Roadha Mihaaru
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޔުނައިޓެޑް ކަޓައިފި

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޔުނައިޓެޑް ކަޓައިފި

14 މާޗް 2018

މެންޗެސްޓާ (މާޗް 14) – އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެވިއްޔާ އަތުން 2-1 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް ރޭ ކަޓައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (މާޗް 14) – އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެވިއްޔާ އަތުން 2-1 އިން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް ރޭ ކަޓައިފި އެވެ.

ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައިވާތީ ރޭގެ މެޗުން މޮޅުވާ ޓީމަކަށް އޮތީ ކުއާޓާ އިން ފުރުސަތު ލިބޭ ގޮތަށެވެ. 0-0 އިން ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ފުރުސަތު ލިބެން އޮތީ ސެވިއްޔާ އަށެވެ.

މެޗުގެ ބޮޑު ބައިގައި ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އޮތުމަށް ފަހު ސެވިއްޔާގެ ބަދަލު ކުޅުންތެރިޔާ ވިއްސަމް ބެން ޔެޑާ ވަނީ 74 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ގޯލް ޖަހައި އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. މާނައަކީ ކުރިއަށް ދިއުމަށް ޔުނައިޓެޑުން މަދުވެގެން ތިން ގޯލް ޖަހަން މަޖުބޫރުވުމެވެ. އެކަމަކު 84 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ޖެހި ގޯލް ފިޔަވައި ޔުނައިޓެޑަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ޖެސޭ ލިންގާޑް (ވ) އަތުން ބޯޅަ ހޯދަން ސެވިއްޔާގެ ގެބްރިއަލް މެސާޑޯ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ޔުނައިޓެޑުގެ ޖެސޭ ލިންގާޑް (ވ) އަތުން ބޯޅަ ހޯދަން ސެވިއްޔާގެ ގެބްރިއަލް މެސާޑޯ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބަލިކޮށް ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑަށް މި މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ޖެނުއަރީ މަހު އެ ޓީމަށް ގެނައި ޗިލީގެ ވިންގާ އެލެކްސިސް ސަންޗޭޒަށް ވެސް އަދި ދެ ވަނަ ހާފުގައި އެރި ޕައުލް ޕޮގްބާ އަށް ވެސް ނުރައްކަލެއް ނުކުރެވުނެވެ. ޔުނައިޓެޑުގެ ކުޅުންތެރިން އެޓޭކްކުރަން އެދި އަމިއްލަ ސަޕޯޓަރުން ވެސް މި މެޗުގައި ގޮވި އެވެ.

މި މެޗާ ހަމަޔަށް އިންގްލެންޑުގައި ޗެމްޕިއަންސް ލީގުގެ މެޗަކުން މޮޅުވެފައިނުވާ ސެވިއްޔާ އިން ވަނީ ރޭގެ މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެފަ އެވެ. ހާއްސަކޮށް ސްޓީވެން އެންޒޮންޒީ އާއި އެވާ ބަނޭގާ ބަލަހައްޓަމުން ދިޔަ މިޑްފީލްޑް ލައިނުން މެޗު ކޮންޓްރޯލްކުރި އެވެ. އެ ޓީމުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކް އަތުން 1-0 އިން މޮޅުވެ އިޓަލީގެ އޭއެސް ރޯމާ ވެސް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޝަކްތާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު 2-1 އިން މޮޅުވެފައިވާތީ ރޭގެ ނަތީޖާއާ އެކު ދެ ޓީމު 2-2 ގެ އެގްރިގޭޓުން އެއްވަރުވީ އެވެ. ރޯމާ އަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ގޯލުންނެވެ. ރޭގެ މެޗުގައި ރޯމާގެ ހަމައެކަނި ލަނޑު 52 ވަނަ މިނެޓުގައި ޖެހީ އެޑިން ޖެކޯ އެވެ.