Roadha Mihaaru
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި

ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި

13 މެއި 2022

ލަންޑަން (މެއި 13) - އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އިން އަމިއްލަ ދަނޑުގައި އާސެނަލް ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މެއި 13) - އިނގިރޭސި ޕްރިމިއަ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އިން އަމިއްލަ ދަނޑުގައި އާސެނަލް ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފި އެވެ.

ޓޮޓެންހަމުން އާސެނަލް ބަލިކުރީ 3-0 އިންނެވެ. މެޗުގެ 22 ވަނަ މިނިޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ހެރީ ކޭން އެވެ. އަދި 37 ވަނަ މިނިޓުގައި ކޯނަރަކުން އައި ބޯޅައެއް ގޯލަށް ވައްދާލައިގެން ކޭން، ޓޮޓެންހަމްގެ ދެވަނަ ލަނޑު ޖަހައިދިނެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ޓޮޓެންހަމްގެ ރޮބް ހޯލްޑިން އަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ޓޮޓެންހަމްގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ޖަހައިދިނީ ސޮން ހެއުން މިން އެވެ. މިއީ އޭނާ ލީގުގައި ޖެހި 21 ވަނަ ލަނޑެވެ. ސޮން އަށް ވުރެ ގިނައިން ލީގުގައި މިހާތަނަށް ލަނޑު ޖަހާފައި ވަނީ 22 ލަނޑު ޖަހާފައިވާ ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.

ސޮން މިރޭ އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސޮން މިރޭ އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި މެޗު ކާމިޔާބު ކޮށްގެން އާސެނަލް އަށް ފަސް ސީޒަނަށް ފަހު އަލުން ޗެމްޕިއަންސް ލީގުގައި ކުޅެން ކުރާ އިންތިޒާރު ވަނީ ދިގުވެފަ އެވެ. މެޗުން މޮޅުވެ ޓޮޓެންހަމުން ވަނީ ހަތަރުވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓަކާ ކައިރިއަށް ޖެހިލައިފަ އެވެ. އާސެނަލް އަށް 66 ޕޮއިންޓް ލިބިފައި ވާއިރު ޓޮޓެންހަމަށް ލިބެނީ 65 ޕޮއިންޓެވެ.

ދެ ޓީމަށް ވެސް ލީގުގައި ބާކީ ދެ މެޗު އެބައޮތެވެ. އާސެނަލް އަށް އޮތީ ނިއުކާސަލް ޔުނައިޓެޑާއި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ޓޮޓެންހަމަށް އެންމެ އަވަހަށް އޮތީ 17 ވަނައިގައި އޮތް ބާންލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެންމެ ފަހު މެޗުގައި ނުކުންނާނީ ފުލުގައި އޮތް ނޯރިޗް ސިޓީއާ ދެކޮޅަށެވެ.

ތިންވަނައިގައި އޮތް ޗެލްސީ އަށް މޮޅުނުވުމުގެ ފައިދާ މިހަފުތާގެ ކުރީކޮޅު އާސެނަލްއިން ނަގައި ޗެލްސީއާ ޕޮއިންޓަކާ ގާތަށް ޖެހިލި ނަމަވެސް މިރޭ އާސެނަލް ބަލިވުމުން ޗެލްސީ އަށް ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ޗެލްސީ ވަނީ ރޭ ލީޑްސް ޔުނައިޓެޑާ ވާދަކުރި މެޗު 3-0 އިން ކާމިޔާބު ކޮށްފަ އެވެ.

ޗެލްސީން ރޭގެ މެޗުގައި ލީޑްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ރޭގެ މެޗުގައި ލީޑްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރުވަނަ މިނިޓުގައި މޭސަން މައުންޓެވެ. ލީޑު ނެގިތާ ގާތްގަނޑަކަށް ވިއްސަކަށް މިނިޓު ފަހުން ލީޑްސްގެ ޑެނިއަލް ޖޭމްސް އަށް ވަނީ މަޓެއޯ ކޮވަސިޗަށް ފައުލް ކޮށްގެން ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލީޑްސްގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ފަހު ހާފުގައި ޗެލްސީ އަށް ލަނޑުތައް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗާއި ރޮމެލޫ ލުކާކޫ އެވެ. މިއާ އެކު ޗެލްސީ ލީގު ތިންވަނައިގައި އޮތީ، 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ލީގު 18 ވަނައިގައި ލީޑްސް ޔުނައިޓެޑް އޮތީ 17 ވަނައިގައި އޮތް ބާންލީ އަށް ވުރެ އިތުރަށް އެއް މެޗު ކުޅެ، ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރު ވެގެންނެވެ.

ލީގުގައި ޗެލްސީ އަށް ދެން އޮތީ ލެސްޓާ ސިޓީ އާއި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ. ފަހު ދެ މެޗުގެ ކުރިން ޗެލްސީން މި ހަފްތާ ބަންދުގައި ލިވަޕޫލާ ދެކޮޅަށް އެފްއޭ ކަޕް ފައިނަލް ކުޅޭނެ އެވެ.

ލީޑްސްގެ ފަހަތުގައި 19 ވަނައިގައި ރެލިގޭޓް ވެފައިވާ ވަޓްފޯޑުން ވަނީ 16 ވަނައިގައި އޮތް އެވަޓަންއާ އެއްވަރު ކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ވަޓްފޯޑުން އެވަޓަންއާ އެއްވަރުކުރީ 0-0 އިންނެވެ. އަދި އެންމެ ފުލުގައި އޮތް ނޯރިޗް ސިޓީ ވަނީ ލެސްޓާ ސިޓީ އަތުން 3-0 އިން ބަލި ވެފަ އެވެ. މި މެޗުގައި ޖެމީ ވާޑީ ލެސްޓާއަށް ދެ ލަނޑު ޖަހައިދިން އިރު، ތިންވަނަ ލަނޑު ޖަހައިދިނީ ޖޭމްސް މެޑިސަން އެވެ.

މެންޗެސްޓާ ސިޓީ ވަނީ ރޭ ރަށުން ބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗް 5-1 އިން ކާމިޔާބު ކޮށް، އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދައިފަ އެވެ. މެޗުގައި ސިޓީ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ކެވިން ޑިބްރޭނާ އެވެ.

ހެޓްރިކް ހަދަައި ޑިބްރޭނާ ދައްކާލީ ހާލަންޑުގެ ޓްރެއިލަރު

މި ސީޒަނުގައި ސެންޓަ ފޯވާޑަކާ ނުލައި ކުޅެމުން އަންނަ ޕެޕް ގާޑިއޯލާގެ ސިޓީގެ ފުރަތަމަ ލަނޑު. ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނިޓުގައި ޖެހިއިރު، ވުލްވްސް އިން ވަނީ އޭގެ ހަތަރު މިނިޓު ފަހުން ލިއެންޑާ ޑެންޑޮންކާ ޖެހި ގޯލުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް ޑިބްރޭނާ ވަނީ 16 ވަނަ މިނިޓުގައި އަލުން ސިޓީ އަށް ލީޑު ނަގައިދީފަ އެވެ.

ޓްރިކް ފުރިހަމަ ކުރުމަށް ފަހު ޑިބްރޭނާ، އަތުގެ އިޝާރާތުން ހާލަންޑްގެ މެޑިޓޭޝަން ސެލެބްރޭޝަން ދައްކާލަނީ.-- ފޮޓޯ: ޓްވިޓާ

ޓްރިކް ފުރިހަމަ ކުރުމަށް ފަހު ޑިބްރޭނާ، އަތުގެ އިޝާރާތުން ހާލަންޑްގެ މެޑިޓޭޝަން ސެލެބްރޭޝަން ދައްކާލަނީ.-- ފޮޓޯ: ޓްވިޓާ

ޑިބްރޭނާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 24 ވަނަ މިނިޓުގައި އޭރިއާ ބޭރުން އޭނާގެ ވާތުފައިން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މި ހެޓްރިކަށް ފަހު އޭނާ ވަނީ ހާލަންޑުގެ އައިކޯނިކް މެޑިޓޭޝަން ސެލެބްރޭޝަނާ އެކު، އަންގާރަ ދުވަހުގެ ރޭ ސިޓީ އިން ނިންމި މުހިއްމު ޓްރާންސްފާ ޑީލް އިސްތިހާރު ކޮށްލައިފަ އެވެ.

ޑިބްރޭނާ އޭނާގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓުގަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ސިޓީގެ ފަސްވަނަ ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިން އެވެ.

ސިޓީގެ މެޑިކަލް ވެސް ފުރިހަމަ ކުރުމާ އެކު، ހާލަންޑްގެ ރިލީސްކްލޯސް ޓްރިގާ ކުރަން 75 މިލިއަން ޔޫރޯ ޑޯޓްމަންޑަށް ދަންކަން ޖެހޭ ކަމަށް ބެލެވުނު ނަމަވެސް ސިޓީ އަށް ޖެހެނީ ޑޯޓްމަންޑަށް 60 މިލިއަން ޔޫރޯ އެވެ. އަދި ހާލަންޑްގެ މުސާރައަކަށް ވެސް ހަމަޖައްސާފައި ވަނީ ޑިބްރޭނާއާ އެއްވަރަކަށް، ހަފްތާއަކު 375،000 ޕައުންޑެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އަންނަ ސީޒަނަށް ހާލަނޑްގެ ސޮއި ހޯދުމުން އެކަމާ އުފާވާ ކަމަށާއި، ސިޓީގެ ކުޅުމުގެ ވައްޓަފާޅިއަށް އޭނާ ހޭނެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.

"އަހަރެމެން ކުޅޭ ސްޓައިލަށް އޭނާ (ހާލަންޑް) ވަރަށް އަވަހަށް ހޭނޭނެ. ކުރިމަގަށް މުހިއްމު ސައިނިން އެއް މިއީ، އުންމީދުކުރަނީ ގިނަ ދުވަހަށް އޭނާގެ ހިދުމަތް (ކުލަބަށް) ލިބޭނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ހަފްތާ ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗު އެއްވަރު ވުމާ އެކު ސިޓީ އިން ވަނީ ނިއުކާސަލް ޔުނައިޓެޑާ ކުޅުނު މެޗުގައި އެޓީމު ކޮޅަށް ވެސް ފަސް ލަނޑު ޖަހައިފަ އެވެ. ސިޓީ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 36 މެޗުން 89 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލުން ވަނީ އަންގާރަ ދުވަހުގެ ރޭ އެސްޓަން ވިލާ ބަލިކޮށް 86 ޕޮއިންޓް ހަމަ ކޮށްފަ އެވެ.

ސިޓީ އާއި ލިވަޕޫލަށް ވެސް ލީގުގައި ބާކީ ދެ މެޗް އޮތްއިރު، ސިޓީ އެންމެ އަވަހަށް އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އެއަށް ފަހު އެންމެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭނެ އެވެ.