Roadha Mihaaru
ލީގުގައި އެންމެ އަވަސް 50 ލަނޑުގެ ރެކޯޑް ހާލަންޑަށް

ބުންޑެސްލިގާގައި އެންމެ އަވަސް 50 ލަނޑުގެ ރެކޯޑް ހާލަންޑަށް

28 ނޮވެމްބަރ 2021

ވުލްވްސްބާގް (ނޮވެމްބަރު 28) - ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ޒުވާން ފޯވަޑް އާލިން ބްރައުޓް ހާލަންޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވުނަސް، އޭގެ މާ ކުރިން ރަނގަޅުވެ ކުޅެން އަރައި އަށް މިނިޓު ތެރޭ ލަނޑު ޖަހައިގެން ބުންޑެސްލިގާގައި އެންމެ އަވަހަށް 50 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް އޭނާ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވުލްވްސްބާގް (ނޮވެމްބަރު 28) - ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ޒުވާން ފޯވަޑް އާލިން ބްރައުޓް ހާލަންޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވުނަސް، އޭގެ މާ ކުރިން ރަނގަޅުވެ ކުޅެން އަރައި އަށް މިނިޓު ތެރޭ ލަނޑު ޖަހައިގެން ބުންޑެސްލިގާގައި އެންމެ އަވަހަށް 50 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް އޭނާ ހޯދައިފި އެވެ.

ހާލަންޑް މި ޝަރަފް ހޯދީ އުމުރުން 21 އަހަރާއި 129 ދުވަހުގައި ލީގުގައި ކުޅުނު 50 ވަނަ މެޗުގަ އެވެ. އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން ހާލަންޑް ޑޯޓްމަންޑަށް ބަދަލުވީ 2019-2020 ވަނަ ސީޒަނުގެ ފިނިމޫސުމުގެ ޓްރާންސްފާގަ އެވެ.

ރަށުން ބޭރުގައި ރޭ ޑޯޓްމަންޑުން ވުލްވްސްބާގް ބަލިކުރީ ފަހަތުން އަރައި 3-1 އިންނެވެ. ދެވަނަ މިނިޓުގައި ވައުޓް ވެހޯސްޓުގެ ލަނޑުން ވުލްވްސްބާގް ކުރި ހޯދައިފައި އޮއްވައި ޑޯޓްމަންޑޫން އެއްވަރުކުރީ 35 ވަނަ މިނިޓުގައި އެމެރޭ ކޭން އެވެ. ދެވަނަ ހާފު ފެށިގެން 10 މިނިޓު ތެރޭ ޑޮންޔެލް މޭލެން ޖެހި ލަނޑުން ޑޯޓްމަންޑަށް ލީޑު ލިބުނުއިރު، ތިންވަނަ ލަނޑު ހާލަންޑު ޖެހީ މެޗުގެ 81 ވަނަ މިނިޓުގަ އެވެ.

މިއީ ހާލަންޑް މި ސީޒަނުގައި ލީގުގައި ކުޅުނު ހަތް މެޗުން ޖެހި 10 ވަނަ ލަނޑެވެ. ކުލަބުގައި ހުރި އެންމެ މުހިއްމު ސްޓްރައިކަރުގެ ގޮތުގައި ގިނަބަޔަކު ދެކޭ ހާލަންޑް ނުލައި ކުޅެން ޖެހުމުން އެޓީމު ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ކަޓައި، ޔޫރޮޕާ ލީގު ކުޅެން ޖެހިފަ އެވެ.

ހާލަންޑަކީ ކުލަބުގެ އިތުރުން ގައުމީ ޓީމުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ނުލައި އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭ ކުޅުނު މެޗުތަކުން މޮޅު ނުވެވި، އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިއެއް ނުވި އެވެ.

މި ނަތީޖާއާ އެކު ވެސް ޑޯޓްމަންޑް އޮތީ އެއްވަނައިގައި އޮތް ބެޔާން މިއުނިކާ އެއް ޕޮއިންޓް ފަހަތުން ދެވަނައިގަ އެވެ. ބެޔާންގެ ލެރޯއި ސާނޭ ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން އަލްމީނިއާ ބަލިކުރި މެޗުގައި ލަނޑު ޖަހައި، ލީގުގައި 44 އަހަރުވީ ރެކޯޑެއް މުގުރާލައިފަ އެވެ.

މެޗުގެ 71 ވަނަ މިނިޓުގައި ސާނޭ ޖެހި ލަނޑަކީ ބެޔާން އިން ލީގުގައި މި އަހަރު ޖެހި 102 ވަނަ ލަނޑެވެ. މީގެ ކުރިން 1977 ވަނަ އަހަރު ކޮލޯން އިން ލީގުގައި 101 ގޯލު ވަނީ ޖަހައިފަ އެވެ.