Roadha Mihaaru
ލީގުގައި 35 ގޯލު ޖަހައި ހާލަންޑް ރެކޯޑް ހަދައިފި

ޕްރިމިއާ ލީގުގައި 35 ގޯލު ހަމަކޮށް ހާލަންޑް ރެކޯޑް ހަދައިފި

04 މެއި 2023

މެންޗެސްޓާ (އޭޕްރީލް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން 3-0 އިން ވެސްޓްހޭމް ޔުނައިޓެޑް ބަލިކުރި މެޗުގައި ގޯލު ޖަހައި، ފޯވާޑް އާލިން ބްރައުޓް ހާލަންޑް ލީގުގައި 35 ގޯލު ހަމަކޮށް، ޕްރިމިއާ ލީގު އެއް ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޭޕްރީލް 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން 3-0 އިން ވެސްޓްހޭމް ޔުނައިޓެޑް ބަލިކުރި މެޗުގައި ގޯލު ޖަހައި، ފޯވާޑް އާލިން ބްރައުޓް ހާލަންޑް ލީގުގައި 35 ގޯލު ހަމަކޮށް، ޕްރިމިއާ ލީގު އެއް ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފި އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ ރިޔާދު މަހްރޭޒް ނަގައިދިން ހިލޭ ޖެހުމުން ޑިފެންޑަރު ނަތަން އަކޭ ޖަހައިދިން ގޯލުން ލީޑު ނަގައިގެންނެވެ. ލީޑު ފުޅާކުރި ގޯލު 70 ވަނަ މިނިޓުގައި ޖެކް ގްރީލިޝް ދިން ޕާހެއް ހޯދައިގެން ޖެހީ ހާލަންޑެވެ. އަދި ފަސް މިނިޓު ފަހުން ތިންވަނަ ގޯލު ޖެހީ، ފިލް ފޮޑެން އެވެ. މިއީ އޭނާ ކުޅެން ނުކުތްތާ ތިން މިނިޓު ތެރޭ ކާމިޔާބު ކުރި ގޯލެކެވެ.

ގްރީލިޝްގެ ޕާސް ހޯދައި ވެސްޓް ހޭމްގެ ގޯލްކީޕަރު، ކުރިން އާސެނަލްގެ ގޯލު ވެސް ބެލެހެއްޓި ލޫކަސް ފަބިއަންސްކީ ބޯ މަތިން ގޯލަށް ފޮނުވާލައި ހާލަންޑް ކާމިޔާބު ކުރި ގޯލަކީ އޭނާ މި ސީޒަނުގައި ސިޓީއަށް ބަދަލުވެ ކާމިޔާބު ކުރި 51 ވަނަ ގޯލެވެ. ލީގުގައި 35 ގޯލު ހަމަކޮށް އޭނާ ވަނީ 1993/1994 ސީޒަންގައި ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އެންޑީ ކޯލް އަދި ޖެހިގެން އައި ސީޒަންގައި ބްލެކްބާން ރޯވާސްގައި އެލަން ޝިއެރާ 34 ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ.

ހާލަންޑް، ލީގުގައި 35 ގޯލު ހަމަކުރުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހާލަންޑް، ލީގުގައި 35 ގޯލު ހަމަކުރުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ސިޓީގެ ކޯޗިން ޓީމާއި ހުރިހާ ކުޅުންތެރިންގެ އިތުރުން ބެކްރޫމް ސްޓާފުން ވެސް ވަނީ ހާލަންޑްގެ މި ރެކޯޑާ ގުޅިގެން އޭނާ އަށް ދަނޑުމަތީގައި ގާޑް އޮފް އޮނާ އެއް ދީފަ އެވެ.

"ހާއްސަ ވަގުތުކޮޅެއް އަންނަ ހިނދު، އެ ކަމުގެ ހާއްސަކަން އަހަރެމެން ދައްކައިދޭން ޖެހޭ،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

"އޭނާއަކީ ވެސް އުފާވެރިކަމެއް. އެންމެން ވެސް ތިބީ އޭނާ އަހަރެމެންނާ އެކު ހުރީމަ ވަރަށް އުފަލުން. ކޮންމެވެސް އިރަކުން މި ރެކޯޑް ވެސް މުގުރާލާނެ. ފަހަރުގައި އެ ކުޅުންތެރިއަކީ އޭނާ އަށް ވުން ވެސް އެކަށީގެން ވޭ. އެއީ އޭނާ ޖަހާނެ ވަރަށް ބައިވަރު ގޯލު. އެންޑީ ކޯލް އާއި އެލަން ޝިއެރާ އަކީ ވެސް ވަރަށް މޮޅު ސްޓްރައިކަރުން، އަހަރެންނަށް ހީވަނީ މިއީ އޭނާއަށް ހައްގު ރެކޯޑެއް ހެން."

މި ނަތީޖާއާ އެކު ސިޓީ ވަނީ އަލުން ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ. އާސެނަލް އަށްވުރެ އެއް މެޗު މަދުން ކުޅެގެން ސިޓީ ވަނީ އެޓީމަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިފަ އެވެ. އާސެނަލް ލީގުގެ ދެވަނައިގައި އޮތީ 34 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ވަނީ މިހާތަނަށް ކުޅުނު 33 މެޗުން 79 ޕޮއިންޓް ހަމަކޮށްފަ އެވެ.

ލީގުގައި ރޭ ލިވަޕޫލް ވެސް ވަނީ މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ފުލަމް އާ ދެކޮޅަށް ކުޅެ ލިވަޕޫލުން މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ. ޑާވިން ނޫނޭޒް ހޯދައިދިން ޕެނަލްޓީއަކުން މެޗުގެ 39 ވަނަ މިނިޓުގައި ލިވަޕޫލަށް ގޯލު ޖަހައިދިނީ މުހައްމަދު ސަލާހެވެ.

މިއާ އެކު ލިވަޕޫލް ފަސްވަނައިގައި އޮތީ 34 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތީ 32 މެޗުން 63 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ. ޔުނައިޓެޑުން މިރޭ ރަށުން ބޭރުގައި ބްރައިޓަން އާ ދެކޮޅަށް ކުޅޭނެ އެވެ.