Roadha Mihaaru
ސަގާފީ ޓޫރިޒަމަށް ވިސްނަން ރައީސް އެދިވަޑައިގެންފި

ސަގާފީ ޓޫރިޒަމް ކުރިއަރުވަން ވިސްނަން ރައީސް އެދިވަޑައިގެންފި

17 ނޮވެމްބަރ 2020

ކޮވިޑް-19 އިން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަނެ، އިގުތިސާދީ ދާއިރާތައް އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު، ސަގާފީ ޓޫރިޒަމް އާލާކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އިން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަނެ، އިގުތިސާދީ ދާއިރާތައް އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު، ސަގާފީ ޓޫރިޒަމް އާލާކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސަލްޓަންޕާކުގައި ހުއްޓައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ރޫޅާލި ކަޅުވަކަރު މިސްކިތް އަލުން ރާވައި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ އިގުތިސާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށް ވެސް ދެކިގެން ކަމަށެވެ.

"މި ޒަމާނުގައި ތަރިކަ އަގު ކުރެވޭ ގޮތަށް ބަލާއިރު، ތަރިކައަކީ އިގުތިސާދީ ވަރަށް މުހިންމު ވަސީލަތެއް. ސަގާފީ ތަރިކައަކީ، ފަތުރުވެރިކަން ވިއްކުމުގައި، ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތް. އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި، ސަގާފަތާއި ތަރިކައާ ގުޅުވުމަކީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ސަގާފަތާއި ފަންނުވެރިކަމާ ގުޅިފައިވާ ކަޅުވަކަރު މިސްކިތަކީ ތާރީޚީ ވަރަށް ބޮޑު ހަޒާނާއެކެވެ. ތާރީޚުގެ އަނދިރިކަމުގެ ތެރެއަށް މިސްކިތް ގެއްލެން ދަނިކޮށް، ސަލާމަތް ކުރެވުމަކީ މުހިއްމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އެ މިސްކިތް ގާއިމުވެ ހުންނާނެ ދާއިމީ ބިމެއް ކަށަވަރު ނުވެ 230 އަހަރު ހޭދަވި ކަން ރައީސް ފާހަގަކުރެއްވި އެވެ. މި ސަރުކާރުން އެ މިސްކިތް އަލުން ބަހައްޓަން ހަމަޖައްސައިދިން ބިމަކީ އެ މިސްކިތުގެ ދާއިމީ ވަޒަން ކަމަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މިސްކިތް އަލުން ބިނާކުރީ، ގާނޫނީ ގޮތުން ވެސް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ސަގާފީ ތަރިކައިގެ ގާނޫނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، ކަޅުވަކަރު މިސްކިތް ފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ދައުލަތާއި ރައްޔިތުންގެ ވެސް ޒިންމާއެކެވެ.

"އިމާރާތް ކުރުމުގެ ފަންނުވެރިކަމަށް ބެއްޔަސް މިއީ ވަރަށް މުހިއްމު މިސްކިތެއް. އަދި މި މިސްކިތް ބިނާކުރުމަށް ބޭނުންކުރެވިފައިވާ ތަކެއްޗަށް ބެއްޔަސް، މިއީ ވަރަށް ނާދިރު މިސްކިތެއް. ރާއްޖޭގައި ކަޅުވަކަރުން އިމާރާތް ކޮށްފައިވާ މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތަކީ މި މިސްކިތް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިސްކިތް އުފެދިގެން އައި ގޮތަށް ބަލާއިރު، އެއީ ރައްޖޭގެ ސިޔާސީ ހަޔާތާ ވެސް ގުޅިފައިވާ ތަނެއް ކަމަށެވެ. އެ މިސްކިތް އުފަންވެގެން އައީ ދިވެހި ރަސްކަން ދިގަމިގިލީ ދަރިކޮޅުން، ހުރާ ދަރިކޮޅަށް ފުރޮޅިގެންދިޔަ ހާދިސާގެ ތެރެއިން ކަން ފާހަގަކުރެއްވި އެވެ. އެ ވާދަވެރިކަމުގެ ތެރޭގައި، ތިމަންނާއަށް ރަސްކަން ލިބިއްޖެ ނަމަ، އޭރު ހުރި ގަނޑުވަރު ރޫޅާލާފައި މިސްކިތެއް ބިނާކުރާނެ ކަމަށްވީ ނަދުރެއްގެ ގޮތުން ފެއްޓެވި މަސައްކަތެއް ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.