Roadha Mihaaru
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި

ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި

25 ޖުލައި 2019

ކަޅުވަކަރު މިސްކިތް މަރާމާތުކޮށް ބަހައްޓަން ކަނޑައަޅާފައިވާ ތަނުގައި ރާވައި ނިމޭނީ ނޮވެމްބަރު ހިސާބުގައކ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކަޅުވަކަރު މިސްކިތް މަރާމާތުކޮށް ބަހައްޓަން ކަނޑައަޅާފައިވާ ތަނުގައި ރާވައި ނިމޭނީ ނޮވެމްބަރު ހިސާބުގައކ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް އިސްމާއީލް ނާއިލް ވިދާޅުވީ އެ މިސްކިތުގެ މަސައްކަތް ލަސްވަނީ ހަލާކުވެފައިވާ ބައިތައް ސާފުކޮށް މަރާމާތުކުރުމަކީ ކަވި މަސައްކަތަކަށް ވުމާއި މަަސައްކަތް ކުރަން ތިބި މާހިރުން މަދުވުމުން ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ ލިޔެލާޖެހި ބައިތައް ސާފުކޮށް، ހަލާކުވެފައިވާ ތަންތަން ފާހަގަކޮށް މަރާމާތު ކުރުމުގެ މަސައްކަތް. މިއީ ވަރަށް ލަސްލަހުން ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތެއް. އަނެއްކާ މިކަމުގެ މާހިރުން ވެސް މަދު،" އޭނާ ވިދާޅުވި އެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައި ވަނީ ދާރުލް އާސާރާ ޖެހިގެން އޮތް، ދިރާގުގެ ހެޑް އޮފީސް ކުރިން ހުރި ބިމާއި ސަލްޓަން ޕާކުން ބައެއް ނަގައިގެން ކަނޑައަޅާފައިވާ ސަރަހައްދެއްގަ އެވެ. އެ ސަރަހައްދު ކަނޑައެޅުމަށް ފަހު އެ މިސްކިތް ބެހެއްޓުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ހެރިޓޭޖް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ މޭ މަހު އެވެ. އެކަމަކު ނާއިލް ވިދާޅުވި ގޮތުން އެ މިސްކިތް ބެހެއްޓުމުގެ މަަސައްކަތަށް ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަސައްކަތްކުރާނެ ބަޔަކު އަދި އޮތީ ކަނޑަނޭޅި އެވެ.

"ބިޑިން ޕްރޮސެސްގައި ގާނޫނީ މައްސަލަތަކެއް ވެސް ދިމާވެގެން އަޅުގަނޑުމެން މި އުޅެނީ ގާނޫނީ ލަފަޔަކަށް ވެސް އެދިގެން. އެކަމަކު މަސައްކަތް ހަވާލުކުރާނެ ބަޔަކު އަންނަ އޮގަސްޓް މަހު ކަނޑައެޅޭވަރު ވާނެ،" އޭނާ ވިދާޅުވި އެވެ.

ކުރިން ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރޫޅާލައި މާލެ ނޫން ތަނަކަށް އެ މިސްކިތް ބަދަލު ކުރަން އުޅުނު ނަމަވެސް، އެ މިސްކިތް އަލުން ރާވައި މާލޭގައި ބެހެއްޓުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ.