު ދެ ފޯވާޑުން ކަމަށްވާ އެންތަނީ މާޝިއަލް އާއި އެޑިންސަން ކަވާނީ ތިބީ އަނިޔާގަ އެވެ.

ލައިޒްޒިގުން ވަނީ ރޭގެ މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ މެޗުގެ ދެ ވަނަ މިނިޓްގައި މެންޗެސްޓާ ސިޓީގެ ލޯން އެއްބަސްވުމެއްގެ ދަށުން ލައިޕްޒިގަށް ކުޅެމުން އަންނަ އެންޖެލީނިއޯ އެވެ. އޭގެ ފަހުން 13 ވަނަ މިނިޓްގައި އަނެއް ގޯލް ޖެހީ އަމަދޫ ހައިދާރާ އެެވެ. އޭގެ ފަހުން ވެސް ލައިޒިގުގެ ވިލީ އޯބާން ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަަރައި މަޝްހޫރު ފޯވާޑް ޕެޓްރިކް ކްލައިވަޓްގެ ދަރިފުޅު ޖަސްޓިން ކްލައިވަޓް ވަނީ މެޗުގެ 69 ވަނަ މިނިޓްގައި ލައިޒްޒިގަށް ވަނީ ތިން ވަނަ ގޯލެއް ޖަަހައިފަ އެވެ.

ޔުނައިޓެޑުން ވަނީ ބަދަލުތަކެއް ގެނެސްގެން މެޗުގެ ތެރެއަށް ވަންނަން މެޗުގެ ފަހު ކޮޅުގައި ވަރުގަދަ އަށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން ޕައުލް ޕޮގްބާ ވަނީ ކުޅެން އަރުވައިފަ އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެ ޓީމަށް ލަނޑެއް ޖަހަދިނެވެ. އަދި އޭގެ ދެ މިނިޓް ފަހުން ކޯނަރެއްގައި ޔުނައިޓެޑްގެ ޕޮގްބާ ބޮލުން ޖެހި ބޯޅައެއް އިބްރާހިމާ ކޮނާޓޭ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. ޔުނައިޓެޑަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދެވެން އޮތްއިިރު އެކަން ހާސިލެއްނުވި އެވެ. ފަހު ވަގުތު ޕޮގްބާ ނެގި ހުރަހެއް ކޮނާޓޭ ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ ލައިޕްޒިގުގެ ކީޕަރު ޕީޓަ ގުލާކްޝީ ވަނީ މަތަކޮށްފަ އެވެ.

މިއީ 2015-2016 ވަނަ އަހަރުގެ ސީޒަނަށް ފަހު ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން ވަނީ ހަ މެޗުން ބަލިވެފަ އެވެ. އޭނާ އަކީ ޔުނައިޓެޑްގެ ތާރީހުގައި މި މުބާރާތުން އެންމެ މަދު މެޗު ކުޅެ އެންމެ ރެކޯޑް ދަށް ކޯޗެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފައިވާ ޗެލްސީ ރޭ އަމިއްލަ ދަނޑުގައި ރަޝިއާގެ ކްރަސްނޯޑާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދާފައިވާ ސެވިއްޔާ ވަނީ ރަށުންބޭރުން 3-1 އިން ރެނެސް ބަލިކޮށްފަ އެވެ.