Roadha Mihaaru
ހާލަންޑް ޑޯޓްމަންޑު ދޫކޮށް ދަނީވެސް ގޯލެއް ޖަހައިދީފައި

ހާލަންޑް ޑޯޓްމަންޑު ދޫކޮށް ދަނީ ވެސް ގޯލެއް ޖަހައިދީފައި

15 މެއި 2022

ޑޯޓްމަންޑް (މެއި 15) - އަންނަ ސީޒަނުގައި އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ނިންމާފައިވާ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް، 21، ބޮރޫޝިއާ ޑޯޓްމަންޑް ޖޯޒީގައި ކުޅުނު ފަހު މެޗުގައި ލަނޑު ޖަހައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޑޯޓްމަންޑް (މެއި 15) - އަންނަ ސީޒަނުގައި އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ނިންމާފައިވާ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް، 21، ބޮރޫޝިއާ ޑޯޓްމަންޑް ޖޯޒީގައި ކުޅުނު ފަހު މެޗުގައި ލަނޑު ޖަހައިފި އެވެ.

ސިޓީން ހާލަންޑްގެ ރިލީޒް ކްލޯސް ފީގެ ގޮތުގައި 60 މިލިއަން ޔޫރޯ ދައްކަން އެއްބަސްވުމާ އެކު މިދިޔަ ހަފްތާގައި އޭނާ ވަނީ ސިޓީގެ މެޑިކަލް ވެސް ފުރިހަމަކޮށްފަ އެވެ.

ބުންޑެސްލިގާގެ ދެވަނައިގައި ނިންމާލި ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ކުޅުނު މި ސީޒަނުގެ ފަހު މެޗުގައި ހާތާ ބާލިން ބަލިކުރީ 2-1 އިންނެވެ. ހާތާ ބާލިން އިން މެޗުގެ 18 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ލީޑު ނެގި އިރު ޑޯޓްމަންޑުން އެއްވަރުކުރީ 68 ވަނަ މިނިޓުގައި ހާލަންޑް ޖެހި ޕެނަލްޓީންނެވެ. އަދި މޮޅުވި ލަނޑު 84 ވަނަ މިނިޓުގައި ޖެހީ ޔޫސުފާ މައުކޮކޯ އެވެ.

ހާލަންޑް އެންމެ ފުރަތަމަ ޑޯޓްމަންޑަށް ކުޅެދިން މެޗުގައި ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. އޮސްބާގާ ދެކޮޅަށް 2020 ވަނަ އަހަރު ޖެނުއަރީ މަހު ކުޅުނު ލީގު މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުމެ އޭނާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

މި ނަތީޖާއާ އެކު ޑޯޓްމަންޑް ލީގު ނިންމާލީ ޗެމްޕިއަންކަން ހޯދި ބެޔާން މިއުނިކަށް ވުރެ އަށް ޕޮއިންޓް މަދުން، 69 ޕޮއިންޓާ އެކު އެވެ. ޑޯޓްމަންޑުން 2011 އަދި 2012 ވަނަ އަހަރު ލީގު އަށްޑަނަ އުފުލާލުމަށް ފަހު، ވޭތުވެދިޔަ 10 ސީޒަނުގެ ތެރެއިން ހަ ސީޒަނުގައި ވަނީ ދެވަނަ މަގާމު ހޯދައިފަ އެވެ.

ހާލަންޑް ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން ޑޯޓްމަންޑަށް ބަދަލުވެ، އެޓީމަށް ކުޅެދިން 89 މެޗުގައި 86 ލަނޑު ޖަހައިފަ އެވެ. ޑޯޓްމަންޑުން މިދިޔަ ހަފްތާގައި ވަނީ ހާލަންޑް މެންޗެސްޓާ ސިޓީއަށް ބަދަލުވާކަން ހާމަކުރުމާ އެކު، ސަލްޒްބާގަށް ކުޅޭ ޖަރުމަނުގެ ޒުވާން ސްޓްރައިކަރު ކަރީމް އަޑޭއެމީ، 20، ގެ ސޮއި ހޯދައިފަ އެވެ.

ހާލަންޑުގެ އިތުރުން ޑޯޓްމަންޑުގައި މުޅި ކެރިއަރު ހޭދަކޮށްލި ޑިފެންޑަރު މާޝެލް ޝްމެލްޒާ، 34، އާއި އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު އަދި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު މައިކަލް ޒޯކް، 59، ވެސް އަންނަ ސީޒަނުން ފެށިގެން ޓީމުން ނުފެންނާނެ އެވެ.

ޒޯކް ވަނީ ޑޯޓްމަންޑަށް ހެޔޮ އަގުގައި ގިނަ ތަރިންތަކެއް އޭނާގެ ޑިރެކްޓަރުކަމުގައި ސޮއި ކުރުވައިފަ އެވެ. އިލްކޭ ގުންޑޮގާން އާއި ހެންރިކް މިކިތާރިއަން އާއި ޕިއޭ އެމެރިކް އޮބާމެޔަންގް އަދި ޖޭޑަން ސަންޗޯ އާއި ހާލަންޑް އޭނާ ޑޯޓްމަންޑަށް ގެނައީީ ޖުމްލަ 86.8 މިލިއަން ޔޫރޯ އަށެވެ. އަދި މި ފަސް ކުޅުންތެރިން ވިއްކާލީ 413.25 މިލިއަން ޔޫރޯއަށެވެ.