Roadha Mihaaru
ސިޓީ އަށް ރެކޯޑެއް، ޓޮޓެންހަމް ޗެމްޕިއަންސް ލީގަށް

ސިޓީ އަށް ރެކޯޑެއް، ޓޮޓެންހަމް ޗެމްޕިއަންސް ލީގަށް

10 މެއި 2018

މެންޗެސްޓާ (މެއި 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗުން މޮޅުވެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ރެކޯޑް ގާއިމްކުރިއިރު، ޓޮޓެންހަމް ކުޅުނު މެޗުން ހޯދި މޮޅާ އެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (މެއި 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗުން މޮޅުވެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ރެކޯޑް ގާއިމްކުރިއިރު، ޓޮޓެންހަމް ކުޅުނު މެޗުން ހޯދި މޮޅާ އެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ބްރައިޓަން އަތުން 3-1 އިން މޮޅުވެ ސިޓީ ވަނީ 37 މެޗުން 97 ޕޮއިންޓް ހޯދައިފަ އެވެ. އެއާ އެކު ސިޓީން ވަނީ 2004/2005 ވަނަ އަހަރުގެ ސީޒަނުގައި ހޯސޭ މޮރީނިއޯގެ ޗެލްސީން 95 ޕޮއިންޓް ހަމަކޮށްގެން ހަދާފައި އޮތް ރެކޯޑް މުގުރާލައިފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަމާޒަކީ ލީގުގެ ފަހު މެޗުގައި ސައުތެމްޓަން ބަލިކޮށް 100 ޕޮއިންޓް ހަމަކުރުމެވެ.

ރޭގެ މެޗުގައި ސިޓީން ވަނީ އެ ޓީމުގެ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. އަށް އަހަރަށް ފަހު މި ސީޒަން ނިމުމުން ޔާޔާ ޓޫރޭ ވަނީ ސިޓީ ދޫކޮށްލަން ނިންމައިފަ އެވެ. ރޭގެ މެޗުގައި ސިޓީން ވަނީ ޓޫރޭ އެ ކްލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އޭނާ އަށް ހަދިޔާކޮށްފަ އެވެ.

ރޭ ޓޮޓެންހަމް ވަނީ ހެރީ ކޭން ޖެހި ހަމައެކަނި ގޯލުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ލީގުގެ ގަދަ ހަތަރެއް ޔަގީން ކޮށްފަ އެވެ. ލީގުގެ ގަދަ ހަތަރެއްގައި ނިންމާ ކޮންމެ ޓީމަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ލިބޭނެ އެވެ. ޓޮޓެންހަމް ރޭގެ މޮޅާ އެކު އޮތީ 37 މެޗުން 74 ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނައިގަ އެވެ.

ޓޮޓެންހަމްގެ ކެޕްޓަން އަދި ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރީސް ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އާސެނަލާއި ޗެލްސީ އަށް ވުރެ މަތިން ނިންމުމަކީ އެ ޓީމަށް ފަހުުރުވެރިވެވޭނެ ކަމެއް ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަށް ކުރަމުން އަންނަ މަސައްކަތަށް ރޭގެ މެޗުގައި ވަނީ ބޮޑު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން ވަނީ 1-1 އިން ހަޑްސްފީލްޑް ޓައުންއާ އެއްވަރުވެފަ އެވެ. މި ނަތީޖާއާ އެކު ހަޑްސްފީލްޑް ވަނީ އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންކޮށްފަ އެވެ.

ރޭގެ ނަތީޖާއާ އެކު ޗެލްސީ ލީގުގެ ފަސް ވަނައިގައި އޮތީ 37 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް 37 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ. ލިވަޕޫލް ގަދަ ހަތަރެއްގައި ނިންމަން ފަހު މެޗުން އަމިއްލަ ދަނޑުގައި ޕޮއިންޓަކުން ވެސް ފުއްދާލެވޭނެ އެވެ. އެއީ ޗެލްސީ ކުޅޭ މެޗުން ރަށުންބޭރުގައި ނިއުކާސަލް އަތުން މޮޅުވެ، ޕޮއިންޓުގެ ގޮތުން ލިވަޕޫލާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭނީ ލިވަޕޫލަށް ކަމަށްވާތީ އެވެ. ޗެލްސީ އަށް ދެން ގަދަ ހަތަރެއްގައި ނިންމޭނީ ލިވަޕޫލް ކުޅޭ މެޗުން ބަލިވެ، ޗެލްސީ ފަހު މެޗު ކާމިޔާބު ކޮށްގެންނެވެ.

މި އަހަރު ފެށި ފަހުން އާސެނަލް ލީގުގައި ރަށުންބޭރު މޮޅެއް ނުލިބި ކުރިއަށްދާއިރު، ރޭ ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން ވަނީ 3-1 އިން ބަލިވެފަ އެވެ. ކެލެޗީ އިހެނާޗޯގެ ލަނޑުން ލެސްޓާ ލީޑުނަގާދީފައިވަނިކޮށް އާސެނަލަށް އެއްވަރުކޮށްދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ލެސްޓާ މޮޅުވީ ޖޭމީ ވާޑީ ވައްދާލި ޕެނަލްޓީންނާއި ރިޔާދު މާރޭޒް ޖެހި ގޯލުންނެވެ. އާސެނަލް މި މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމަށް ކުޅޭ ގްރީސްގެ ޑިފެންޑަރު ކޮންސްޓަންޓިނޯސް މަވްރަޕޯނަސް އަށް މެޗުގެ 15 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކުމުންނެވެ. މިއީ 1994 ވަނަ އަހަރަށް ފަހު ލީގުގައި ލެސްޓާ އަތުން އާސެނަލް ބަލިވި ފުރަތަމަ މެޗެވެ.