Roadha Mihaaru
ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 100 މިލިއަން ފައިދާ

ތިން ވަނަ ކުއާޓާގައި އެސްޓީއޯގެ ސާފު ފައިދާ އަށް 100 މިލިއަން ރުފިޔާ

29 އޮކްޓޯބަރ 2020

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މިިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް މިއީ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. ފުރަތަމަ ކުއާޓާރުގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދެ ވަނަ ކުއާޓަރުގައި 105 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެސްޓީއޯގެ މިދިޔަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާގޮތުގައި އެ ކުންފުންޏަށް އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާާޓަރާ އަޅާބަލާއިރު 701 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މިދިޔަ ކުއާޓަރުގެ އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުންނެވެ. ތެލުގެ ވިޔަފާރިން 818 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ވިޔަފާރިތަކުން 727 މިލިއަން ރުފިޔާ ލިބުނެވެ.

ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ މިދިޔަ ކުއާޓަރުގެ ހިންގުމުގެ ފައިދާ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 151 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރު ލިބިފައިވަނީ 120 މިލިއަން ރުފިޔާ އެވެ.