Roadha Mihaaru
ހާލަންޑަށް ޖަރުމަނު ލީގުގެ ރެކޯޑެއް

ހާލަންޑަށް ޖަރުމަނު ލީގުގެ ރެކޯޑެއް

25 ޖެނުއަރީ 2020

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި ރޭ ކޮލޯން އަތުން 5-1 އިން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވި މެޗުގައި އެ ޓީމުގެ ނޯވޭ ފޯވާޑް އެރިކް ހާލާންޑް ޖަރުމަނު ލީގުގެ ރެކޯޑެއް ހަދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި ރޭ ކޮލޯން އަތުން 5-1 އިން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވި މެޗުގައި އެ ޓީމުގެ ނޯވޭ ފޯވާޑް އެރިކް ހާލާންޑް ޖަރުމަނު ލީގުގެ ރެކޯޑެއް ހަދައިފި އެވެ.

އުމުރުން 19 އަހަރުގެ ފޯވާޑް ޑޯޓްމަންޑަށް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި 20 މިނިޓްގެ ތެރޭގައި ހެޓްރިކެއް ހަދައިފަ އެވެ. އަދި ރޭގެ މެޗުގައި ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ކޮލޯން ކޮޅަށް ހާލަންޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. މިއާ އެކު އޭނާ ވެފައިވަނީ ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ދެ މެޗުގައި ފަސް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޑޯޓްމަންޑުގެ ކޯޗު ލޫޝިއަން ފާވްރޭ ބުނީ ހާލަންޑަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދެނީ އަނިޔާ އިން އެއްކޮށް ރަނގަޅުވެ ފުރިހަމަ ޓްރެއިނިންތަކުގައި ބައިވެރިނުވެވޭތީ ކަމަށާއި އެކަމަކު މިހާރު އޭނާ އަނިޔާއިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށެވެ.

"އަހަރެމެން އޭނަ ގެނައީ ލަނޑު ޖަހަން. އެއްކޮށް ފިޓްކޮށް ހުރެފިނަމަ މި އަށް ވުރެ ބޮޑަށް އޭނާގެ ތަފާތު ފެންނާނެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ވެސް އޭނާ ޓީމުގެ ކުޅުންތެރިންނާއި ގުޅިގެން އެ ދައްކަނީ ވަރަށް މޮޅު ކުޅުމެއް. މިއީ އަހަރެމެންނަށް ކުރެވުނު ވަރަށް ރަނގަޅު ޓްރާންސްފާއެއް،" ފާވްރޭ ބުންޏެވެ.

ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރެއުސް ބުނީ ހާލަންޑާ އެކު އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މި ސީޒަނުގައި ސަލްޒާބުގައި ދެއްކި މޮޅު ކުޅުމާ އެކު ހާލަންޑް ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް ފަދަ ބޮޑެތި ކްލަބްތަކުން އޭނާގެ ސޮއި ހޯދަން މަސައްކަތްކުރި އެވެ. ޑޯޓްމަންޑުން އެކަން ކާމިޔާބުކުރީ 22 މިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ.

ހާލަންޑްގެ އިތުރުން ޑޯޓްމަންޑުގެ އަނެއް ގޯލުތަށް ޖެހީ ރަފައެލް ގަރޭރޯ، ރެއުސް އަދި ޖޭޑަން ސަންޗޯ އެވެ. މި މޮޅާ އެކު ޑޯޓްމަންޑް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޑޯޓްމަންޑަށް ވަނީ 19 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކަށް 18 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އާރްބީ ލިޕްޒިގު އޮތީ 18 މެޗުން 40 ޕޮއިންޓާ އެކު އެވެ.