Roadha Mihaaru
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12

ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12 ވަނަ ދުވަސް ހަމަޖައްސައިފި

07 ނޮވެމްބަރ 2023

ރާއްޖޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12 ވަނަ ދުވަސްކަމަށް މިއަދު ކަނޑައަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12 ވަނަ ދުވަސްކަމަށް މިއަދު ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ ވަކި ދުވަހެއްގެ ގޮތުގައި ގައުމީ ތަރިކައިގެ ދުވަހެއް ކަނޑައެޅީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔުމްނާ ވިދާޅުވީ މީގެ ކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ސެޕްޓެމްބަރު 12، 2019 ގައި ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކުރުމުން ރާއްޖޭގެ ސަގާފީ ތަރިކައަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. ގައުމީ ފެންވަރުގައި އެ ދުވަސް ފާހަގަކުރަން ހަމަޖެއްސި ސެޕްޓެންބަރު 12 އަކީ ތަރިކައިގެ ގާނޫނު ވުޖޫދުވި ދުވަހެވެ.

ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.