Roadha Mihaaru
ހާލަންޑްގެ އަގު އެހެން ކުޅުންތެރިންނަށް ވުރެ މަތީގައި

ހާލަންޑްގެ އަގު އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ މަތީގައި

07 ޖޫން 2023

ދުނިޔޭގައި މިހާރު އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކަމަށް ސީއައިއީއެސް ފުޓްބޯލް އޮބްޒަވޭޓަރީ އިން ހެދި ދިރާސާއިން ދައްކައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ދުނިޔޭގައި މިހާރު އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ކަމަށް ސީއައިއީއެސް ފުޓްބޯލް އޮބްޒަވޭޓަރީ އިން ހެދި ދިރާސާއިން ދައްކައިފި އެވެ.

ސީއައިއީއެސް އަކީ ކުޅުންތެރިންގެ ޓްރާންސްފާގެ އަގު ކަނޑައެޅުމާއި ޓީމުތަކުގެ އަގާއި ގުޅޭ ދިރާސާކުރަމުން އަންނަ އަމިއްލަ އޯގަނައިޒޭޝަނެކެވެ. ފީފާގެ ރުހުން ލިބިފައިވާ ސީއައިއީއެސް އިން އެންމެ ފަހުން އާއްމުކުރި ރިޕޯޓުގައި މިހާރު އެންމެ އަގުބޮޑު ކުޅުންތެރިން ވަނީ ލިސްޓްކޮށްފަ އެވެ.

ލިސްޓުގެ އެއް ވަނައިގައި އުޅޭ ހާލަންޑްގެ އަގަކީ 262 މިލިއަން ޑޮލަރެވެ. އަގުބޮޑު ލިސްޓުގެ ދެ ވަނައިގައި އޮތީ ރެއާލް މެޑްރިޑާއި ބްރެޒިލްގެ ވިނީޝީއުސް ޖޫނިއާ އަށެވެ. ތިން ވަނަ ލިބެނީ އާސެނަލް އާއި އިންގްލެންޑްގެ ވިންގާ، ބުކަޔޯ ސަކާ އަށެވެ.

ވިނީޝިއުސްގެ އަގު 210 މިލިއަން ޑޮލަރުގައި އުޅޭއިރު ސަކާގެ އަގަކީ 209 މިލިއަން ޑޮލަރެވެ. ރެއާލް މެޑްރިޑުން ބޮޑު އަގުގައި ގެންނަން އުޅޭ ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޫޑް ބެލިންހަމް އޮތީ 203 މިލިއަން ޑޮލަރާ އެކު ލިސްޓުގެ ހަތަރު ވަނައިގަ އެވެ.

ޔޫރަޕްގެ ފަސް ލީގުގެ ބޭރުން އެންމެ އަގުބޮޑު ކުޅުންތެރިއަކީ ޕޯޗުގަލް ލީގުގެ ބެންފީކާ އަށް ކުޅެމުން އަންނަ ޑިފެންޑަރު އެންޓޯނިއޯ ސިލްވާ އެވެ. އުމުރުން 19 އަހަރުގެ ޑިފެންޑަރު އޮތީ ލިސްޓުގެ 23 ވަނައިގަ އެވެ.

ގަދަ 100 ކުޅުންތެރިންގެ ތެރޭގައި ޔޫރަޕްގެ ގަދަ ފަސް ލީގުގެ ބޭރުން ހިމެނެނީ ބެންފީކާގެ ގޮންޒާލޯ ރާމޯސް އާއި ޕީއެސްވީގެ މިޑްފީލްޑަރު ޒަވީ ސިމޯންސްގެ އާއި ސްޕޯޓިން ލިސްބަންގެ ޑިފެންޑަރު ގޮންޒާލޯ އިނާސިއޯ އާއި ޕޯޓޯގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އަދި އަޔަކްސްގެ ދެ ކުޅުންތެރިން ކަމަށްވާ ކެނެތު ޓެއިލާ އައި މުހައްމަދު ކުޑޫސް އެވެ.

ސީއައިއީއެސްގެ ދިރާސާގައި ދުނިޔޭގެ އެންމެ އަގުބޮޑު 100 ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. ދިރާސާ ކޮށްފައިވަނީ ޔޫރަޕްގެ ފަސް ލީގުގައި ހިމެނޭ ކުޅުންތެރިންގެ މުސާރަ އާއި ކްލަބް ބަދަލުކުރުމުގެ މަރުހަލާގައި ކޮށްފައިވާ 2000 އަށް ވުރެ ގިނަ ޓްރާންސެކްޝަންތައް ބެލުމަށް ފަހު އެވެ. ދިރާސާގައި މައުލޫމާތު ހިމަނާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.

ލިސްޓުގެ އެއް ވަނައިގައި އޮތް ހާލަންޑަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް ކަމަށް ގިނަ ބަޔަކު ބުނާ ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީ ހޯދިއިރު ހާލަންޑް ވަނީ އޭނާ ކުޅުނު 35 މެޗުގައި 36 ލަނޑު ޖަހައިފަ އެވެ. މުޅި ސީޒަނުގައި މިހާތަނަށް ހާލަންޑް ވަނީ 52 ގޯލު ޖަހައިފަ އެވެ. ސީޒަންގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހާލަންޑްގެ ސިޓީ ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.