Roadha Mihaaru
ސިޓީ އާއި އާސެނަލް އެއްވަރު، ޗެލްސީ ބަލިވެއްޖެ

ސިޓީ އާއި އާސެނަލް އެއްވަރު، ޗެލްސީ ބަލިވެއްޖެ

19 ޖެނުއަރީ 2020

ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ޗެލްސީ ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ސިޓީ ކުޅުނު މެޗުން ކްރިސްޓަލް ޕެލަސްއާ އެއްވަރުވީ 2-2 އިންނެވެ. އާސެނަލުން ލީޑުނަގާފައިވަނިކޮށް ޝެފީލްޑް ޔުނައިޓެޑުން އެއްވަރުކުރީ 1-1 އިންނެވެ. އަދި ރަށުން ބޭރުގައި ޗެލްސީ ކުޅުނު މެޗުން ބަލިވީ ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިންނެވެ.

ސިޓީ އަށް މޮޅުނުވެވުމުން މިރޭ ކުޅޭ މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގަން ލިވަޕޫލަށް ވަނީ ފުރުސަތު ލިބިފަ އެވެ. ލިވަޕޫލް މި ވަގުތު އެއް ވަނައިގައި އޮތީ 21 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި ސިޓީ އޮތީ 23 މެޗުން 48 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި ލެސްޓާ ސިޓީ އޮތީ 22 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ 49 ވަނަ އުފަން ދުވަހުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ކްރިސްޓަލް ޕެލަސް އިންނެވެ. މި ގޯލު އެ ޓީމަށް މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އެވަޓަންގެ ލޯން އެއްބަަސްވުމެއްގެ ދަށުން ޕެލަސް އަށް ކުޅެމުން އަންނަ ތުރުކީގެ ފޯވާޑް ޗެންކް ޓޮސުން އެވެ. މެޗުގެ ފަހު ވަގުތު ފަސް މިނިޓް ތެރޭ ސާޖިއޯ އަގުއޭރޯ ވަނީ ދެ ގޯލު ޖަހައި ސިޓީ ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ސިޓީ މޮޅުވާންދަނިކޮށް ޕެލަސް އިން ވަނީ އިތުރު ވަގުތުގައި ނަތީޖާ ހަަމަހަމަކޮށްފަ އެވެ. އަރިމަތިން ޕެލަސްގެ ވިލްފްރިއެޑް ޒަހާ ނެގި ހުރަސް ސިޓީގެ ފެނާންޑީިނިއޯ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ ފައިގައި ޖެހިފައި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މި ވަގުތު ލީގުގެ ތާވަލަށް ބަލާއިރު އެއް ވަނައިގައި އޮތް ލިވަޕޫލްގެ ވާހަކަ ދެއްކުމަށް ވުރެ ސިޓީން ކުރަން ޖެހޭ ކަމަކީ އަމިއްލަ ބާރުގައި މެޗުތަކުން މޮޅުވުން ކަމަށެވެ.

ނިއުކާސަލްގެ މެކްސިމައިން (ވ) ކައިރިން ޗެލްސީގެ ޖޯޖީނިއޯ ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނިއުކާސަލްގެ މެކްސިމައިން (ވ) ކައިރިން ޗެލްސީގެ ޖޯޖީނިއޯ ބޯޅަ ކޮންޓްރޯލް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސަސްޕެންޝަނުގެ ސަބަބުން އާސެނަލުން އެ ޓީމުގެ ކެޕްޓަން ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ނުލައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ ޒުވާން ފޯވާޑް ގަބްރިއެލް މާޓިނެލީ އެވެ. މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޝެފީލްޑަށް މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓައި އެއްވަރުކޮށްދިނީ ޖޯން ފްލެކް އެވެ.

މެޗުގެ އިތުރު ވަގުތުގައި އިސާކް ހޭޑަން ޖެހި ގޯލުން ނިއުކާސަލުން ޗެލްސީ ބަލިކުރިއިރު، މި މެޗުގައި ލަނޑު ޖަހަން ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމް އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އަބްރަހަމް ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑި އަށް ވެސް އަމާޒުވެފަ އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ޓޮޓެންހަމް ވަނީ ރޭ ކުޅުނު މެޗުން ރަށުންބޭރުގައި ވަޓްފޯޑާ އެއްވަރުވެފަ އެވެ. މި މެޗުގައި ވަޓްފޯޑްގެ ޓްރޯއި ޑީނޭ އަތުން ޕެނަލްޓީއެއް ބޭކާރުވިއިރު، ޓޮޓެންހަމްގެ އެރިކް ލަމޭލާ ޖެހި ބޯޅައެއް ގޯލުގެ ރޮނގުމަތިން ވަޓްފޯޑް ކުޅުންތެރިން ވަނީ ސަލާމަތްކޮށްފަ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ވުލްވްސް އިން ވަނީ ފަހަތުން އަރައި 3-2 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އެވަޓަން އާއި ވެސްޓް ހޭމް 1-1 އިން އެއްވަރުވިއިރު، ބްރައިޓަން އާއި އެސްޓަން ވިލާ ކުޅުނު މެޗު ވެސް ނިމުނީ 1-1 އިންނެވެ. އަދި ނޯވިޗުން ވަނީ މެޗުގެ ބޮޑުބައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ބޯންމައުތު 1-0 އިން ބަލިކޮށްފަ އެވެ.