Roadha Mihaaru
ސިޓީ އާއި ޓޮޓެންހަމް މޮޅުނުވުމުގެ ފައިދާ އާސެނަލް އަށް

ސިޓީ އާއި ޓޮޓެންހަމް މޮޅުނުވުމުގެ ފައިދާ އާސެނަލް ނަގައިފި

15 އޮކްޓޯބަރ 2016

ލަންޑަން (އޮކްޓޯބަރު 15) - އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާ 1-1 އިން އެއްވަރުވެ މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނުއިރު ޓޮޓެންހަމަށް ވެސް ވެސްޓްބްރޮމް އަތުން މޮޅުނުވެވުމުން، ސްވަންސީ އަތުން 3-2 އިން މޮޅުވި އާސެނަލް ދެ ވަނަ އަށް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (އޮކްޓޯބަރު 15) - އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާ 1-1 އިން އެއްވަރުވެ މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނުއިރު ޓޮޓެންހަމަށް ވެސް ވެސްޓްބްރޮމް އަތުން މޮޅުނުވެވުމުން، ސްވަންސީ އަތުން 3-2 އިން މޮޅުވި އާސެނަލް ދެ ވަނަ އަށް އަރައިފި އެވެ.

ޕެޕް ގާޑިއޯލާއާ އެކު ރަނގަޅު ފެށުމެއް ހޯދި ސިޓީ ވަނީ ޗެމްޕިއަންސް ލީގުގައި ސެލްޓިކާ 3-3 އިން އެއްވަރުވެ އަދި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޓޮޓެންހަމް އަތުން 2-0 އިން ބަލިވެފަ އެވެ. ސިޓީގެ ކޯޗު ގާޑިއޯލާއާ އެކު ބާސެލޯނާ އަށް ކުޅެފައިވާ ރޮނާލްޑޯ ކޫމަން ކޯޗުކޮށްދޭ އެވަޓަން އަތުން މިރޭ މޮޅުނުވެވުނު ނަމަވެސް ސިޓީ އަދިވެސް އޮތީ 19 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ.

ޕްރިމިއާ ލީގު ގަދަ ތިނެއް

1 - މެންޗެސްޓާ ސިޓީ - 19 ޕޮއިންޓް

2 - އާސެނަލް - 19 ޕޮއިންޓް

3 - ޓޮޓެންހަމް - 18 ޕޮއިންޓް

ސިޓީ އަށް މޮޅުނުވެވުމުގެ ފައިދާ ޓޮޓެންހަމަށް ނެގެން އޮތް ނަމަވެސް ވެސްޓްބްރޮމްއާ 1-1 އިން ޓޮޓެންހަމް އެއްވަރުވުމުން އެ ޓީމަށް އެއް ވަނަ އަށް ނޭރި އެންމެ ފަހުން ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ދެ ވަނަ އަށް އެރީ މިރޭ ސްވަންސީ ސިޓީ އަތުން 3-2 އިން މޮޅުވި، ޓޮޓެންހަމްގެ ވާދަވެރި އާސެނަލް އެވެ. އެ ޓީމަށް ވެސް ސިޓީއާ އެއްވަރަށް 19 ޕޮއިންޓް ލިބިފައިވީ ނަމަވެސް ސިޓީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އަނެއްކޮޅުން ޗެލްސީ ވަނީ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން 3-0 އިން މޮޅުވެ 16 ޕޮއިންޓް ހަމަކޮށް ފަސް ވަނަ އަށް އަރައިފަ އެވެ. އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވިއިރު ލަނޑު ޖަހައިދިނީ ޑިއޭގޯ ކޮސްޓާ އާއި އެޑިން ހަޒާޑް އަދި ވިކްޓަ މޮސެސް އެވެ.

ޗެލްސީގެ ހަޒާޑް (މ) އަތުން ބޯޅަ ހޯދަން ލެސްޓާގެ ޑްރިންކްވޯޓާ (ކ) މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ހަޒާޑް (މ) އަތުން ބޯޅަ ހޯދަން ލެސްޓާގެ ޑްރިންކްވޯޓާ (ކ) މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ސިޓީ އާއި އެވަޓަން ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ލީޑު ނެގީ އެވަޓަނުންނެވެ. އެ ޓީމަށް ގޯލް ޖަހައިދިނީ ޗެލްސީގެ ކުރީގެ ފޯވާޑް ރޮމެލުލް ލުކާކޫ އެވެ. ފުރަތަމަ ހާފުގައި ލީޑު ނަގަން ސިޓީ އަށް ލިބުނު ފުރުސަތު ގެއްލުނީ ކެވިން ޑި ބްރޭނާ ޖެހި ޕެނަލްޓީ އެވަޓަންގެ ގޯލްކީޕަރު މާޓިން ސްޓެކެލެންބާގް މަތަކުރުމުންނެވެ. އޭގެ ފަހުން ސިޓީ އަށް ލިބުނު ޕެނަލްޓީ ސާޖިއޯ އަގުއޭރޯ ޖެހުމުން ވެސް ސްޓެކެލެންބާގް މަތަކުރި އެވެ. ސިޓީ ސަލާމަތްކޮށްދިނީ 72 ވަނަ މިނެޓުގައި ނޮލީޓޯ އެވެ.

އެމިރޭޓްސްގައި ސްވަންސީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތިއޯ ވޮލްކޮޓް އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނެވެ. އޭގެ ފަހުން ސްވަންސީގެ ގިލްފީ ސިގާސަން ތަފާތު ކުޑަކޮށްދީފައިވަނިކޮށް އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ މެސުތު އޮޒިލެވެ. ސްވަންސީގެ ދެ ވަނަ ލަނޑު ބޯޔާ ބަސްޓޮން ޖަހައިދީފައިވަނިކޮށް އާސެނަލްގެ ގްރަނިޓް ޗަކާ އަށް ރަތްކާޑެއް ދެއްކި ނަމަވެސް ބާކީ 30 މިނެޓު އެ ޓީމުން ވަނީ ލީޑު ހިފަހައްޓައިފަ އެވެ.