Roadha Mihaaru

ޔޫރަޕިއަން ސެޓް ފުރިހަމަކުރުމުން ޗެލްސީއަށް އެވޯޑް ދީފި

ޔުއެފާ އިން އިންތިޒާމް ކޮށްގެން ބާއްވާ ހުރިހާ މުބާރާތެއް ޗެލްސީން ކާމިޔާބުކޮށްފައިވާތީވެ އެކަމުގެ އަގުވަޒަންކޮށް ޔުއެފާ އިން އެ ކްލަބަށް ހާއްސަ އެވޯޑެއް ރޭ ދީފި އެވެ.

ޔޫރަޕިއަން ސެޓް ފުރިހަމަކުރުމުން ޗެލްސީއަށް އެވޯޑް ދީފި

ޔުއެފާ އިން އިންތިޒާމް ކޮށްގެން ބާއްވާ ހުރިހާ މުބާރާތެއް ޗެލްސީން ކާމިޔާބުކޮށްފައިވާތީވެ އެކަމުގެ އަގުވަޒަންކޮށް ޔުއެފާ އިން އެ ކްލަބަށް ހާއްސަ އެވޯޑެއް ރޭ ދީފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ޗެލްސީއާ މި އެވޯޑް ހަވާލުކޮށްދެއްވީ ޔުއެފާގެ ރައީސް އަލެކްސެންޑާ ޗެފެރިން އެވެ. ޗެލްސީގެ ފަރާތުން މި އެވޯޑާ ހަވާލުވީ، ކްލަބްގެ ސީއޯއޯ ޖޭސަން ގެނޮން އެވެ.

ޗެލްސީއަށް މި އެވޯޑް ދީފައި ވަނީ، ޗެލްސީ އަކީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގް އަދި ކޮންފަރެންސް ލީގުގެ އިތުރުން، ސުޕަ ކަޕާއި ޔޫއެފާ ޔޫޔު ލީގު އަދި ކުރިން ބޭއްވި ޔޫއެފާ ކަޕް ވިނާސް ކަޕް ކާމިޔާބު ކުރި ހަމައެކަނި ޓީމަށް ވާތީ އެވެ.

"ޗެލްސީ ވަނީ ޔޫރަޕްގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައި. އަދި މި ކަން ހާސިލް ކޮށްފައިވާ ހަމައެކަނި ޓީމަކީ ޗެލްސީ. މިއީ ވަރަށް ހާއްސަ ޝަރަފެއް،" ޔުއެފާގެ ރައީސް ވިދާޅުވި އެވެ.

ޗެލްސީ ވަނީ 1971 އާއި 1998 ގައި ކަޕް ވިނާސް ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން 2012 އަދި 2021 ގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވާއިރު 1998 އާއި 2021 ގައި ސުޕަ ކަޕް ވެސް ކާމިޔާބު ކުރި އެވެ. މީގެ އިތުރުން 2013 އާއި 2019 ގައި ޔޫރޮޕާ ލީގު ކާމިޔާބު ކުރި އިރު، މިދިޔަ މެއި މަހު ވަނީ ކޮންފަރެންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން ޔޫއެފާ ޔޫތު ލީގު ކާމިޔާބު ކޮށްފައިވާ ހަމައެކަނި އިނގިރޭސި ކްލަބަކީ ވެސް ޗެލްސީ އެވެ. ޗެލްސީގެ 19 އަހަރުން ދަށުގެ ޓީމު ވަނީ 2015 އަދި 2016 ގައި މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޔޫއެފާއިން ވަނީ ރޭ ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި، ސްވިޑެންގެ ލެޖެންޑް ޒްލަޓާން އިބްރަހިމޮވިޗަށް ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑް ދީފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި އިބްރަހިބޮވިޗް ވަނީ ބައިވެރިވެފަ އެވެ. އޭނާ އާއެކު ބްރެޒިލްގެ ކުރީގެ ތަރި ކަކާ ވެސް ގުރުއަތުލުމުގައި ބައިވެރިވެފައިވެ އެވެ.

ފުރަތަމަ ޕޮޓްގައި ހިމެނޭ ޗެލްސީ އަށް ލީގު ބުރުގައި އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭއިރު، ޖަރުމަނުގައި ބެޔާން މިއުނިކާ ދެކޮޅަށް ވެސް ކުޅޭނެ އެވެ. ޗެލްސީއަށް މި ބުރުގައި ދެން އޮތީ ބެންފީކާ އާއި އެޓަލާންޓާގެ އިތުރުން އަޔެކްސް، ނަޕޯލީ، ޕާފޯސް އެފްސީ އަދި ޤަރަބާގެވެ.