21 އެޕްރީލް 2023
ސެވިއްޔާ (އޭޕްރީލް 21) - މޮރޮކޯގެ ޒުވާން ފޯވާޑް ޔޫސެފް އައްނަސީރީ ޖެހި ގޯލުތަކާ އެކު 3-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، 5-2 ގެ އެގްރިގޭޓަކުން ކުރި ހޯދައި ސްޕެއިންގެ ސެވިއްޔާ އިން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސެވިއްޔާ (އޭޕްރީލް 21) - މޮރޮކޯގެ ޒުވާން ފޯވާޑް ޔޫސެފް އައްނަސީރީ ޖެހި ގޯލުތަކާ އެކު 3-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، 5-2 ގެ އެގްރިގޭޓަކުން ކުރި ހޯދައި ސްޕެއިންގެ ސެވިއްޔާ އިން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެ މެޗުގެ ފަހު ވަގުތު ސެވިއްޔާ އިން އެއްވަރުކުރީ ޔުނައިޓެޑްގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލުތަކުންނެވެ
ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ އަށް ވަނަ މިނިޓުގައި އައްނަސީރީ ލީޑު ނެގީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އާއި ކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ލޫކަސް އޮކެމްޕޮސް ސެވިއްޔާ އަށް ގޯލެއް ޖަހައިދިން ނަމަވެސް ވީއޭއާރުން ވަނީ އެ ޓީމުގެ މާކޮސް އަކޫނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ދެ މިނިޓުތެރޭ ލިބުނު ކޯނަރެއްގައި ލޮއިކް ބާޑޭ ސެވިއްޔާއަށް ދެ ވަނަ ގޯލެއް ޖަހައިދިން އިރު، އައްނަސީރީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިދިނީ 81 ވަނަ މިނިޓުގައި ކީޕަރު ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގަ އެވެ.
ނަސީރީ މަޝްހޫރުކަން ހޯދީ މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕުންނެވެ. އޭނާ ވަނީ ކުއާޓާ ފައިނަލްގައި ޕޯޗުގަލް ބަލިކުރަން މޮރޮކޯ އިން ޖެހި ހަމައެކަނި ގޯލު ވެސް ޖަހައިފަ އެވެ.
ޔުނައިޓެޑް ވަނީ 2019/2020 ގެ ޔޫރޮޕާ ލީގު ސެމީ ފައިނަލާއި 2017/2018 ގެ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ވެސް ސެވިއްޔާ އަތުން ބަލިވެފަ އެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނީ އެޓީމުގެ ކުޅުން ދަށް ކަމަށާއި ގަބޫލު ކުރަން ދަތި ނަމަވެސް ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން މެޗު ކާމިޔާބު ކުރަން ބޭނުންވެގެން އުޅުނުތަން ދަނޑުމަތިން ނުފެނުނު ކަމަށެވެ.
"މިރޭ އަހަރެމެން ރަނގަޅެއް ނޫން. އެކަން ވަރަށް ސާފު ވެފައި ޔަގީން،" މެޗަށްފަހު ޓެން ހަގް ބުންޏެވެ.
"އަހަރެން ފާހަގަ ކުރަން ޖެހޭ ވާދަވެރިކަމުގެ ރޫހެއް ނެތް ޓީމުގައި. މިއީ ހަގީގަތަކީ، މިބީ ބަލައިގަނެވޭނެ ކަމެއް ނޫން."
ޔުނައިޓެޑަށް އެފްއޭ ކަޕްގެ ސެމީ ފައިނަލް ކުރިއަށް އޮތް އިރު އެ ޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ސެވިއްޔާގެ ކޯޗު ހޯޒޭ ލުއިސް މެންޑިލިބާ އަކީ މި ސީޒަންގައި އެޓީމަށް އިރުޝާދުދޭ ތިންވަނަ ކޯޗެވެ. ލީގުގައި ކުރީކޮޅު ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރި ސެވިއްޔާ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ 13 ވަނައިގަ އެވެ. ނަމަވެސް އެޓީމަކީ ޔޫރޮޕާ ލީގުގައި ކާމިޔާބު ޓީމެކެވެ. މިހާތަނަށް ހަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ސެވިއްޔާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުވެސް މެއެވެ.
ސެމީ ފައިނަލްގައި ސެވިއްޔާ ކުޅެން ޖެހޭނީ އިޓަލީގެ ޔުވެންޓަސް އާ ދެކޮޅަށެވެ. ޔުވެންޓަސް ސެމީ އަށް ދިޔައީ ރޭ ކުޅުނު ކުއާޓާގެ ދެ ވަނަ ލެގު ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިންއާ 1-1 އިން އެއްވަރު ކޮށްގެން، 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އެޑްރިއެން ރަބިއޯ މެޗުގެ އަށް ވަނަ މިނިޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދީފައި ވަނިކޮށް މާކަސް އެޑްވާޑްސް ސްޕޯޓިން އަށް އެއްވަރު ކޮށްދިނީ 20 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ރޯމާގެ ކެޕްޓަން ޕެލެގްރިނީ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
އިޓަލީގެ ރޯމާ ވެސް ވަނީ އިތުރު ވަގުތު ކުޅެގެން ނެދަލެންޑްސްގެ ފެއިނޫޑް 4-1 އިން ބަލިކޮށް 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައި ސެމީ އަށް ދަތުރު ކޮށްފަ އެވެ.
ލިއޮނާޑޯ ސްޕިނައްޒޯލާ ރޯމާ އަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 30 މިނިޓަށް ވެފައި ވަނިކޮށް ލަނޑު ޖަހައި އެގްރިގޭޓް ނަތީޖާ އެއްވަރު ކޮށްދީފައި ވަނިކޮށް 80 ވަނަ މިނިޓުގައި ފެއިނޫޑްގެ އީގޯ ޕައިޒާއޯ ވަނީ ގޯލު ޖަހައި އެގްރިގޭޓް ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފަ އެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޕައުލޯ ޑިބާލާ ޖަހައިދިން ގޯލުން ރޯމާ ވަނީ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށް، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެފަ އެވެ.
ރޯމާ އިން ލީޑު ނެގީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެނިކޮށް ސްޓެފާން އެލް ޝަރާވީ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި ފަހު ހާފު ފެށިތާ މާ ގިނައިރެއް ނުވެ ލޮރެންޒޯ ޕެލެގްރިނީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިދީފަ އެވެ.
ސެމީ ފައިނަލްގައި ރޯމާ ވާދަކުރަން ޖެހޭނީ ޒަބީ އޮލޮންސޯގެ އިރުޝާދުގެ ދަށުން ކުޅޭ ޖަރުމަންގެ ބެޔާ ލެވަކޫސަން އާ ދެކޮޅަށެވެ. ލެވަކޫސަން ވަނީ ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސް އާ ވާދަކޮށް ރޭ ކުޅުނު ދެވަނަ ލެގު 4-1 އިން ކާމިޔާބު ކޮށްފަ އެވެ. ކުއާޓާ ފައިނަލް ކާމިޔާބު ކުރީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ކޮންފަރެންސް ލީގު ފައިނަލުން އިންގްލެންޑްގެ ވެސްޓް ހޭމް ޔުނައިޓެޑް ޖާގަ ހޯދީ ދެ ވަނަ ލެގުގައި ފަސޭހަ ކަމާއެކު 4-1 އިން ބެލްޖިއަމްގެ ގެންޓް ބަލިކޮށްފަ އެވެ. ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ރޭ ކުޅުނު ދެވަނަ ލެގުގައި މިޝޭލް އެންޓޯނިއޯ ދެ ގޯލު ޖެހިއިރު ލޫކަސް ޕަކޭޓާ އާއި ޑެކްލަން ރައިސް ވެސް ވެސްޓް ހޭމަށް ގޯލެއް ޖަހައިދިނެވެ.
ވެސްޓް ހޭމް ސެމީގައި ކުޅެން ޖެހޭނީ ނެދަލެންޑްސްގެ އޭޒެޑް އަލްކަމާ އާ ދެކޮޅަށެވެ. ފުރަތަމަ ލެގުގައި 2-0 އިން ބެލްޖިއަމްގެ އެންޑަލެޗް އަތުން ބަލިވިއަސް ރޭގެ މެޗު އެ ޓީމުން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ދެވަނަ ލެގު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-0 އިން އޭޒެޑް ކުރީގައި އޮތުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ކުރި ހޯދީ 4-1 އިންނެވެ.
ފިއޮރެންޓީނާ ވަނީ ރޭގެ މެޗުގައި 3-2 އިން ޕޮލެންޑްގެ ލެޗް ޕޮޒްނާން އަތުން ބަލިވެފަ އެވެ. ނަމަވެސް ފުރަތަމަ ލެގު 4-1 އިން ކާމިޔާބު ކޮށްފައި ވުމާ އެކު ފިއޮރެންޓީނާ ސެމީ އަށް ދިޔައީ އެގްރިގޭޓް 6-4 އިން ކުރި ލިބޭތީ އެވެ.
ސެމީގައި ފިއޮރެންޓީނާ ބައްދަލުކުރާނީ ސްވިޒަލެންޑްގެ ބަސެލްއާ ދެކޮޅަށެވެ. ބަސެލް ވަނީ އިތުރު ވަގުތު ކުޅެގެން ރޭ 2-1 އިން ފްރާންސްގެ ނީސް ބަލިކޮށްފަ އެވެ. ފުރަތަމަ ލެގު 2-2 އިން އެއްވަރު ވެފައި ވުމާ އެކު ބަސެލް ކުރި ހޯދީ 4-3 ގެ އެގްރިގޭޓަކުންނެވެ.
ރޯމާ އަށް އެޑްވާންޓޭޖް، ޔުވެންޓަސް ސަލާމަތްވީ ކިރިޔާ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
އޮލޮންސޯ ކޯޗެއްގެ ގޮތުގައި މިރޭ މޮރީނިއޯއާ ދެކޮޅަށް
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
ބާސެލޯނާ ކަޓުވާލައި ޔުނައިޓެޑް އަނެއް ހަރުފަތަށް
ލިވަޕޫލުން ލަނޑު ގޯންޏެއް، ލެވަކޫސަން ދެއްކީ ޖާދޫ
އަޔެކްސް އަތުން ބްރައިޓަންއަށް ޔޫރަޕްގައި ފުރަތަމަ މޮޅު
ޔޫރޮޕާ ލީގު ޗެމްޕިއަންކަން ސެވިއްޔާ ހޯދައިފި
މޮރީނިއޯ ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް