Roadha Mihaaru
ޕީއެސްޖީ ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި

ޕީއެސްޖީ ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި

25 ނޮވެމްބަރ 2020

ޕެރިސް (ނޮވެމްބަރު 25) – ޖަރުމަނުގެ އާރްބީ ލީޕްޒީގް އަތުން 1-0 އިން މޮޅުވެ ފްރާންސްގެ ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ.

ޕެރިސް (ނޮވެމްބަރު 25) – ޖަރުމަނުގެ އާރްބީ ލީޕްޒީގް އަތުން 1-0 އިން މޮޅުވެ ފްރާންސްގެ ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި އެވެ.

ގްރޫޕް އެޗްގައި ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާތީ ޕީއެސްޖީ އަށް ދެ ވަނަ ބުރާ މެދު ޝައްކުތަކެއް އޮތީ އުފެދިފަ އެވެ. އެކަމަކު މިހާރު އެ ޓީމު އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ލީޕްޒީގް އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތީ ހެޑް-ޓު-ހެޑް އިން ޕީއެސްޖީގެ މައްޗަށް ކުރި ނުލިބޭތީ އެވެ. މި ދެ ޓީމު ލީޕްޒީގުގައި ކުޅުނު މެޗުން 2-1 އިން ޕީއެސްޖީ ބަލިވި ނަމަވެސް އެ މެޗުގައި ރަށުން ބޭރުގައި ޖެހި ގޯލުގެ ފައިދާ ޕީއެސްޖީ އަށް އޮތީ އެވެ. މާނައަކީ ބާކީ ދެ މެޗުން ދެ ޓީމު މޮޅުވިޔަސް، ކުރި ލިބޭނީ ޕީއެސްޖީ އަށެވެ.

ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ރޭ އިސްތަންބޫލް ބަސެކްޝެހީރް އަތުން 4-1 އިން މޮޅުވި މެންޗެސްޓާ ޔުނައިޓެޑެވެ. ބަސެކްޝެހީރް އޮތީ ތިން ޕޮއިންޓާ އެކު ފުލުގަ އެވެ.

އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ މައްޗަށް ގިނަ ވަގުތު ލީޕްޒީގުން އޮތީ ކޮންޓްރޯލް ނަގައިފަ އެވެ. ޕީއެސްޖީ މޮޅުވީ 11 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނޭމާ ޖެހި ލަނޑުންނެވެ.

އަމިއްލަ ދަނޑުގައި ބަސެކްޝެހީރް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ބްރޫނޯ ފެނާންޑޭޒް އެވެ. ހެޓްރިކް ފުރިހަމަކުރަން ލިބުނު ޕެނަލްޓީ ޖަހަން ބްރޫނޯ އެކަމަކު ދިނީ މާކަސް ރަޝްފޯޑަށެވެ. އޭނާ އެ ޕެނަލްޓީ ކާމިޔާބުކުރި އެވެ. އޭގެ ފަހުން ބަސެކްޝެހީރް އިން ތަފާތު ކުޑަކޮށްފައިވަނިކޮށް ޔުނައިޓެޑުގެ ފަހު ގޯލް ޖެހީ ޑެނިއަލް ޖޭމްސް އެވެ.

ޑޯޓްމަންޑުގެ ހާލާންޑް ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑުގެ ހާލާންޑް ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ގްރޫޕް އެފް ގައި ރޭ ބެލްޖިއަމްގެ ކްލަބް ބްރުޖް އަތުން 3-0 އިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވިއިރު ރަޝިއާގެ ޒެނިތު އަތުން އިޓަލީގެ ލާޒިއޯ ވަނީ 3-1 އިން މޮޅުވެފަ އެވެ.

ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތް ޑޯޓްމަންޑާއި ދެ ވަނައިގައި އަށް ޕޮއިންޓާ އެކު އޮތް ލާޒިއޯ އަށް ދެ ވަނަ ބުރުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ބްރުޖް ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޒެނިތު އޮތީ އެއް ޕޮއިންޓާ އެކު ފުލުގަ އެވެ.

ބްރުޖް ކޮޅަށް ޑޯޓްމަންޑުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ އާލިން ހާލަންޑެވެ. އަނެއް ގޯލް ޖެހީ ޖޭޑަން ސަންޗޯ އެވެ. ރޭގެ ދެ ގޯލާ އެކު ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ މަދު މެޗުން 15 ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. ހާލަންޑް 12 މެޗުން އެ ވަރަށް ގޯލް ޖެހިއިރު އެ އަދަދަށް ރުޑް ވެން ނިސްޓެލްރޫއީ އާއި ރޮބާޓޯ ސޮލްޑާޑޯ ޖެހީ ޖެހީ 19 މެޗުންނެވެ. ޒެނިތު ކޮޅަށް ލާޒިއޯގެ ތިން ގޯލުގެ ތެރެއިން ދެ ގޯލް ޖެހީ މިދިޔަ ސީޒަނުގެ ޔޫރަޕުގެ ރަންބޫޓް ހޯދި ޗީރޯ އިމޮބިލޭ އެވެ. އަނެއް ގޯލް ޖެހީ މާކޯ ޕަރޯލޯ އެވެ.