Roadha Mihaaru
ހާލަންޑް ހުއްޓުމެއް ނެތް، ޑޯޓްމަންޑް ކުއާޓާ އަށް

ހާލަންޑް ހުއްޓުމެއް ނެތް، ޑޯޓްމަންޑް ކުއާޓާ އަށް

10 މާޗް 2021

މިއުނިކް (މާޗް 10) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަަނަ ލެގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު ބޮރޫޝިއާ ޑޯޓްމަންޑް އިން 2-2 އިން ސެވިއްޔާއާ އެއްވަރުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއުނިކް (މާޗް 10) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަަނަ ލެގުގައި ރޭ އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު ބޮރޫޝިއާ ޑޯޓްމަންޑް އިން 2-2 އިން ސެވިއްޔާއާ އެއްވަރުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ މަހު ސެވިއްޔާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޑޯޓްމަންޑް ވަނީ 3-2 އިން މޮޅުވެފަ އެވެ. ރޭ ޑޯޓްމަންޑް ދަނޑުގައި ކުޅުނު ދެ ވަނަ ލެގު އެއްވަރުވިއިރު، އެ ޓީމަށް އެގްރިގޭޓުން ކުރި ލިބުނީ 5-4 އިންނެވެ.

ރޭގެ މެޗުގައި ހާލަންޑް ޖެހި ދެ ގޯލާ އެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 20 ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މިއީ ކުރިން ކީލިއަން އެމްބާޕޭ އަތުގައި އޮތް ރެކޯޑެކެވެ. ހާލަންޑް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗެމްޕިއަންސް ލީގުގައި ފުރަތަމަ މެޗު ކުޅުނު ފަހުން މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާ އެވެ. ހާލަންޑާ އެންމެ ގާތުން ވާދަކުރަނީ އެ މުއްދަތުގައި 19 ގޯލު ޖެހި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހީ 35 ވަނަ މިނިޓްގައި މާކޯ ރެއުސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 54 ވަނަ މިނިޓްގައި ހާލަންޑް ދެ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. ހާލަންޑް ޕެނަލްޓީ ޖެހީ ދެ ވަނަ ފަހަރަށް ފޮނުވާލަން ލިބުނު ފުރުސަތުގަ އެވެ. ފުރަތަމަ ފަހަރު ހާލަންޑް ފޮނުވާލި ޕެނަލްޓީ ސެވިއްޔާގެ ކީޕަރު ބޯނޯ މަތަކުރި ނަމަވެސް އޭނާ މާ ކުރިން ހަރަކާތް ކުރުމުން ރެފްރީ ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ދިނީ އެވެ.

ސެވިއްޔާ އިން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ހިތްވަރެއް ލިބުނީ މެޗުގެ 68 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޔޫސުފް އެން-ނެސީރީ ޖެހި ޕެނަލްޓީންނެވެ. މިއީ ސެވިއްޔާގެ ލޫކް ޑި ޔޯން އަށް ޑޯޓްމަންޑްގެ އެމްރޭ ޗާން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އިތުރު ވަގުތުގައި އިވާން ރަކިޓީޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެން-ނެސީރީ ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ.

ޑޯޓްމަންޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2016-2017 ވަނަ އަހަރުގެ ސީޒަނުގަ އެވެ. މި ފަހަރު ކުއާޓާ ފައިނަލުގައި ޑޯޓްމަންޑް ކުޅޭ ޓީމެއް އެނގޭނީ މި މަހު 19 ވަނަ ދުވަހު ބާއްވާ ގުރުއަތުލުމުގަ އެވެ.