Roadha Mihaaru
ހާލަންޑް ސިޓީއާ ގުޅޭގޮތަށް ހަމަޖެހިއްޖެ: ރިޕޯޓް

ހާލަންޑް ސިޓީއާ ގުޅޭގޮތަށް ހަމަޖެހިއްޖެ: ރިޕޯޓް

09 މެއި 2022

މެންޗެސްޓާ (މެއި 9) - ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ޒުވާން ފޯވާޑް އާލިބން ބްރައުޓް ހާލަންޑް މި ހަފްތާ ތެރޭ މެންޗެސްޓާ ސިޓީ އަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މެއި 9) - ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ޒުވާން ފޯވާޑް އާލިބން ބްރައުޓް ހާލަންޑް މި ހަފްތާ ތެރޭ މެންޗެސްޓާ ސިޓީ އަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަނަށް ފަހު ހާލަންޑް ކުލަބް ދޫކޮށް ދާނެ ކަން ވަނީ ޑޯޓްމަންޑަށް އަންގައިފަ އެވެ. އަދި މެންޗެސްޓާ ސިޓީ އިން ތިބީ، ހާލަންޑްގެ ރިލީސް ކްލޯސް ކަމަށްވާ 79 މިލިއަން ޑޮލަރު ދައްކަން ތައްޔާރަށެވެ.

ހާލަންޑްގެ ބައްޕަ އަލްފް އިންގް ހާލަންޑް އަކީ 2000 ގެ ކުރީކޮޅު މެންޗެސްޓާ ސިޓީ އަށް ކުޅުނު ކުޅުންތެރިއެކެވެ. ހާލަންޑް ގެންދަން ބެޔާން މިއުނިކާއި ބާސެލޯނާ އަދި ޗެލްސީން ވެސް މަސައްކަތް ކުރި އެވެ.

ހާލަންޑްގެ ރިލީސް ކްލޯސް އެކްޓިވޭޓް ކޮށްގެން ސިޓީ އިން އޭނާ ގެންގޮސްފި ނަމަ ވެގެންދާނީ މި ބާޒާރުގެ އެންމެ ބޮޑު އެއް ޓްރާންސްފާ އަށެވެ. ނަމަވެސް އޭނާގެ ރިލީސް ކްލޯސް އަކީ މި އަހަރު 22 އަހަރު ފުރޭ މި ފެންވަރުގެ ފޯވާޑަކަށް ނިސްބަތުން ވަރަށް ކުޑަ އަގަކަށެވެ.

ސިޓީ އިން ވަނީ ހާލަންޑް ލައްވައި ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރު ވެފަ އެވެ. އަދި އޭނާއަށް ހަފްތާއަކު ލިބޭ މުސާރަ، ކެވިން ޑިބްރޭނާ އަށް ލިބޭ ވަރަށް ވުރެ ބޮޑެއް ނުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޑިބްރޭނާ އަށް މިހާރު ލިބެނީ ހަފްތާއަކު ގާތްގަނޑަކަށް 375،000 ޕައުންޑެވެ.

ހާލަންޑް ޖަރުމަނަށް ބަދަލުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުންނެވެ. މިހާތަނަށް އޭނާ ޑޯޓްމަންޑަށް 88 މެޗުން 85 ލަނޑު ޖަހައިދީފައި ވާއިރު، މި ސީޒަނުގައި ޑޯޓްމަންޑުގެ ފަހު މެޗު އޮންނާނީ އަންނަަ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ހާތާ ބާލިންއާ ދެކޮޅަށެވެ.

ސިޓީ އިން މި ސީޒަން ނިންމާލަނީ ޓީމުގައި ސެންޓަ ފޯވާޑެއް ނެތި އެވެ. އަގުއެރޯގެ ކޮންޓްރެކްޓް ހަމަވެ، އޭނާ ކުލަބް ދޫކޮށްލާތީވެ މި ސީޒަނަށް ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން ގެންނަން ވެސް ސިޓީ އިން މަސައްކަތް ކުރި އެވެ.

ހާލަންޑްގެ ބަދަލުގައި އަންނަ ސީޒަނުގައި ޑޯޓްމަންޑުން ވަނީ ރެޑްބުލް ސަލްޒްބާގުގެ އުމުރުން 20 އަހަރުގެ ފޯވާޑް ކަރީމް އަޑޭއެމީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގެންދަން ނިންމައިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ވެސް އަޑޭއެމީ ހޯދަން ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.

ސަލްޒްބާގުން ޑޯޓްމަންޑަށް ބަދަލުވި ހާލަންޑް ކުޑަ ދުވަސްކޮޅެއް ތެރޭ ކުޑަ އަގަކަށް ޑޯޓްމަންޑް އަތުން ދޫވުމުން، ދެން އެހެން ވިޔަ ނުދޭން މި ފަހަރުގެ ކޮންޓްރެކްޓުގައި ރިލީސް ކްލޯސް ނުހިމަނާނެ ކަމަށް އޭނާގެ އެޖެންޓް ބުނެފައި ވެއެވެ.

އަޑޭއެމީ ވަނީ އޮސްޓްރިއާ ލީގުގައި މި ސީޒަނުގައި ކުޅުނު 42 މެޗުން 23 ލަނޑު ޖަހައި އަށް އެސިސްޓް ކޮށްފަ އެވެ.