Roadha Mihaaru
ބޮޑު އަގު ދީފައި ހާލަންޑް ގެންނަން ޗެލްސީ ތައްޔާރު

ބޮޑު އަގު ދީފައި ހާލަންޑް ގެންނަން ޗެލްސީ ތައްޔާރު

27 ފެބުރުއަރީ 2021

ލަންޑަން (ފެބްރުއަރީ 27) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަންނަން ބޮޑު ބިޑެއް ކުރަން ޗެލްސީން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (ފެބްރުއަރީ 27) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަންނަން ބޮޑު ބިޑެއް ކުރަން ޗެލްސީން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް އެކުލަވާލުމަށްޓަކައި ޗެލްސީ ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން އެންމެ ބޮޑަށް ބޭނުންވަނީ ސްޓްރައިކަރެކެވެ. އެ ގޮތުން މި ވަގުތު މުޅި ޔޫރަޕްގައި ވެސް އެންމެ ފޯމު ރަނގަޅުކޮށް ހުރި ހާލަންޑް ގަންނަން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 20 އަހަރުގެ ހާލަންޑްގެ ސޮއި ހޯދަން ޗެލްސީން އޮތީ 100 މިލިއަން ޕައުންޑަށް ވުރެން އިތުރަށް ހަރަދުކުރަން ވެސް ތައްޔާރަށެވެ. ހާލަންޑްގެ ޑީލުގެ ތެރެއިން ޑޯޓްމަންޑް ބޭނުންވާ ޗެލްސީގެ ކުޅުންތެރިއަކު ހިމެނުމަށް ވެސް އެ ޓީމުން ވިސްނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ރެޑްބުލް ސަލްޒްބާގް ދޫކޮށް ޑޯޓްމަންޑަށް ބަދަލުވި ހާލަންޑް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 43 މެޗުން 43 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 27 ގޯލަކީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ގޯލުތަކެވެ. ހާލަންޑަކީ މި ވަގުތު ޔޫރަޕްގައި އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިއެކެވެ.

ހާލަންޑްގެ އޭޖެންޓް މިނޯ ރައިއޯލާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ހާލަންޑް ގަނެވޭ ފެންވަރު ހުރި 10 ކްލަބް އެބައޮތް ކަމަށާއި އޭގެ ތެރެއިން ހަތަރު ޓީމެއް ނިސްބަތްވަނީ އިންގްލެންޑަށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ހާލަންޑަށް މެންޗެސްޓާ ސިޓީން ވެސް ޝައުގުވެރިވެ އެވެ. މި ސީޒަނުގެ ނިޔަލަށް ސިޓީގެ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ ބަދަލުގައި ދުރު މުސްތަގުބަލަކަށް ވިސްނައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބޭނުންވަނީ ހާލަންޑް އެ ޓީމަށް ގެންނާށެވެ. އެކަމަކު އަގުއޭރޯ ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރަން ސިޓީން އަންނަނީ މަޝްވަރާކުރަމުންނެވެ.

ހާލަންޑް ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ވެސް މީގެ ކުރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ހާލަންޑް ވަނީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ނޯވޭގެ މޯލްޑާ އަށް ކުޅެފަ އެވެ.