Roadha Mihaaru
ފުރަތަމަ މެޗުގައި ވެސް ބަޓްޝުއާއީ ދެ ލަނޑު ޖަހައިފި

ފުރަތަމަ މެޗުގައި ވެސް ބަޓްޝުއާއީ ދެ ލަނޑު ޖަހައިފި

03 ފެބުރުއަރީ 2018

ކޮލޯން (ފެބްރުއަރީ 3) – ޗެލްސީގެ ލޯނެއްގެ ދަށުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި މިޗީ ބަޓްޝުއާއީ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ދެ ގޯލް ޖަހައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކޮލޯން (ފެބްރުއަރީ 3) – ޗެލްސީގެ ލޯނެއްގެ ދަށުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި މިޗީ ބަޓްޝުއާއީ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ދެ ގޯލް ޖަހައިފި އެވެ.

ޖަރުމަން ލީގުގައި ރޭ ކޮލޯން އަތުން 3-2 އިން ޑޯޓްމަންޑް މޮޅުވި މެޗުގެ 35 ވަނަ މިނެޓުގައި ބަޓްޝުއާއީ ވަނީ ލީޑު ނަގައިދީފަ އެވެ. އަދި 60 ވަނަ މިނެޓުގައި ސިމޮން ޒޮލާ އެއްވަރުކޮށްދީފައިވަނިކޮށް އޭގެ ދެ މިނެޓު ފަހުން ބަޓްޝުއާއީ ވަނީ އަލުން ޑޯޓްމަންޑަށް ލީޑު ނަގައިދީފަ އެވެ. ކޮލޯން އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 69 ވަނަ މިނެޓުގައި ޖޯޖް މެރޭގެ ލަނޑުންނެވެ. ޑޯޓްމަންޑް މޮޅުވީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަންދްރޭ ޝޫލާ 84 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ ބަޓްޝުއާއީ އެވެ.

ޑޯޓްމަންޑުން ބެލްޖިއަމް ފޯވާޑް ބަޓްޝުއާއީ ގެނައީ އެ ޓީމުގެ ޕިއެރޭ-އެމެރިކް އޯބަޔަމަން އާސެނަލަށް ވިއްކާލުމަށް ފަހު އޭނާގެ ބަދަލުގަ އެވެ. އަދި އެއާ އެކު އާސެނަލުން ވަނީ އެ ޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ ޗެލްސީ އަށް ވިއްކާލައިފަ އެވެ. ޖިރޫ ލިބުމާ އެކު ޗެލްސީން ބަޓްޝުއާއީ ދޫކޮށްލީ އެވެ. އޭނާ ޑޯޓްމަންޑަށް ބަދަލުވި އެއް ސަބަބަކީ ބެލެވޭ ގޮތުގައި މި އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ހޯދުމެވެ.

ރޭގެ މޮޅާ އެކު ޑޯޓްމަންޑް އޮތީ 34 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެއް ވަނައިގައި 50 ޕޮއިންޓް ހަމަކޮށްގެން އޮތީ ބަޔާން މިއުނިކެވެ.