Roadha Mihaaru
ޑޯޓްމަންޑް މޮޅުވެ ޖަރުމަނު ލީގު ހޯދުމާ ގާތަށް

ޑޯޓްމަންޑް މޮޅުވެ ޖަރުމަނު ލީގު ހޯދުމާ ގާތަށް

22 މެއި 2023

ޖަރުމަނު ލީގުގައި ރޭ އޯސްބާގް އަތުން 3-0 އިން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑް ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޖަރުމަނު ލީގުގައި ރޭ އޯސްބާގް އަތުން 3-0 އިން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑް ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފި އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ އެއް މެޗެވެ. ޑޯޓްމަންޓް 70 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތީ 68 ޕޮއިންޓް ލިބިފައިވާ ބެޔާން މިއުނިކެވެ. 63 ޕޮއިންޓާ އެކު އާރުބީ ލައިޕްޒިގުން ވަނީ ތިން ވަނަ ކަށަވަރުކޮށްފަ އެވެ.

ފަހު މެޗުގައި ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ނުކުންނާނީ މެއިންޒާ ދެކޮޅަށެވެ. ބަޔާން ފަހު މެޗުގައި ރަށުން ބޭރުގައި ކުޅޭނީ އެފްސީ ކޮލޯންއާ އެވެ.

ފަހު މެޗުން ޑޯޓްމަންޓް މޮޅުވެގެން އެޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. ބެޔާން އަށް ލީގު ލިބޭނީ އެޓީމުގެ މެޗުން މޮޅުވެ، ޑޯޓްމަންޑް އެއްވަރު ނުވަތަ ބަލިވެގެންނެވެ. އެކަމަކު މިހާރު އޮތް ފޯމަށް ބަލައި ޑޯޓްމަންޑް އެ މެޗު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިދިޔަ 10 ސީޒަނުގައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދީ ބެޔާން އެވެ. އެޓީމު އަތުން އެންމެ ފަހުން ލީގު ގެއްލުނީ 12-2011 ވަނަ ސީޒަނުގަ އެވެ. އެ ފަހަރު ލީގު ހޯދީ ޑޯޓްމަންޑުންނެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑަށް ގޯލުތައް ކާމިޔާބުކޮށްދިނީ ސެބަސްޓިއަން އަލެއާ އާއި ހޫލިއަން ބްރާންޓް އެވެ. މެޗުގައި އަލެއާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 38 ވަނަ މިނިޓުގައި އޯސްބާގްގެ ފެލިކްސް އުޑުއޯހާއި އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ބާކީ ބައި އޯސްބާގުން ކުޅުނީ 10 ކުޅުންތެރިންނާއި އެކު އެވެ.

ޖަރުމަނު ލީގުގެ ފަހު މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.