Roadha Mihaaru
ޔުނައިޓެޑުގެ އަމާޒަކީ ތާރީހު ބަދަލުކުރުން

ޔުނައިޓެޑުގެ އަމާޒަކީ ތާރީހު ބަދަލުކުރުން

06 މާޗް 2019

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ޑިސެމްބަރު މަހު އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ބަލިވީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 2-0 އިން ޕީއެސްޖީ އަތުން އެކަންޏެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓު ބުރެއްގައި އަމިއްލަ ދަނޑުގައި ފުރަތަމަ ލެގުން ދެ ލަނޑުގެ ތަފާތު ބަލިވުމަށް ފަހު އެއްވެސް ޓީމަކަށް ނަތީޖާ އަނބުރާލެވިފައެއް ނުވެ އެވެ. އެކަމަކު ސޯލްޝެއާ ހުރީ ތާރީހު ބަދަލުކުރަން އަމާޒުހިފައިގެންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

"މިއީ ނުވާނެ ކަމެއް ނޫން. މިއީ ކުރަން އުނދަގޫ ކަމެއް. ފުޓްބޯޅަ މެޗެއްގައި އެއް ލަނޑުން ވެސް ގިނަ ކަންތައްތަކެއް ބަދަލުވެގެންދާނެ. އަހަރެމެންނަށް ފުރަތަމަ ލަނޑު ޖެހިއްޖެނަމަ މެޗުގެ އޮއިވަރު ބަދަލުވާނެ،" ސޯލްޝެއާ ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ޗެމްޕިއަންސް ލީގުގައި ހީނުކުރާފަދަ ނަތީޖާތަކެއް ފެނިގެން ގޮސްފިކަމަށާއި އޭގެ މިސާލުތައް ވެސް ގިނަ ބައެއް ހަނދާނުގައި ހުންނާނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

"މެންޗެސްޓާ ޔުނައިޓެޑަށް ކުރެވިދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެ. ފާއިތުވި އަހަރުތަކުގައި މި މުބާރާތުން ފެނިއްޖެ މިފަދަ ނަތީޖާތައް އަނބުރާލި ޓީމުތަކުގެ މިސާލުތައް. އަހަރެމެންނަށް ވެސް އެކަން ކުރެވިދާނެ،" ސޯލްޝެއާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ 2014 ވަނަ އަހަރު އޮލިމްޕިއާކޯސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-0 އިންނެވެ. ރަށުން ބޭރުގައި ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި މޮޅުވީ 2011 ވަނަ އަހަރުގެ ޝާލްކާ އަތުން 2-0 އިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސޯލްޝެއާ. -- ފޮޓޯ: އޭއެފްޕީ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސޯލްޝެއާ. -- ފޮޓޯ: އޭއެފްޕީ

"ވަރަށް މަސައްކަތްކޮށްގެން ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭނީ. މި ވަގުތު އޮތް އެންމެ ބޮޑު ކަމަކީ އަމިއްލަ ނަފްސާ މެދު އޮތް އިތުބާރު ވަރުގަދަކުރުން." 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހި ސޯލްޝެއާ ބުންޏެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން 2-1 އިންނެވެ. ޕީއެސްޖީން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އިންގްލެންޑްގެ ލިވަޕޫލް ބަލިކޮށްފަ އެވެ.

ޔުނައިޓެޑް މިރޭގެ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުރަތަމަ ލެގުގައި ރަތް ކާޑު ދެއްކި ޕައުލް ޕޮގްބާ މި މެޗަށް ސަސްޕެންޑްވެފައިވުމެވެ. އަނެއްކޮޅުން ޕީއެސްޖީ އަށް ލިބޭނެ ހިތްހަމަޖެހުމަކީ ފޯވާޑް އެޑިސަން ކަވާނީ އަށް ކުޅެވުމެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އޭނާގެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންވެއްޖެ ކަމަށް އަދި ގަބޫލުކުރެވެން ނެތް ކަމަށާއި އެހެން ކަމުން މިރޭގެ މެޗަށް ނުކުންނާނީ ވެސް މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"ޔުނައިޓެޑްގެ ފެންވަރު ވެސް ރަނގަޅު. އަހަރެމެން އެބަޖެހޭ ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާގެ ކޮލިޓީ އަށް ވެސް ވިސްނަން. އޭނާ އަކީ އަބަދުވެސް ޓީމު ރޫހުގައި ތަފާތު ދައްކާ މީހެއް. އެކަން އޭނާ އަށް ކުރެވޭނެކަން ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ވެސް ދައްކުވައިދީފި. އަހަރެމެން ފުރިހަމަ އަށް ސަމާލުވާނަން،" ކުރިން ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު ޕީއެސްޖީގެ ޕާކް ޑި ޕްރިންސަސްގަ އެވެ. ކިޔުންތެރިންގެ ނަޒަރުގައި މިރޭގެ މެޗުން މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟