Roadha Mihaaru
15 މިނިޓް ތެރޭ ހާލަންޑް ހެޓްރިކެއް ހަދައިފި

15 މިނިޓް ތެރޭ ހާލަންޑް ހެޓްރިކެއް ހަދައިފި

22 ނޮވެމްބަރ 2020

މިއުނިކް (ނޮވެމްބަރު 22) - ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (ގޯލްޑަން ބޯއީ އެވޯޑް) ހާސިލްކުރި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ރޭ ކުޅުނު މެޗުގެ 15 މިނިޓް ތެރޭ ހެޓްރިކެއް ހަދައިފި އެވެ.

މިއުނިކް (ނޮވެމްބަރު 22) - ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (ގޯލްޑަން ބޯއީ އެވޯޑް) ހާސިލްކުރި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ރޭ ކުޅުނު މެޗުގެ 15 މިނިޓް ތެރޭ ހެޓްރިކެއް ހަދައިފި އެވެ.

ހާތާ ބާލިން ދަނޑުގައި 5-2 އިން ޑޯޓްމަންޑް މޮޅުވި މެޗުގައި އުމުރުން 20 އަހަރުގެ ހާލަންޑް ހަތަރު ލަނޑު ޖެހި އެވެ. ހާލަންޑް ވަނީ މި ސީޒަނުގައި މިހާތަނަށް ކްލަބާއި ގައުމީ ޓީމަށް ކުޅުނު 17 މެޗުން 21 ގޯލު ޖަހައިފަ އެވެ.

"މިއީ އަހަރެން އެންމެ ރަނގަޅު ފޯމުގައި ހުރި ދުވަހެއް. މުޅި ޓީމުގެ އެހީއާ އެކު ވަރަށް ރަނގަޅު މޮޅެއް މި ހޯދުނީ،" ރޭގެ މެޗަށް ފަހު ހާލަންޑް ބުންޏެވެ. "އަހަންނަށް މޮޅު (ޒުވާން) ކުޅުންތެރިޔާ އެވޯޑް ލިބުނީ ކުރީގެ ޓީމު (ސަލްޒްބާގް) އާއި ޑޯޓްމަންޑްގައި އަހަންނަށް އެހީވި ކުޅުންތެރިންގެ މަސައްކަތުން،"

ހާތާ ބާލިން ދަނޑުގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި މަތިއަސް ކޫނިއާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު ދެ ވަނަ ހާފްގެ 15 މިނިޓް ތެރޭ ހެޓްރިކެއް ހަދައި ހާލަންޑް ވަނީ ޑޯޓްމަންޑް ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. އޭނާ ލަނޑުތައް ޖެހީ 47، 49 އަދި 62 ވަނަ މިނިޓްގަ އެވެ. ރަފައެލް ގަރޭރޯ މެޗުގެ 70 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، ހާލަންޑް ވަނީ އޭގެ ނުވަ މިނިޓް ފަހުން އިތުރު ލަނޑެއް ޖަހައިފަ އެވެ.

ރޭގެ މެޗުގައި ހާތާ އިން ޖެހި ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން ކޫނިއާ ކާމިޔާބުކުރި ގޯލެކެވެ.

މި މޮޅާ އެކު ޑޯޓްމަންޑް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ. ބަޔާން ވަނީ ރޭ ކުޅުނު މެޗުން ވާޑާ ބްރެމެންއާ 1-1 އިން އެއްވަރުވެފަ އެވެ. ބަޔާނަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޑޯޓްމަންޑާއި ތިން ވަނައިގައި އޮތް ބަޔާ ލެވަކޫސަން އަށް ވަނީ އަށް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ. ލެވަކޫސަން ވަނީ ރޭ ރަށުންބޭރުގައި އާރްމީނިއާ ބީލަފީލްޑް އަތުން 2-1 އިން މޮޅުވެފަ އެވެ.

ރޭ ފްރޭންކްފާޓާ 1-1 އިން އެއްވަރުވެ އާރްބީ ލައިޕްޒިގު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ލައިޒްޕިގަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.