Roadha Mihaaru
ރޯމާގެ އަތްދަށުނުވެ ޗެލްސީ ސަލާމަތްވެއްޖެ

ރޯމާގެ އަތްދަށުނުވެ ޗެލްސީ ސަލާމަތްވެއްޖެ

19 އޮކްޓޯބަރ 2017

ލަންޑަން (އޮކްޓޯބަރު 19) – ފަހަތުން އަރައި ރޯމާ 3-2 އިން ކުރި ހޯދާފައިވަނިކޮށް އެޑިން ހަޒާޑް ޖެހި ލަނޑުން ރޭ ޗެމްޕިއަންސް ލީގުގައި ރޯމާއާ 3-3 އިން އެއްވަރުވެ ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (އޮކްޓޯބަރު 19) – ފަހަތުން އަރައި ރޯމާ 3-2 އިން ކުރި ހޯދާފައިވަނިކޮށް އެޑިން ހަޒާޑް ޖެހި ލަނޑުން ރޭ ޗެމްޕިއަންސް ލީގުގައި ރޯމާއާ 3-3 އިން އެއްވަރުވެ ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ރޯމާ އިން ކޮންޓްރޯލްކުރި ނަމަވެސް ޗެލްސީން ވަނީ ކައުންޓާ އެޓޭކުގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޑަވިޑް ލުއިޒް ޖެހިއިރު 37 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ކާމިޔާބުކުރީ ހަޒާޑެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާގެ އަލެކްސެންޑާ ކޮލަރޯފް ތަފާތު ކުޑަކޮށްދިނެވެ.

ދެ ވަނަ ހާފު ރޯމާ އިން ކުރިއަށް ވުރެ ބޮޑާށް ކޮންޓްރޯލް ކުރިއިރު 64 ވަނަ މިނެޓުގައި 70 ވަނަ މިނެޓުގައި ބޮސްނިއާ ފޯވާޑް އެޑިން ޖެކޯ ވަނީ ދެ ލަނޑު ޖަހައި ރޯމާ އަށް ފަހަތުން އަރައި ކުރި ހޯދައިދީފަ އެވެ. އެކަމަކު 75 ވަނަ މިނެޓުގައި ހަޒާޑް ޖެހި ލަނޑާ އެކު ޗެލްސީ 3-3 އިން އެއްވަރުކުރި އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ދަތިތަކާ ކުރިމަތިވި ކަމަށާއި އަދި ކުޅުމުގެ ސިސްޓަމަށް ބަދަލު ގެންނަން ނިންމި ނިންމުމުން ފައިދާނުވި ކަމަށެވެ.

"އަހަރެމެން ދެ ގޯލް ޖެހިން. އެކަމަކު މެޗުގެ ކޮންޓްރޯލް އޮތްކަމުގެ އިހުސާސެއް ނުކުރެވޭ. އަހަރެން އެކަމާ ޒިންމާ ނަގަން އެބަ ޖެހޭ. ސަބަބަކީ ސިސްޓަމް ބަދަލުކުރަން ނިންމީ އަހަރެން ކަމަށް ވާތީ،" ކޮންޓޭ ބުންޏެވެ.

އަނިޔާގެ ސަބަބުން އެންގޯލޯ ކާންޓޭ އާއި ވިކްޓަ މޮސެސް އަދި ޑެނީ ޑްރިންކްވޯޓާ މި މެޗުގައި ނުކުޅެ އެވެ. އެ ޓީމުން 3-5-2 ގެ ފޯމޭޝަނަށް ކުޅުނުއިރު މެދުތެރެ އަށް ކުޅުވީ ޑިފެންޑަރު ލުއިޒް އެވެ.

"މި ހުރިހާ ކަމަކާ އެކު ވެސް އަހަރެމެން މި އެއްވަރުކުރީ ވަރަށް މޮޅަށް ކުޅުނު ރޯމާއާ. އަދި އަހަންނަށް ޝުކުރު އަދާކުރެވެން އޮތީ ހަމައެކަނި ކުޅުންތެރިންނަށް،" ކޮންޓޭ ބުންޏެވެ.

މި ގްރޫޕުގައި ދެން އޮތް ސްޕެއިނުގެ ވަރުގަދަ ބާރު ކަމަށްވާ އެތުލެޓިކޯ މެޑްރިޑް ވަނީ އާމީނިއާގެ ގަރަބާގްއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ތާވަލުގެ އެއް ވަނައިގައި ހަތް ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ދެ ވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ރޯމާ އެވެ. އެތުލެޓިކޯ އެންމެ ދެ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ގަރަބާގް އޮތީ ރޭ އެތުލެޓިކޯ އަތުން ހޯދި ޕޮއިންޓާ އެކު ފުލުގަ އެވެ.