Roadha Mihaaru
ޔޫރޮޕާ ލީގު ޗެމްޕިއަންކަން ސެވިއްޔާ ހޯދައިފި

ރޯމާ ބަލިކޮށް ޔޫރޮޕާ ލީގު ޗެމްޕިއަންކަން ސެވިއްޔާ ހޯދައިފި

01 ޖޫން 2023

ބުޑަޕެސްޓް، ހަންގޭރީ (ޖޫން 1) - ފައިނަލުގައި އިޓަލީގެ އޭއެސް ރޯމާ ބަލިކޮށް ޔޫއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ސްޕެއިންގެ ސެވިއްޔާ ހޯދައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ބުޑަޕެސްޓް، ހަންގޭރީ (ޖޫން 1) - ފައިނަލުގައި އިޓަލީގެ އޭއެސް ރޯމާ ބަލިކޮށް ޔޫއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ސްޕެއިންގެ ސެވިއްޔާ ހޯދައިފި އެވެ.

ހަންގޭރީގެ ޕުސްކަސް އެރީނާގައި ކުޅުނު ފައިނަލުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ސެވިއްޔާ ކުރި ހޯދީ 1-4 އިންނެވެ.

ސެވިއްޔާ އިން މިހާރު ވަނީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފަ އެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ 2006، 2007، 2014، 2015، 2016، 2020 އަދި 2023 ވަނަ އަހަރު އެވެ. ޔޫރޮޕާ ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ ވެސް ސެވިއްޔާ އެވެ.

ރޭގެ މެޗުގެ 34 ވަނަ މިނިޓުގައި ރޯމާ އަށް ލީޑު ނަގައިދިނީ ޕައޮލޯ ޑިބާލާ އެވެ. ޖިއަންލޫކާ މަންސީނީ ދިން ބޯޅަ ހޯދުމަށް ފަހު ޑިބާލާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ރޯމާގެ ލިއޮނާޑޯ ސްޕިނަޒޯލާ އަށް ހުސްކޮށް ލިބުނު ބޯޅައެއް ފޮނުވާލުމުން ސެވިއްޔާގެ މޮރޮކޯ ގޯލްކީޕަރު ޔޫސުފް ބޯނޯ މަތަކުރި އެވެ. ރޯމާ ލީޑު ނެގިފަހުން ފުރަތަމަ ހާފުގެ ފަހުކޮޅު ސެވިއްޔާގެ އިވާން ރަކިޓިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ދެ ވަނަ ހާފު ވަރުގަދަކޮށް ފަށައި ސެވިއްޔާ އިން ނަތީޖާ ހަމަހަމަ ކުރީ 55 ވަނަ މިނިޓުގަ އެވެ. އެ ގޯލު ރޯމާގެ މަންސީނީ އަތުން ވަނީ ބައިކޮޅަށެވެ. ދެ ވަނަ ހާފުގައި ސެވިއްޔާ އަށް ޕެނަލްޓީ އެއް ދިނުމަށް ފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީގައި ރެފްރީ ނިންމުން ބަދަލުކުރި އެވެ.

އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ރޯމާގެ ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. ރޯމާ އަށް ނާކާމިޔާބުވީ ރޮޖާ އިބަނޭޒް އާއި މަންސީނީ ޖެހި ޕެނަލްޓީ އެވެ. ސެވިއްޔާ އިން ވަނީ އެޓީމުގެ ހަތަރު ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. ސެވިއްޔާ މޮޅުކޮށްދިން ޕެނަލްޓީ ޖެހީ ފީފާ ވޯލްޑް ކަޕްގައި ފްރާންސް ކޮޅަށް ވެސް މޮޅުވި ޕެނަލްޓީ ޖެހި އާޖެންޓީނާގެ ގޮންޒާލޯ މޮންޓިއެލް އެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ޔޫރަޕިއަން ކްލަބް ފައިނަލް ތަކުގައި މޮރީނިއޯ ދަމަހައްޓަމުން އައި ސަތޭކަ އިންސައްތަ ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ އެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި އިންޓަ މިލާންގެ އިތުރުން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި މިހާރުގެ ކްލަބް ރޯމާއާ އެކު ޔޫރަޕްގެ ކްލަބް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ސެވިއްޔާ އަށް ވަނީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފަ އެވެ. މި ސީޒަން ފެށިގެން އެޓީމުގެ ނަތީޖާތައް ދަށްވިއިރު، ސީޒަނުގެ މެދަކާ ހަމައަށް ދިޔައިރު ވެސް އެޓީމު އޮތީ ސްޕެއިން ލީގުގެ ރެލިގޭޝަނުގަ އެވެ. އެޓީމުގެ ނަތީޖާތައް ރަނގަޅުވީ މާޗް މަހުގެ މެދުތެރޭގައި ހޯސޭ ލުއިސް މެންޑިލިބާ ކޯޗުކަމާ ހަވާލުވި ހިސާބުންނެވެ. އޭނާގެ ކޯޗުކަމުގައި ސެވިއްޔާ މިހާރު އޮތީ ލީގުގެ 11 ވަނައިގަ އެވެ.