Roadha Mihaaru
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި

ރާއްޖޭގައި އެންމެ ދުވަސްވީ ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި

22 ސެޕްޓެމްބަރ 2023

ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގަބުރުސްތާނު އަދި ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓުގައި ހިމެނޭ އައްޑޫ ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަކަށް ބަޔަކު މިއަދު ގެއްލުން ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގަބުރުސްތާނު އަދި ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓުގައި ހިމެނޭ އައްޑޫ ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާތަކަކަށް ބަޔަކު މިއަދު ގެއްލުން ދީފި އެވެ.

އައްޑޫ މީދޫގެ ކައުންސިލަރު އާމިނަތު ސޯލިހާ ވިދާޅުވީ އެތަނަށް ގެއްލުން ދީފައި ވަނީ މިއަދު ހުކުރު ވަގުތު ކަމަށެވެ.

"އެއީ ބަޔަކު ހަމަ ގަސްތުގައި ގެއްލުން ދީފަ. ސެކިއުރިޓީ ބަލަހައްޓާ މީހާ ހުކުރަށް ދިޔަ ވަގުތު އެ ގާތަކަށް ގެއްލުން ދީފަ އެ ހުރީ." އޭނާ ވިދާޅުވި އެވެ.

ގެއްލުން ދީފައި ހުރީ ކިހާ އަދަދެއްގެ ގަލަކަށް ކަން އަދި ސާފު ނުވާ ކަމަށާއި އެކަން ބެލުމަށް ކައުންސިލްގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ސޯލިހާ ވިދާޅުވި އެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ކުށެއް ކަމަށާއި އަދި އެއީ މުޅި ގައުމަށް ލިބޭ ގެއްލުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫ، މީދޫ ކޯގަންނު ގަބުރުސްތާކުގެ މަހާނަ ގާތަކަށް ގެއްލުން ދީފައި.-- ފޮޓޯ: މުހައްމަދު ތޮއްތިބު/ފޭސްބުކް

އައްޑޫ، މީދޫ ކޯގަންނު ގަބުރުސްތާކުގެ މަހާނަ ގާތަކަށް ގެއްލުން ދީފައި.-- ފޮޓޯ: މުހައްމަދު ތޮއްތިބު/ފޭސްބުކް

މަހާނަ ގާތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލުން ބަލަމުންދާ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.

މީދޫ އަވަށުގައި ހުންނަ އެ ގަބުރުސްތާނަކީ މީގެ 900 އަހަރު ކުރިން އެ ރަށުގައި ފުރަތަމަ އިސްލާމްދީން ގަބޫލުކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލާފައިވާ ތަނެއް ކަމަށް ތާރީހު ދިރާސާ ކުރައްވައި ބޭފުޅުން ވިދާޅުވެ އެވެ. އެއީ މިހާރު އޮތް އެންމެ ބޮޑު އަދި އެންމެ ގަދީމީ ގަބުރުސްތާނެވެ.

ކޯގަންނު ގަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ވެސް ހިމެނޭ ތަނެކެވެ. އެއީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރަން ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދޭ ޖަމާއަތެކެވެ.

އެ ގަބުރުސްތާނަށް ގެއްލުން ދީފައި ވާއިރު، މިދިޔަ އަހަރު ފުވައްމުލަކު ހުކުރު މިސްކިތުގައި އޮންނަ އާސާރީ ގަބުރުސްތާނުގެ މަހާނަ ގާތަކަކަށް ގެއްލުން ދިން މައްސަލައެއް ވެސް ފެންމަތިވެފަ އެވެ.

ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން، ތަރިކަ އަށް ގެއްލުން ދިނުމަކީ ބޮޑު އަދަބެއް ލިބޭ ކުށެކެވެ. އެއީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ އާއި ޖިނާއީ ދައުވާ ވެސް އަންނަ ކުށެކެވެ.

ގާނޫނު ބުނާ ގޮތުން، ތަރިކަ އަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި، 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.