Roadha Mihaaru
ޝީލާގެ ނާސްތާ ރައީސްގެ ސުފުރާމައްޗަށް

ޝީލާގެ ނާސްތާ ރައީސްގެ ސުފުރާމައްޗަށް

30 ނޮވެމްބަރ 2020

މަޝްހޫރު ފިލްމީ ބަތަލާ ޝީލާ ނަޖީބު ކާއެއްޗެހި ތައްޔާރުކޮށްގެން ވިއްކަން ފެށުމާ އެކު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް މިކަމަށް ލިބިފައިވެ އެވެ. އޭނާގެ ކެއުންތަކަށް އޯޑަރުކުރާ މީހުން ގިނަވެ، މިހާރު މީގެ ތެރޭގައި ރެގިއުލާ ކަސްޓަމަރުން ވެސް ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ފިލްމީ ބަތަލާ ޝީލާ ނަޖީބު ކާއެއްޗެހި ތައްޔާރުކޮށްގެން ވިއްކަން ފެށުމާ އެކު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް މިކަމަށް ލިބިފައިވެ އެވެ. އޭނާގެ ކެއުންތަކަށް އޯޑަރުކުރާ މީހުން ގިނަވެ، މިހާރު މީގެ ތެރޭގައި ރެގިއުލާ ކަސްޓަމަރުން ވެސް ހިމެނެ އެވެ.

ފިލްމު ކުޅެމުން، ޝީލާގެ ކެއްކުމުގެ ހުނަރާއި ތަޖުރިބާ އާއި އެ ރަހައިގެ ޖާދޫގެ މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ އިރު ލިބުނު އެންމެ ބޮޑު އެއް އުފަލަކީ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުންގެ ސަފުރާމައްޗަށް ވެސް ޝީލާގެ ރަހަތައް ގެނެސްދެވުމެވެ. ރައީސް އޮފީހުގައި ބޭއްވި ހަފުލާއަލުން ޝީލާ އަށް މި ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.

"ވަރަށް އުފާވި މި ފުރުސަތު ލިބުނީމަ. ރައީސްގެ ދެކަނބަލުންނަށް އަހަރެންގެ ރަހަތައް ދައްކާލަން ރިކުއެސްޓްކޮށްގެން އުޅެނިކޮށް މި ފުރުސަތު ލިބުނީ،" އަމިއްލަ ކާނާތައް ފިރިމީހާ އެކްޓަރު މުހައްމަދު މަނިކާ އެކު ރައީސްގެ ދެކަނބަލުންނާ އެކު އެއް ސުފުރާމަތީގައި ހިއްސާކޮށްލަން ލިބުނުން އުފަލުން ހުރި ޝީލާ ބުންޏެވެ.

ރައީސް އޮފީހަށް ޝީލާ ގެންދިޔަ ކާތަކެތީގެ ތެރޭގައި ޖުމްލަ 12 ވައްތަރެއް ހިމެނެ އެވެ.

"އޭގެ ތެރެއިން ބައްޓާއި ބީންސް އިން ހަދާފައި ހުރި އެއްޗެހި އެ ބޭފުޅުންނަށް ވަރަށް ކަމުދިޔަ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "މީރުވެގެން އެ ވާހަކަ އެ ބޭފުޅުން ވިދާޅުވީމަ އަދި ވަކިން ބޮޑަށް އުފާވި ފަސްޓްލޭޑީ ވިދާޅުވި ކުރިއަށް އޮތް ތަނުގައި ވެސް ޝީލާގެ އަތުން އޯޑަރު ނަންގަވާނެ ކަމަށް."

ކެއްކުމަކީ އަބަދު ވެސް ޝީލާ ވަރަށް ކުރާ ހިތުން ލޯބިން ކުރާ ކަމެކެވެ. އޭނާ ބުނިގޮތުގައި މިއީ މަންމަ ފަރާތު އާއިލާ އިން ލިބުނު ހުނަރެކެވެ. އެކަމަކު ޝީލާގެ މީރުގެ ކެއުންތައް އާންމުންނާ ހަމައަށް ފޯރުކޮށް ދޭން ވިޔަފާރިއަކަށް ބަދަލުވީ މީގެ ތިން މަހެއްހާ ދުވަސްކުރިންނެވެ.

"މިކަން އަސްލު ފެށިފައި އޮތީ ރޯދަ މަހު. އެކަމަކު މިހާރު މިކުރާ ގޮތަށް ފުޅާވެގެން ދިޔައީ ތިން މަސް ކުރިން. މިހާރު ހަމަ މާލޭގެ ކޮންމެ ހިސާބަކުން ޝީލާގެ މެނޫގެ ހިމެނޭ ޕެކޭޖަކަށް އޯޑަރުކޮށްލިޔަސް ގެންގޮސްދޭނެ،" ސޯޝަލް މީޑިއާގައި މި ހިދުމަތް އިޝްތިހާރު ކުރަމުން އަންނަ ޝީލާ ބުންޏެވެ. "މީގެ ތެރޭގައި އެބަހުރި އޮފީސް ޕެކޭޖްތައް ވެސް."

ޝީލާގެ ކާނާ އަކީ ހަމަ ސީދާ އޭނާގެ އަމިއްލަ މަސައްކަތެވެ. ރޮށި ނޫން އެހެން ހުރިހާ އެއްޗެއް ތައްޔާރުކުރަނީ ސީދާ ޝީލާ އަމިއްލަށެވެ. އަދި ޝީލާގެ ނާސްތާ ޕެކްތަކުގެ އެންމެ ހާއްސަ ކަމަކީ އެންމެ ތާޒާކަންމަތީ ކަސްޓަމަރުންނަށް ހަމައަށް ފޯރުކޮށް ދިނުމެވެ. ޝީލާގެ ނާސްތާގައި ހިމެނެނީ ހުކުރު/ހޮނިހިރުގައި ހިމެނޭ "ވީކެންޑް" ޕެކާއި ހޯމަ/ބުދައިގައި "އޮފީސް ޕެކް" އެވެ.

"އާންމުންގެ ފަރާތުން ލިބޭ ކޮމެންޓް ވެސް ވަރަށް ރަނގަޅު. މި މަސައްކަތަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ." ޝީލާ ބުންޏެވެ.

ފިލްމީ މަސައްކަތަށް ވަގުތި ހުސްކުރަމުން ކައްކައިގެން އާމްދަނީ ހޯދާ އިރު، މި މަސައްކަތް ޕްރޮމޯޓްކޮށް ދިނުމުގެ އެންމެ ބޮޑު އެހީތެރީ އަކީ ފިރިމީހާ މަނިކެވެ.

"މަނިކުގެ ސަޕޯޓް ވަރަށް ބޮޑު،" ޝީލާ ބުންޏެވެ. "މި ހިދުމަތް ޕްރޮމޯޓްކޮށް ދޭން ވެސް އެންމެ ބޮޑަށް މަސައްކަތްކޮށް ދެނީ މަނިކު."

އޭނާ ބުނީ ލިބެމުން އަންނަ ތަރުހީބަށް ބަލާ އިރު މިއީ އަދިވެސް ފުޅާކުރެވެން އޮތް ހިދުމަތެއް ކަމަށެވެ.

"އެކަހަލަ ވިސްނުންތަކެއް އެބަހުރި. އަސްލު ފިލްމީ މަސައްކަތުގައި އުޅެމުން މިކަން ކުރާ އިރު، މިއީ ހަމަ އާމްދަނީ ހޯދަން ވަރަށް ރަނގަޅު ކަމެއް،" ޑާކް ރެއިން އެންޓަޓައިންމަންޓުން ހަދަމުންނަ ސިޓްކޮމް "ރޫމީ އާ ޖަންނަތު" ގެ މަސައްކަތް ވެސް މި ވަގުތު ކިރަމިން އަންނަ ޝީލާ ބުންޏެވެ.

"ގޭގެ ހަރަދުތައް މިހާރު މި ބަލަހައްޓަނީ މިކަމުން ލިބޭ އާމްދަނީން."