Roadha Mihaaru
ޔުމްނާ ފުރަތަމަ ވެސް ހޯއްދެވީ ކަޅުވަކަރު މިސްކިތް

މިނިސްޓަރު ޔުމްނާ ފުރަތަމަ ވެސް ހޯއްދެވީ ކަޅުވަކަރު މިސްކިތް

19 ނޮވެމްބަރ 2018

މި ސަރުކާރުގެ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫންގެ ރަސްމީ ފުރަތަމަ ދުވަހުގެ މަސައްކަތް، ކަޅުވަކަރު މިސްކިތަށް ޚާއްސަ ކުރައްވައި، އެ މިސްކިތުގެ ބައިތައް ހުރި ތަން މިއަދު ހޯއްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫންގެ ރަސްމީ ފުރަތަމަ ދުވަހުގެ މަސައްކަތް، ކަޅުވަކަރު މިސްކިތަށް ޚާއްސަ ކުރައްވައި، އެ މިސްކިތުގެ ބައިތައް ހުރި ތަން މިއަދު ހޯއްދަވައިފި އެވެ.

ސަލްޓަންޕާކުގައި ހުރި މިސްކިތް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅައިލީ، އެ ތަން ތަރައްގީ ކުރުމަށެވެ. އެތަނަށް ބޮޑު ބަދަލުތަކެއް ގެނެސް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް، "ރަސްރަނި ބަގީޗާ"ގެ ނަން ވަނީ ދީފަ އެވެ. މިސްކިތް ހުރި ތަނުގައި ވަނީ އައިސް ސްކޭޓްކުރާ ތަނެއް ހަދައިފަ އެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލައި، ގދ. ތިނަދު އަށް ގެންދަން ނިންމި ނަމަވެސް ސަރުކާރުން ފަހުން އެކަމާ ގުޅޭ މައުލޫމާތު އާއްމުންނާ ހިއްސާއެއް ނުކުރެ އެވެ. އެހެންވެ، ޔުމްނާ ފުރަތަމަ ހޯއްދެވީ މިސްކިތުގެ ބައިތައް ހުރި ތަނެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންގެ މުހިއްމު ތަރިކައިގެ ބައިތައް ބަހައްޓާފައި ހުރީ ނެޝެނަލް މިއުޒިއަމްގައި ކަމަށެވެ. މިސްކިތް އަލުން ރާވާން ނިންމާފައިވާއިރު، އޭގެ ކުރިން އޭގައި ހިމެނޭ ހިރިގަލާއި ވަކަރަށް ފަރުވާ ދޭން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން ޔުމްނާ އިސްތިއުފާ ދެއްވީ، ކަޅުވަކަރު މިސްކިތް ރޫޅާލަން އުޅުމުން، އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. ޒަމާންވީ އެ މިސްކިތް ރޫޅާލުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވި އެވެ.

ފުރަތަމަ ނިންމީ އެ މިސްކިތް ހުޅުމާލޭގައި ބަހައްޓާށެވެ. ގދ. ތިނަދު އަށް ބަދަލުކުރުމަކީ އޭގެ ފަހުން އައި ވިސްނުމެކެވެ.

ކަޅުވަކަރު މިސްކިތުގެ ބައިތައް ނެޝެނަލް މިއުޒިމްގައި.

ކަޅުވަކަރު މިސްކިތުގެ ބައިތައް ނެޝެނަލް މިއުޒިމްގައި.

ކަޅުވަކަރު މިސްކިތް ހަދާފައި ވަނީ ހިރި ގަލާއި ކަޅުވަކަރުންނެވެ. އެ މިސްކިތުގެ ރީތިކަން ފުރިހަމަ ވަނީ ބިންވަޅު ނަގާފައިވާ ކުރެހުންތަކުންނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މިސްކިތް ނީލަން ކިޔައި ވިއްކާލި އެވެ. މިސްކިތް ރޫޅާލައިގެން ރިސޯޓަކަށް ގެންދިއުމުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ.

މިސްކިތް އަލުން މާލެ ގެނެސް ސަލްޓަން ޕާކުގައި ބެހެއްޓީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ 35 އަހަރު ފަހުން 2016 ގައި އަނެއްކާ އެ މިސްކިތް ރޫޅާލުމުން، ވަކަރުން ހަދާފައިވާ ބައިތަކަށް ގެއްލުން ލިބޭނެ ކަމަށް ތަރިކަ ހިމާޔަތްކުރުމުގެ ތަޖުރިބާ ހުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި މިސްކިތް ކަނޑުމަގުން ތިނަދު އަށް ގެންދިއުމާ ދެކޮޅަށް ވެސް އަޑު އުފުލި އެވެ.

ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކަޅުވަކަރު މިސްކިތް ފަދަ ތަންތަން ރޫޅާލުމަކީ މަނާ ކަމެކެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، "ދިވެހި ރާއްޖޭގެ ސަރަހައްދު ތެރޭގައިވާ އާސާރީ އަދި ތާރީހީ ތަންތަނާއި ތަކެތި ހަލާލުކޮށް ރޫޅާލައި އެފަދަ ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާ ކަމެއް" ކަމަށެވެ.