Roadha Mihaaru
ސެވިއްޔާ އަތުން ޔުނައިޓެޑް ސަލާމަތްކޮށްދިނީ ޑެހެއާ

ސެވިއްޔާ އަތުން ޔުނައިޓެޑް ސަލާމަތްކޮށްދިނީ ޑެހެއާ

22 ފެބުރުއަރީ 2018

ސެވިލް، ސްޕެއިން (ފެބްރުއަރީ 22) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދެއްކި މޮޅު ކުޅުމާ އެކު، ދެ ޓީމު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސެވިލް، ސްޕެއިން (ފެބްރުއަރީ 22) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސެވިއްޔާއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދެއްކި މޮޅު ކުޅުމާ އެކު، ދެ ޓީމު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

މިއީ މި ސީޒަނުގައި ޑެހެއާ ގޯލެއް ވައްދައިނުލާ ފުރިހަމަ ކުރި 19 ވަނަ މެޗެވެ. މި މެޗުގައި ސެވިއްޔާ އިން ފޮނުވާލި އަށް ބޯޅައެއް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެއާ އެކު ޑެހެއާ ވަނީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ޔުނައިޓެޑްގެ ކީޕަރަކު އެންމެ ގިނަ ބޯޅަ މަތަކޮށްގެން އެ ޓީމުގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެން ޑަ ސާ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބެންޗުގައި ބަހައްޓައިގެންނެވެ. އެހެން ނަމަވެސް މެޗުގެ 17 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު އެންޑަ ހެރޭރާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުގައި ކުޅެން އެރީ ޕޮގްބާ އެވެ.

މުޅި މެޗަށް ބަލާއިރު ވެސް ރަނގަޅަށް ކުޅުނު ސެވިއްޔާ އަށް ލަނޑެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑް ލުއިސް މުރިއެލް އެވެ. ކުޑަ އޭރިއާ ކައިރިން މުޅިން ހުސްކޮށް ހުރެ މުރިއެލް ބޮލުން ފޮނުވާލި ބޯޅަ ޑެހެއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެ ކުރިން ފްރާންސްގެ މިޑްފީލްޑަރު ސްޓީވެން އެންޒޮންޒީ ފޮނުވާލި ބޯޅަ ވެސް ޑެހެއާ ވަނީ ދިފާއު ކޮށްފަ އެވެ.

މި މެޗުގައި ޔުނައިޓެޑުގެ އަލެކްސިސް ސަންޗޭޒާއި ރޮމެލޫ ލުކާކޫ އަށް ސެވިއްޔާ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ. އެ ޓީމުން ގޯލާ ސީދާކޮށް ފޮނުވާލި ނުރައްކާތެރި އެންމެ ބޯޅަ އެކެވެ. އެއީ ފުރަތަމަ ހާފްގައި ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ބޯޅަ އެވެ.

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން އެންމެ ފަހުން ރަށުންބޭރުގައި ސްޕެއިނުގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ މުޅިއަކުން އެ ޓީމަށް ގޯސް ނަތީޖާ އެއް ނޫން ކަަމަށެވެ.

"ހަމައެކަނި އަހަރެން ހާސްވި ވަގުތަކީ ފުރަތަމަ ހާފްގެ ފަހު ވަގުތު ކޮޅުގައި. އެ ވަގުތު އަހަރެމެންނަށް ހެދުނު ދެ ގޯހަކުން ސެވިއްޔާ އިން ރަނގަޅު ހަމަލާތަކެއް ފޮނުވާލި ޑެހެއާ ވަރަށް މޮޅު ސޭވްތަކެއް ކުރީ،" މޮރީނިއޯ ބުންޏެވެ.

ސެވިއްޔާގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނީ ނަތީޖާ ގޯހެއް ނޫން ކަމަށާއި އަދިވެސް ދެ ޓީމަށް ހަމަހަމަ ފުރުސަތެއް އޮތުމުން މާޔޫސްނުވާ ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުން ރޯމާ ލަނޑެއް ޖަހާފައިވަނީކޮށް ޝަހުތަރު ޑޮނެސްކުން ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ.