Roadha Mihaaru
ރޯމާއާ ދެކޮޅަށް ކުޅޭއިރު ކޮންޓޭ އަށް ބޮލުގެރިހުމެއް

ރޯމާއާ ދެކޮޅަށް ކުޅޭއިރު ކޮންޓޭ އަށް ބޮލުގެރިހުމެއް

18 އޮކްޓޯބަރ 2017

ލަންޑަން (އޮކްޓޯބަރު 18) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް ނުކުންނައިރު އަނިޔާގެ މައްސަލައިގެ ސަބަބުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޯބަރު 18) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް ނުކުންނައިރު އަނިޔާގެ މައްސަލައިގެ ސަބަބުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ވިކްޓަ މޮސެސް އާއި އެންގޯލޯ ކާންޓޭ އަށް ނުކުޅެ އެވެ. އެކަމަކު ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ވަނީ މި މެޗަށް ފިޓްވެފަ އެވެ.

ޕްރިމިއާ ލީގުގައި މި ސީޒަނުގައި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ބާންލީ އާއި މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. އަދި އެންމެ ފަހުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ކޮންޓޭ ބުނީ މެޗުތަކުން ބަލިވަނީ ޗެލްސީ ދަށްވެގެން ނޫން ކަމަށާއި އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިން ނުލައި ކުޅެން ޖެހުމުން ކަމަށެވެ.

"އަހަރެމެން މި ބޭނުން ކުރަން ޖެހެނީ އެއް ކުޅުންތެރިންތަކެއް. މީގެ ތެރޭގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އެއް ހަފްތާ ތެރޭގައި ތިން މެޗު ކުޅުމުގެ ތަޖުރިބާ މީގެ ކުރިން ކޮށްފައި ތިބި ކުޅުންތެރިންނެއް ނޫން. އެ ކަހަލަ ކަންކަމަށް މި ކުޅުންތެރިން އާ ވުމުގެ މައްސަލަ މި ދިމާވަނީ،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މި ހާލަތުގައި ނުކުންނަން ޖެހުނަސް ވިސްނުމަކީ މެޗު ކާމިޔާބު ކުރުން ކަމަށާއި ތިބި ކުޅުންތެރިންނާ އެކު ވެސް އެ ކަން ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ރޯމާ ހަތަރު ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި އެންމެ ފުލުގައި އޮތް ގަރަބަޖަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި މެޗުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ރޯމާ އަށް އޮތްއިރު އެ ޓީމުގެ ފޯވާޑް ބޮސްނިއާގެ އެޑިން ޒެކޯ ބުނީ ޗެލްސީ އޮންނާނީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން ބަލިވުމުން މޮޅެއް ހޯދަން ކެތްމަދުވެފައި ކަމަށެވެ.

ނަޕޯލީ އަތުން ބަލިވި މެޗުގައި ނުފެނުނު ރޯމާގެ ދެ ކުޅުންތެރިން ކަމަށްވާ ކެވިން ސްޓްރޫޓްމަން އާއި އެލްޝަރާވީ ވަނީ މި މެޗަށް ފިޓްވެފަ އެވެ. އެންމެ ފަހުން އިނގިރޭސި ކްލަބްތަކާ ދެކޮޅަށް ރޯމާ ރަށުންބޭރުގައި ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ރޯމާ އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.