Roadha Mihaaru
ސީރިއާގެ ހަލަބުގެ ހާލަތާމެދު އދ.ގެ މަންދޫބަށް ޝޮކެއް

ސީރިއާގެ ހަލަބުގެ ހާލަތާ މެދު އދ.ގެ މަންދޫބު ޝޮކެއްގައި

31 އޮކްޓޯބަރ 2016

ދިމިޝްގު (އޮކްޓޯބަރު 31) - ސީރިއާގެ ހަލަބު ސިޓީގައި އާއްމުންނަށް އިދިކޮޅު ހަނގުރާމަވެރިންދޭ ހަމަލާތަކާ މެދު ބިރުވެރިކަން އުފެދި ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށް އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން ޑި މިސްތުރާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮކްޓޯބަރު 31) - ސީރިއާގެ ހަލަބު ސިޓީގައި އާއްމުންނަށް އިދިކޮޅު ހަނގުރާމަވެރިންދޭ ހަމަލާތަކާ މެދު ބިރުވެރިކަން އުފެދި ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށް އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން ޑި މިސްތުރާ ވިދާޅުވެއްޖެ އެވެ.

މިސްތުރާ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ދިން ރޮކެޓް ހަމަލާތަކުގައި އާއްމުންގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށެވެ. އަދި މިއީ ހަނގުރާމައިގެ ބޮޑެތި ކުށްތަކާ އެއްވަރުގެ ޖަރީމާތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ހަލަބުގެ އިރުމަތީގެ ހިސާބުތައް ސަރުކާރުގެ ބާރުގެ ދަށުގައި އޮތް އޮތުން ނިމުމަކަށް ގެންނަން އިދިކޮޅު ހަނގުރާމަވެރިން ވަނީ ހުކުރު ދުވަހު ވަރުގަދަ ހަމަލާތަކެއް ފަށައިފަ އެވެ. ހަލަބުގެ އިރުމަތީގައި 275،000 އަށް ވުރެ ގިނަ އާއްމުން ތާށިވެފައި ތިބޭތާ އެތައް މަހެއް ވެއްޖެ އެވެ.

ހަލަބުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސީރިއާ އާއި ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުތަކުން ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން 2،700 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުން ހަލަބުން ނުކުތުމަށް ރަޝިޔާ އިން ވަނީ އޮކްޓޯބަރު 18 ވަނަ ދުވަހު ވައިގެ ހަމަލާތައް މެދުކަނޑާލައިފަ އެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުންހިފާ ހަލަބު ދޫކޮށްދިޔައީ މަދު ބައެކެވެ.

ސީރިއާ ސަރުކާރު މީޑިއާ އިން އިއްޔެ ބުނީ ހަލަބުގައި ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައިވާ ހިސާބުތަކަށް އިދިކޮޅު ހަނގުރާމަވެރިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންގެ ތަރުޖަމާނަކު އޭޕީ އަށް ބުނީ އެ މީހުންގެ އަތުގައި ކެމިކަލް ހަތިޔާރެއް ނެތް ކަމަށެވެ. ހަލަބުގައި ހަނގުރާމަކުރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި އަލްގައިދާއާ ގުޅުން އޮތް ކުރީގެ ނުސްރާ ފްރަންޓް ނުވަތަ މިހާރުގެ ޖަބްހަތު ފަތަހަ އަލް ޝާމް އަދި އަހުރާރު އަލް ޝާމް ހިމެނެ އެވެ.