Roadha Mihaaru
ޔުނައިޓެޑާއި ޕީއެސްޖީ ދެ ވަނަ ބުރާ ގާތަށް

ޔުނައިޓެޑާއި ޕީއެސްޖީ ދެ ވަނަ ބުރާ ގާތަށް

19 އޮކްޓޯބަރ 2017

ލިޒްބަން، ޕޯޗުގަލް (އޮކްޓޯބަރު 19) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

ލިޒްބަން، ޕޯޗުގަލް (އޮކްޓޯބަރު 19) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް ރަށުން ބޭރުގައި ބެންފީކާގެ މައްޗަށް ކުރިހޯދީ 1-0 އިންނެވެ. ޕީއެސްޖީ ވަނީ އެންޑަލެކްޓް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު އަތުން 4-0 އިން މޮޅުވެފަ އެވެ.

މި ދެ ޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ބާކީ އޮތް ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން މި ދެ ޓީމަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ. އަދި ހަތަރު ޕޮއިންޓު ނުލިބުނަސް އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ދެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު ލިބޭނެ އެވެ.

ޔުނައިޓެޑަށް މި މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް މާކަސް ރެޝްފޯޑެވެ. މި މެޗުގެ އިތުރު ވަގުތުގައި ބެންފީކާ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު ލުއިސާއޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.

ޔުނައިޓެޑް ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ސީއެސްކޭއޭ މޮސްކޯ އަތުން 2-0 އިން މޮޅުވި ބާސެލް އެވެ. އެ ޓީމަށް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސީއެސްކޭއޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ބެންފީކާ އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

އެންޑަލެކްޓް ކޮޅަށް ޕީއެސްޖީގެ ލަނޑުތައް ކާމިޔާބުކުރީ ކިލިއަން އެމްބާޕޭ، އެޑިސަން ކަވާނީ، ނޭމާ އަދި އެންހެލް ޑި މާރިއާ އެވެ. މީގެ އިތުރުން ވެސް ޕީއެސްޖީ އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބަޔާން މިއުނިކް ވަނީ 3-0 އިން ސެލްޓިކް ބަލިކޮށްފަ އެވެ. ބަޔާންގެ ލަނޑުތައް ޖެހީ ތޯމަސް މުލާ، ޖޯޝުއާ ކިމިޗް އަދި މެޓް ހަމެލްސް އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބަޔާން އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސެލްޓިކަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް އެންޑަލެކްޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.