Roadha Mihaaru
ހާލަންޑުގެ އެނބުރި އަައުން ފާހަގަކުރީ ދެ ގޯލުން

ހާލަންޑުގެ އެނބުރި އަައުން ފާހަގަކުރީ ދެ ގޯލުން

17 އޮކްޓޯބަރ 2021

ޑޯޓްމަންޑް (އޮކްޓޯބަރު 17) - އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި މެޗުގައި އާލިން ބްރައުޓް ހާލަންޑް ދެ ގޯލު ޖަހައި، ބޮރޫޝިއާ ޑޯޓްމަންޑް މޮޅުކޮށްދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޑޯޓްމަންޑް (އޮކްޓޯބަރު 17) - އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި މެޗުގައި އާލިން ބްރައުޓް ހާލަންޑް ދެ ގޯލު ޖަހައި، ބޮރޫޝިއާ ޑޯޓްމަންޑް މޮޅުކޮށްދީފި އެވެ.

ޑޯޓްމަންޑް ރޭ މޮޅުވީ ލީގުގައި 3-1 އިން މެއިންޒް ބަލިކޮށްގެންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކުޅުމާ ދުރުގައި ކުރި ފޯވަޑް ހާލަންޑް ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ 54 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި ދެވަނަ ލަނޑު ޖެހީ 90 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގަ އެވެ.

އުމުރުން 21 އަހަރުގެ ހާލަންޑުގެ މި ދެ ލަނޑާއެކު އޭނާ ވަނީ މިހާތަނަށް ޑޯޓްމަންޑަށް ލީގުގައި ކުޅެދިން 49 މެޗުން 49 ލަނޑު ޖަހައިފަ އެވެ. އަދި ރޭ ހާލަންޑް ޖެހި ދެވަނަ ލަނޑަކީ އޭނާ 15 އަހަރުގައި ފެށި ސީނިއާ ކްލަބް ކެރިއަރުގައި މިހާތަނަށް ކުޅުނު 138 ލީގު މެޗުން ޖެހި 100 ވަނަ ލަނޑެވެ.

އަނިޔާގެ ސަބަބުން މި މަހު ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭ ކުޅުނު ދެ މެޗު ވެސް ވަނީ ހާލަންޑަށް ގެއްލިފަ އެވެ.

މެޗުގައި މެއިންޒްގެ ހަމައެކަނި ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި ޖެހިއިރު، ޑޯޓްމަންޑުގެ ފުރަތަމަ ލަނޑު މެޗުގެ ތިންވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން މާކޯ ރޮއިސް އެވެ. ރޮއިސްގެ މި ލަނޑަކީ އޭނާ މެއިންޒްއާ ދެކޮޅަށް ކުޅުނު 20 މެޗުން ޖެހި 14 ވަނަ ގޯލެވެ.

މެއިންޒްއާ ދެކޮޅަށް ޖެހި ދެ ލަނޑާ އެކު ބުންޑެސްލިގާ ލަނޑު ލިސްޓުގައި ހާލަންޑް މި ވަގުތު އެއްވަނައިގައި އޮތީ ކުޅުނު ހަ މެޗުން ނުވަ ގޯލު ޖަހައިގެންނެވެ. ދެވަނައިގައި އޮތީ ހަތް ގޯލު ޖަހައިގެން ބެޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީ އެވެ.

ޑޯޓްމަންޑްގެ މި މޮޅާއެކު އެޓީމު އޮތީ އަށް މެޗު ކުޅެގެން 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ ހަތް މެޗު ކުޅެގެން 16 ޕޮއިންޓް ހޯދާފައިވާ ބެޔާން މިއުނިކާއި ބެޔާ ލެވަކޫސަން އެވެ. ލީގުގައި ބެޔާން މިއުނިކާއި ބެޔާ ލެވަކޫސަން މިރޭ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން ދެ ޓީމަށް ވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.