Roadha Mihaaru
ރޯމާ އަށް އެޑްވާންޓޭޖް، ޔުވެންޓަސް ސަލާމަތްވީ ކިރިޔާ

ރޯމާ އަށް އެޑްވާންޓޭޖް، ޔުވެންޓަސް ސަލާމަތްވީ ކިރިޔާ

12 މެއި 2023

ރޯމް (މެއި 12) - ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ރޯމާ އިން އަމިއްލަ ދަނޑުގައި 0-1 އިން ބެޔާ ލެވެކޫސަން ބަލިކުރިއިރު، ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވާން ދަނިކޮށް ފަހު ވަގުތު 1-1 އިން ސެވިއްޔާއާ އެއްވަރުކޮށްފި އެވެ.

ރޯމް (މެއި 12) - ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ރޯމާ އިން އަމިއްލަ ދަނޑުގައި 0-1 އިން ބެޔާ ލެވެކޫސަން ބަލިކުރިއިރު، ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވާން ދަނިކޮށް ފަހު ވަގުތު 1-1 އިން ސެވިއްޔާއާ އެއްވަރުކޮށްފި އެވެ.

ރޯމާ އިން ލެވެކޫސަން ބަލިކުރި މެޗުގެ ހަމައެކަނި ގޯލު 62 ވަނަ މިނިޓުގައި ޖެހީ އެޑޮއާޑޯ ބޯވް އެވެ. މި ގޯލު ބޯވް ޖެހީ ރޯމާގެ ޓެމީ އަބްރަހަމް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ލިބުނު ވަގުތު އެވެ. މިއީ އިޓަލީ އަށް އުފަން 20 އަހަރުގެ މިޑްފީލްޑަރު ޔޫރަޕްގެ މުބާރާތެއްގައި ޖެހި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ލެވެކޫސަންގެ ފްލޯރިއަން ވީޓްޒް އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އެ ހާފުގައި ރޯމާގެ ރޮޖާ އިބަނޭޒް ބޮލުން ފޮނުވާލި ބޯޅަ ލެވެކޫސަންގެ ގޯލްކީޕަރު މަތަކުރި އެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު ލެވެކޫސަންގެ ޖެރެމީ ފްރިމްޕޮންގް ފޮނުވާލި ބޯޅަ ރޯމާގެ ކުޅުންތެރިއަކު ވަނީ ބްލޮކް ކޮށްފަ އެވެ.

ރޭގެ މެޗު ހާއްސަވި އެއް ކަމަކީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެކޮޅަށް ލެވެކޫސަންގެ ކޯޗުކަމުގައި ޒަބީ އޮލޮންސޯ ނުކުތުމެވެ. އޮލޮންސޯ އަކީ މޮރީނިއޯގެ ކޯޗުކަމުގައި ރެއާލް މެޑްރިޑަށް 151 މެޗު ކުޅެދިން ކުޅުންތެރިއެކެވެ.

އަންނަ ހަފްތާ ލެވެކޫސަންގެ ދަނޑުގައި ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ރޯމާ އަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ. މޮރީނިއޯގެ ކޯޗުކަމުގައި ރޯމާ ވަނީ މިދިޔަ ސީޒަނުގައި އަލަށް ފެށި ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ޔުވެންޓަސް އަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލު ޖެހުމަށް ފަހު ގައްޓީ.-- ފޮޓޯ: އޭއެފްޕީ

ޔުވެންޓަސް އަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލު ޖެހުމަށް ފަހު ގައްޓީ.-- ފޮޓޯ: އޭއެފްޕީ

ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އަތުން ޔުވެންޓަސް ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. މެޗުގެ 26 ވަނަ މިނިޓުގައި ސެވިއްޔާ އަށް ލީޑު ނަގައިދިނީ މޮރޮކޯގެ ފޯވާޑް ޔޫސުފް އައްނަސީރީ އެވެ. އޭނާ ވަނީ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވި އިރު ދެ ލެގުގައި ވެސް ގޯލު ޖަހައިފަ އެވެ.

ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓުގަ އެވެ. ޕައުލް ޕޮގްބާ ނަގައިދިން ހުރަހަކުން މި ގޯލު ބޮލުން ކާމިޔާބުކޮށްދިނީ ފެޑެރީކޯ ގައްޓީ އެވެ.

ސެމީގެ ދެވަނަ މެޗުގައި ސެވިއްޔާ އިން ޔުވެންޓަސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުތުމަކީ އެޓީމަށް އެޑްވާންޓޭޖެކެވެ. ސެވިއްޔާ އަކީ ޔޫރޮޕާ ލީގު ހަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އެންމެ ފަހުން އެޓީމު ޔޫރޮޕާ ލީގު ކާމިޔާބުކުރީ 2020 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެންނެވެ.