Roadha Mihaaru
ރޯމާ އަތުން ޗެލްސީ ބަލިވިއިރު، ޔުނައިޓެޑަށް މޮޅެއް

ރޯމާ އަތުން ޗެލްސީ ބަލިވިއިރު، ޔުނައިޓެޑަށް މޮޅެއް

01 ނޮވެމްބަރ 2017

ރޯމް، އިޓަލީ (ނޮވެމްބަރު 1) - ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ރޯމާއިން އިންގްލެންޑުގެ ޗެމްޕިއަން ޗެލްސީ އަތުން 3-0 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ބެންފީކާ އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ދެ ވަަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރޯމް، އިޓަލީ (ނޮވެމްބަރު 1) - ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ރޯމާއިން އިންގްލެންޑުގެ ޗެމްޕިއަން ޗެލްސީ އަތުން 3-0 އިން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ބެންފީކާ އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ދެ ވަަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

ރޭގެ މެޗުން މޮޅުވެގެން ޗެލްސީ އަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީން ކުރުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ބަލިވުމުން ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. ރޭގެ މެޗު ފެށިގެން 38 ވަނަ ސިކުންތުގައި ރޯމާ އަށް ލީޑުނަގައިދިނީ ސްޓެފަން އެލް ޝަރާވީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެލްޝަރާވީ ރޯމާގެ ލީޑުފުޅާކޮށްދިން އިރު، ދެ ވަނަ ހާފުގައި ރޯމާގެ ތިން ވަނަ ލަނޑު ޖެހީ ޑިއޭގޯ ޕެރޮއްޓީ އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މި މެޗުގައި ރޯމާ ފެނިގެންދިޔައީ ހުރިހާ ގޮތަކުން ވެސް ތަފާތުކޮށް ކަމަށެވެ.

"ޗެލްސީގެ ނަން މަޝްހޫރުވުމަކުން އިދިކޮޅަށް ނުކުންނަ ޓީމެއް ބިރެއް ނުގަންނާނެ. މި މެޗުގައި ރޯމާގެ ރޫހު ވަރަށް ރަނގަޅު. ހުރިހާ ގޮތަކުން ވެސް އެ ޓީމު އޮތީ މޮޅަކަށް ކެތްމަދުވެފައި. އަހަރެމެންގެ އެ ހުރިހާ ކަމެއް އޮތީ ވަރަށް ދަށްކޮށް،" ކޮންޓޭ ބުންޏެވެ.

ރޭގެ މޮޅާ އެކު ރޯމާ ވަނީ ގްރޫޕް ސީގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ގަރަބަޖްއާ 1-1 އިން އެއްވަރުވިއިރު، އެ ޓީމަށް ވަނީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ގަރަބަޖަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ރޭ ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ޕެނަލްޓީ އެންތަނީ މާޝިއަލް އަތުން ވަނީ ބޭކާރުވެފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޔުނައިޓެޑުން ލީޑުނެގީ ބެންފީކާގެ ކީޕަރު މައިލް ސްވިލާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޔުނައިޓެޑްގެ ނިމެންޏާ މަޓިޗް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހި ސްވިލާ ގައިގައި ޖެހިފަ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑުގެ ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ޑޭލީ ބްލިންޑް އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބަސެލް ވަނީ އަމިއްލަ ދަނޑުގައި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަތުން 2-1 އިން ބަލިވެފަ އެވެ.

ޔުނައިޓެޑް ގްރޫޕު އޭގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަސެލް އާއި ތިން ވަނައިގައި އޮތް ސީއެސްކޭއޭ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެންމެ ފުލުގައި ބެންފީކާ އޮތީ ހަތަރު މެޗުން ޕޮއިންޓެއް ނުލިބި އެވެ.