Roadha Mihaaru
ޓޫރިޒަމަށް ދިރުން އަންނަތަން އެބަ ފެނޭ: ރައީސް

ޓޫރިޒަމަށް ދިރުން އަންނަ ތަން އެބަ ފެނޭ: ރައީސް

03 ޑިސެމްބަރ 2020

ކޮވިޑް-19ގެ ސަބަބުން ހުއްޓިފައިވާ ޓޫރިޒަމްގެ ދާއިރާ އަށް މިހާރު ދިރުން އަންނަ ތަން އެބަ ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ސަބަބުން ހުއްޓިފައިވާ ޓޫރިޒަމްގެ ދާއިރާ އަށް މިހާރު ދިރުން އަންނަ ތަން އެބަ ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން ދިވެހިން ކުރިމަތިލާން ޖެހިފައިވާ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، އިގުތިސޯދީ ގޮތުން ބޮޑެތި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ރާއްޖޭގެ އިގްތިސޯދުގައި އެންމެ ބޮޑު ހިއްސާވާ ޓޫރިޒަމް އިންޑަސްޓްރީ، އޭގެ ސަބަބުން ހުއްޓުމަކަށް އައި ކަމަށާއި އެކަމަކު މިހާރު އެ ދާއިރާ އަށް ދިރުން އަންނަ ކަމުގެ ނިޝާންތައް ފެނިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ޓޫރިޒަމް ސީޒަނަކީ އުއްމީދީ ދުވަސްތަކަކަށް ވާނެކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ،" ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމަށް އަންނަ ކުރިއެރުމާއެކު އަހަރު ފަހުކޮޅު، އިގްތިސާދީ "ބޫމް"އެއް އަންނާނެ ކަމަށް މާހިރުން ލަފާކުރައްވާ ކަމަށް މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެހާ ބޮޑު ދަތިކަމެއް ކުރިމަތިވީ، ބަލިމަޑުކަމާ ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓުމާ ގުޅިގެންނެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުމުން، ގިނަ ރިސޯޓުތަކެއްގެ ހިންގުން ވެސް ހުއްޓި އެތައް މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލުނެވެ. އެކަމަކު ޓޫރިޒަމްގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު، ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 51،354 ޓޫރިސްޓުން ރާއްޖެ އައިސްފި އެވެ.

ޓޫރިޒަމް މިނިސްޓްރިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް މި މަހު އެކަނި 10،972 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ ބޯޑަރު ހުޅުވި ފަހުން މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައި ފަހަރެވެ.

ރައީސް ވިދާޅުވީ އިގްތިސޯދީ ގޮތުން މި އަހަރު ކުރިމަތިވި ގޮން ޖެހުންތަކާއެކު، އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި، ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާނީ ވެސް އެކަމަށް ވިސްނައިގެން ކަމަށެވެ.