Roadha Mihaaru
ހާލަންޑުގެ ގޯލްތަކާ އެކު ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

ހާލަންޑުގެ ގޯލްތަކާ އެކު ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

19 ފެބުރުއަރީ 2020

ޑޯޓްމަންޑް (ފެބްރުއަރީ 19) – ބޮރޫޝިއާ ޑޯޓްމަންޑަށް އާލިން ހާލަންޑް ހަތް މެޗުން ޖަހައިދިން 11 ވަނަ ގޯލާ އެކު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ފްރާންސްގެ ޕީއެސްޖީ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ ދަނޑުގައި ދެ ވަނަ ލެގަށް ނުކުންނައިރު އެޑްވާންޓޭޖް އޮންނާނީ ޑޯޓްމަންޑަށެވެ. އެކަމަކު ރަށުން ބޭރުގައި ޖެހި ގޯލުގެ ފައިދާ ޕީއެސްޖީ އަށް ނެގިދާނެ އެވެ.

ޖެނުއަރީ މަހު ޑޯޓްމަންޑާ 22 މިލިއަން ޑޮލަރަށް ގުޅުނު ހާލާންޑް، 19، ވަނީ ކުރީގެ ކްލަބް އޮސްޓްރިއާގެ އާރްބީ ސަލްޒްބާގަށް 22 މެޗުން 28 ގޯލް ޖަހައިދީފަ އެވެ. އެއާ އެކު އޭނާ ހޯދަން ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން މަސައްކަތްކުރި އެވެ. ޑޯޓްމަންޑާ ގުޅި މިހާތަނަށް ގިނައިން އެރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ރޭ ފުލްކޮށް އަރައި އޭނާ 69 ވަނަ މިނެޓުގައި ލީޑު ނަގައިދިނެވެ. އޭގެ ހަ މިނެޓު ފަހުން ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ނޭމާ ޕީއެސްޖީ އަށް އެއްވަރުކޮށްދިނެވެ. އަދި ދެ މިނެޓު ފަހުން ހާލަންޑް ޑޯޓްމަންޑް މޮޅުވި ލަނޑު ޖެހި އެވެ.

ހާލަންޑް ޗެމްޕިއަންސް ލީގުގައި ދެ ޓީމަށް ޖަހައިދިން ގޯލްތަކާ އެކު ހަތް މެޗުން 10 ގޯލް ހަމަކޮށް އޭނާ ވަނީ އެ އަދަދަށް އެންމެ އަވަހަށް ލަނޑު ހަމަކުރި ކުޅުންތެރިޔާ އަށް ވެފަ އެވެ.

ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޝެލް ބުނީ އެކަށީގެންވާ ވަރަށް ބޯޅަ ނުހިފެހެއްޓުނު ކަމަށާއި އާދައިގެ ގޯސްތައް ވެސް މާ ގިނަވީ ކަމަށެވެ. އޭނާ ބުނީ މި ނަތީޖާއާ އެކު އުނދަގޫތަކެއް ވާނެ ކަމަށާއި އެކަމަކު އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ ކުރިން ޓީމު ހަމަޔަކަށް އެޅިލަން އިތުރު މެޗުތަކެއް ލިބޭނެ ކަމަށެވެ.