Roadha Mihaaru
ގައުމީ ފެންވަރުގައި 3 ރަށެއްގައި އީދު ފާހަގަކުރަނީ

ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

25 އެޕްރީލް 2024

ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ބޮޑު އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އެ ރަށަކުން އީދުގައި ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން އެކަމަށް ކުރާނެ ހަރަދުތަކާއި އަގަކާ ނުލައި އެ ރަށަކުން ކުރާނެ ކަންތައްތަކަށް ކަމަށެވެ. މިނިސްޓްރީން އެކަމަށް ބޭނުން ވާނެ ފައިސާގެ އަދަދު ވެސް ހިމަނަން ޖެހެ އެވެ.

ސަގާފަތާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ތިން ރަށެއްގައި ފާހަގަކުރުމަށް ވަނީ ނިންމައިފަ އެވެ. އެކަމަކު ރަށްތައް ކަނޑައަޅާނީ އެންމެ ރަނގަޅު ތިން ޕްރޮޕޯސަލް ހުށަހަޅާ ރަށްތައް ބެލުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް އެ މިނިސްޓްރީގެ events@mdlch.gov.mv މެއިލް ކުރުމަށް ވަނީ އެދިފަ އެވެ. އެ އިއުލާނާ އެކު މިނިސްޓްރީން ވަނީ މާކްސް ދޭނެ ގޮތުގެ ލިޔުން ވެސް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި އިސްރަށްވެހިންނަށް ބައިވެރިވެވޭނެ ކުޅިވަރުތައް ހިމެނުމާއި ދިވެހި ސަގާފަތް ދައްކުވައިދޭ ކުޅިވަރު ހިމަނާފައިވާ ނަމަ ވެސް މާކްސް ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 17 އެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަރުކާރު ބަންދުވެ އެވެ. ހައްޖު ދުވަހަކީ ޖޫން 16 އެވެ.