Roadha Mihaaru
ކަޅުވަކަރު މިސްކިތް ހުޅުވުމަކީ ބޮޑު ކާމިޔާބީއެއް:ޔުމްނާ

ގެއްލެން އުޅުނު ކަޅުވަކަރު މިސްކިތް އަލުން ހުޅުވުމަކީ ބޮޑު ކާމިޔާބީއެއް: ޔުމްނާ

17 ނޮވެމްބަރ 2020

ކުރީގެ ސަރުކާރުގައި ރޫޅާލައި މާލެ އިން ބޭރުކުރަން އުޅުނު ތާރީޚީ ކަޅުވަކަރު މިސްކިތް، ރާވައި އަލުން ހުޅުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުގައި ރޫޅާލައި މާލެ އިން ބޭރުކުރަން އުޅުނު ތާރީޚީ ކަޅުވަކަރު މިސްކިތް، ރާވައި އަލުން ހުޅުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައި ކަޅުވަކަރު މިސްކިތް މިއަދު ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސަލްޓަންޕާކުގައި ހުރި މިސްކިތް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލައި ޕާކް އަލުން ހެދިއިރު މިސްކިތް ހުރި ތަނުގައި އަޅާފައިވަނީ އައިސް ސްކޭޓްކުރެވޭ ގޮތަށް ވިންޓަ ތީމް ޕާކެކެވެ. މިކަމުގައި ކުރީގެ ސަރުކާރަށް ފާޑުކިއުން އަމާޒުވުމުން ކަމާގުޅޭ އިދާރާތަކުން ބުނެފައި ވަނީ މިސްކިތް އެ ތަނުން ނެގީ އެހެން ތަނަކަށް ބަދަލުކުރަން ކަމަށެވެ.

ކުރީގެ ސަރުކާރުން ފުރަތަމަ ވިސްނީ ހުޅުމާލޭގައި މިސްކިތް ބަހައްޓާށެވެ. އެކަމަކު ފަހުން، ގދ. ތިނަދު އަށް ގެންދަން ނިންމި ނަމަވެސް ސަރުކާރުން ފަހުން އެކަމާ ގުޅޭ މައުލޫމާތު އާއްމުންނާ ހިއްސާއެއް ނުކުރެ އެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލުމަކީ، ހެރިޓޭޖް ޑިޕާޓްމެންޓު ހިންގެވުމާ އޭރު ހަވާލުވެ ހުންނެވި މިނިސްޓަރު ޔުމްނާ ވަރަށް ހިތްހަމަޖެހިވަޑައިނުގަތް ކަމެކެވެ. ކުރީގެ ސަރުކާރުގައި މަގާމުން އިސްތިއުފާ ދެއްވީ މިސްކިތް ރޫޅާލުމުން ކަަމަށް ކަޅުވަކަރު މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ މިއަދު ވިދާޅުވި އެވެ.

"ސަގާފީ ތަރިކަ ރައްކާތެރި ނުކުރެވޭ ގޮތަށް އެތަނުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ،" ޔުމްނާ ވިދާޅުވި އެވެ.

އެ މިސްކިތް މިހާރު ބަހައްޓާފައި ވަނީ، ދާރުލް އާސާރާ ޖެހިގެން އޮތް، ދިރާގުގެ ހެޑް އޮފީސް ކުރިން ހުރި ބިމާއި ސަލްޓަން ޕާކުން ބައެއް ނަގައިގެން ކަނޑައަޅާފައިވާ ސަރަހައްދެއްގަ އެވެ.

ސަލްޓަން ޕާކު ތަރައްގީކުރަން މިސްކިތް ރޫޅާލި މައްސަލައިގައި ޔުމްނާ ވިދާޅުވީ ދެމެހެއްޓެނެވި ތަރައްގީއެއް ހޯދޭނީ އިސްލާމްދީނާއި ސަގާފަތާއި ފަންނުވެރިކަން ހިމަނައިގެން ކަމަށެވެ. އިސްލާމްދީން ނުވަތަ އަމިއްލަ ވަންތަކަން ދޫކޮށްލާފައި ގެންނަ ތަރައްގީއަކީ ހަގީގީ ދެމެހެއްޓެނިވި ތަރައްގީއެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން މިއަދު މި މަގާމުގައި ހުންނަން ފުރުސަތު އަޅުގަނޑަށް ދެއްވީތީ، ރައީސަށް ޝުކުރު ދަންނަވަން. ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ، ގެއްލިގެން އެހެން ތަނަކަށް ދާން އުޅުނު މިސްކިތެއް،" ޔުމްނާ ވިދާޅުވި އެވެ.

އެ މިސްކިތް އަލުން ބެހެއްޓުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަން ވެސް ޔުމްނާ ފާހަގަކުރެއްވި އެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ/މިހާރު

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކަޅުވަކަރު މިސްކިތުން ދައްކައިދެނީ ރާއްޖޭގެ ޒަމާންވީ އިސްލާމީ ތާރީޚެވެ. މިސްކިތްތަކުން ފެންނަނީ ވެސް ދިވެހިން އިސްލާމްދީނާއި ތަރިކައަށް ހުރި ލޯބި ކަމަށް ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް ހަދާފައި ވަނީ ހިރި ގަލާއި ކަޅުވަކަރުންނެވެ. އެ މިސްކިތުގެ ރީތިކަން ފުރިހަމަ ވަނީ ބިންވަޅު ނަގާފައިވާ ކުރެހުންތަކުންނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މިސްކިތް ނީލަން ކިޔައި ވިއްކާލި އެވެ. މިސްކިތް ރޫޅާލައިގެން ރިސޯޓަކަށް ގެންދިއުމުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.

މިސްކިތް އަލުން މާލެ ގެނެސް ސަލްޓަން ޕާކުގައި ބެހެއްޓީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ 35 އަހަރު ފަހުން 2016 ގައި އަނެއްކާ އެ މިސްކިތް ރޫޅާލުމުން، ވަކަރުން ހަދާފައިވާ ބައިތަކަށް ގެއްލުން ލިބޭނެ ކަމަށް ތަރިކަ ހިމާޔަތްކުރުމުގެ ތަޖުރިބާ ހުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. މިސްކިތް އަލުން ރޭވީ، ވަކަރުން ހަދާފައިވާ ބައިތަކަށް ފަރުވާދިނުމަށް ފަހު ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފަ އެވެ.